ރައީސްކަމުގައި ހުންނަވާ ފަރާތަކުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވައިގެން މަސައްކަތްތައް ކުރިއަށް ގެންދެވުމަށް އަޅުއްވާ ފިޔަވަޅުތަކަށްވެސް އިދިކޮޅު ޕާޓީގެ މެންބަރުން ފާޑުކިޔަމުންދާތީ، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މަޖިލީހުގެ ތަޅުމުގައި ވާހަކަފުޅު ދައްކަވަމުން އިބްރާހިމް ދީދީ ވިދާޅުވީ، ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަނބުރާ ފޮނުއްވާފައިވާއިރު، ބައެއް މެންބަރުން ހަގީގަތާ ޚިލާފަށް ވާހަކަދައްކަވަމުންދާތީ އެކަމާމެދު ހިތާމަކުރައްވާ ކަމަށެވެ.
”މީގެ ކުރިންވެސް އެކި ދައުރުތަކުގައި މަޖިލީހަށް ބިލު އަނބުރާ ފޮނުއްވާފައިވޭ. އެކަން ކުރަނީ ދެވަނަ ވިސްނުމަކަށް ގޮސް ބިލު އިސްލާހުކުރުމުގެ ބޭނުމުގައި ނޫނީ އޮތް ގޮތަށްވެސް އަނބުރާ ފޮނުވާލުމަށް،“އިބްރާހިމް ދީދީ ވިދާޅުވިއެވެ.
އިބްރާހިމް ދީދީ ފާހަގަކުރެއްވި ގޮތުގައި، ގާނޫނުއަސާސީން މަޖިލީހަށާއި ސަރުކާރަށް ލިބިދީފައިވާ ފުރުސަތުތަކުގެ ބޭނުން ހިފުމަކީ ގޯސް އަމަލެއްގެ ގޮތުގައި ސިފަކޮށް ވާހަކަދެއްކުމުން ހަގީގަތް އޮޅިގެންދެއެވެ. އަދި މެންބަރުންނަކީ ސިޔާސީ ބޭފުޅުންކަމަށްވުމުން ސިޔާސީ ވާހަކަތަކެއް ދެއްކިދާނެ ނަމަވެސް، ކަމުގެ ހަގީގަތް އޮޅޭގޮތަށް ވާހަކަދެއްކުމުން ރައްޔިތުން އެކަން ބަލައިނުގަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޝްވަރާއަށް އިސްކަންދިނުމަކީ ރަނގަޅުކަމެއް
އިބްރާހިމް ދީދީ އިތުރަށް ވިދާޅުވީ، ރައްޔިތުންގެ ގާތަށް ވަޑައިގެން ހިޔާލާއި މަޝްވަރާ ހޯއްދަވައިގެން، އެކަމަށް ރިއާޔަތްކޮށް އިސްލާހުތަކެއް ގެނެސް ބިލެއް އަނބުރާ މަޖިލީހަށް ފޮނުވުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ހަގީގަތާ ޚިލާފަށް ވާހަކަދެއްކުމަކީ ރަނގަޅުކަމެއް ނޫންކަމަށާއި، މަޖިލީހުގައި އަބަދުވެސް ތެދުބަހުން ވާހަކަދެއްކުމަށް ގޮވާލާ އަޑު އިވިގެންދާ ކަމަށްވެސް ވިދާޅުވިއެވެ.

