އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ މަސައްކަތްތަކަށް މުވައްޒަފުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ވޯކް-އިން އިންޓަވިއުއެއް ބޭއްވުމަށް ނިންމައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން މިކަން ހަމަޖައްސާފައިވަނީ ގިނަ ފަރާތްތަކަށް މި ފުރުސަތު ހުޅުވާލުމުގެ ގޮތުންނެވެ. މި އިންޓަވިއުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ދެ ދުވަހަށް ބަހާލައިގެންނެވެ. އެގޮތުން 2025 އޮގަސްޓު 29 ވަނަ ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ކަލާފާނު ސްކޫލުގައި އިންޓަވިއުތައް ކުރިއަށްދާނެއެވެ. އަދި އޮގަސްޓު 30 ވަނަ ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ކާމިލް ދީދީ ޕްރައިމަރީ ސްކޫލުގައި އިންޓަވިއުތައް ކުރިއަށް ގެންދެވޭނެއެވެ.
އިންތިހާބުގެ މަސައްކަތްތަކަށް މުވައްޒަފުން ބޭނުންވަނީ ހިއުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، މީޑިއާ، ޕަބްލިކް ރިލޭޝަންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ފައިނޭންސް އަދި ލީގަލް ދާއިރާތަކަށެވެ.
އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރިގޮތުގައި، މި މަސައްކަތްތަކަށް ހޮވޭ ފަރާތްތަކަށް ވަޒީފާގެ މާހައުލުގައި ސަމާލުކަން ދޭންޖެހޭ ކަންކަމުގެ މައުލޫމާތު ދެވޭނެއެވެ. އަދި އިންތިހާބު ކުރިއަށްދާ ވަގުތުގައި ކޮމިޝަނުގެ މަސައްކަތްތައް ދަސްކުރުމުގެ ފުރުސަތާއި އައު ތަޖުރިބާތައް ހޯދުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ކޮމިޝަނުން ބުނެފައިވެއެވެ.
”އެންމެން ގުޅިގެން، ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް، ޖުމްލަކޮށް ފުޅާ ދާއިރާއެއްގައި އެކި މަސައްކަތްތައް ދަސްވެގެންދާނެ“ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

