މީޑިއާ ރެގިއުލޭޝަންގެ ނަމުގައި ހުށަހެޅިފައިވާ ބިލަކީ ހަގީގަތުގައި ރައްޔިތުންގެ އަޑު ކަނޑުވާލުމަށް އަމާޒުކޮށްފައިވާ ބިލެއްކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
މީޑިއާ ރެގިއުލޭޝަން ބިލާ ގުޅިގެން އިހުތިޖާޖުކުރައްވައި ވާހަކަފުޅު ދައްކަވަމުން ފައްޔާޒް ވިދާޅުވީ، މި ބިލަކީ މީޑިއާ ކޮންޓްރޯލްކުރުމަށް ހުށަހަޅާފައިވާ ބިލެއް ނޫންކަމަށާއި، މިއީ ދިވެހި ރައްޔިތުން ކޮންޓްރޯލްކުރުމަށް އަމާޒުކޮށްފައިވާ ބިލެއްކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ދަށުން ރާއްޖެ ފުނޑުފުނޑުވަމުންދާ ވާހަކަތައް ހުއްޓުވުމަށް މި ބިލު ހުށަހަޅާފައިވާކަމަށް ފާހަގަކުރައްވައި، ފުރަތަމަ ކަމެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ތަޅުލައްވައި، އެތަން އެމަނިކުފާނުގެ ބާރުވެރިކަމުގެ ދަށަށް ގެންނެވިކަމަށް ފައްޔާޒް ވިދާޅުވިއެވެ.
”އޭގެ ފަހުން ޖުޑިޝަރީގެ ފުރިހަމަ ކޮންޓްރޯލް ނަންގަވައި، އެތަނަކީވެސް އެމަނިކުފާނުގެ މުށުތެރޭގައި އޮތް ތަނަކަށް ހެއްދެވި. ދެން ކައުންސިލްތައް ބަންދުކުރައްވައި، އެތަންތަނުގެ ބާރުވެރިކަން ނައްތާލައްވައި، ހިދުމަތްތައް ހުއްޓުވާލައްވައި، ލާމަރުކަޒީ ނިޒާމުގެ ހުރިހާ ބާރުތަކެއް ސަރުކާރުގެ އަތްމައްޗަށް ނެންގެވި،“ފައްޔާޒް ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއަރޕާސަން އިތުރަށް ވިދާޅުވީ، މަޖިލިސް މެދުވެރިކޮށް ސަރުކާރުން ބޭނުންވާ ގޮތަކަށް ބިލުތައް ފާސްކުރާނެކަން ޔަގީންކަމަށާއި، ނަމަވެސް އެމްޑީޕީއާއި ދިވެހި ރައްޔިތުންނަކީ އަމިއްލަ މިނިވަންކަމަށް ފަހުރުވެރިވާ ބައެއްކަމަށެވެ. އަދި ފުލުހުންނާއި ސިފައިން ބޭނުންކޮށްގެން ނަމަވެސް މި ވެރިކަން ދެމެހެއްޓުމަށް ސަރުކާރުން މަސައްކަތްކުރާނެކަމަށް ވިދާޅުވިއެވެ.
ފައްޔާޒް އިސްމާއިލް ނިންމާލައްވަމުން ވިދާޅުވީ، ”ފުރާނަ ނުގެއްލޭހާ ހިނދަކު، ހަށިގަނޑުގައި ވިންދު ޖަހާހާ ހިނދަކު މިނިވަންކަން ގެއްލިގެންދާތަން ބަލަން ނުތިބޭނެކަން ޔަގީންކޮށް އަރުވަން“ ކަމަށެވެ.

