ރާއްޖޭގައި ކަނދުފަތި ނާޅާ މިންވަރަށް މި ސަރުކާރުން މިހާތަނަށް ކަނދުފަތި އަޅާފައިވާކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅޭ އިތުރު މައުލޫމާތު ދެމުން މިނިސްޓަރު ވިދާޅުވީ، ފަރުމަސްވެރިކަމަށް ރާއްޖޭގެ ވަރަށް ގިނަ ސަރަހައްދުތަކުގައި ޝައުގުވެރިކަން އެބައޮތްކަމަށެވެ. މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ޝިޔާމް ވިދާޅުވީ ރާއްޖޭގެ ދެކުނުގައި ކަނދުފަތި ގާއިމްކުރުމުގެ 8 މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށެވެ.
ސްޕޯޓްސް ފިޝިން ކޮމިއުނިޓީ އޮތް ރަށްރަށް މިހާރު ފާހަގަކޮށްފައިވާކަމަށާއި، މި ސަރަހައްދުތަކުގައި ކަނދުފަތި އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ. ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންފަހުން އެކަނި، އެހެން ވެރިކަމެއްގައި ނާޅާހާ ގިނަ ކަނދުފަތި އަޅާފައިވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި މަސައްކަތް އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
މިވެސް ވަރަށް ބޮޑަށް ރައްޔިތުން އެދޭ ކަމަކަށްވާތީއާއި އެކީގައި ރައީސްގެ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް މިކަމުގައިވެސް އެބައޮތް.
ޝިޔާމް ވިދާޅުވިއެވެ.
އިތުރުކުރަންޖެހޭ ކަނދުފަތިތަކުގެ ދިރާސާތަކެއްވެސް ކުރަމުންދާކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ އެންމެ ޚާއްސަކަމެއް ދީގެން ރީ އިންސްޓޯލްކުރާ ކަނދުފައްޗަކަށް ހަދައިގެން މަސައްކަތް ކުރަމުންދާކަމަށެވެ.
ހާތަނަށް މުޅިން އަލަށް 22 އަށްވުރެ ގިނަ ކަނދުފަތި އަޅާފައިވާކަމަށް މިނިސްޓަރު މީގެ ކުރިން މައުލޫމާތުދެއްވާފައިވެއެވެ. 2 ސަރަހައްދެއްގައި ކަނދުފަތި ސެންޓަރު އެޅުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. މިކަމުގެ އަމަލީ މަސައްކަތް ޑިސެމްބަރު މަހުގެ ތެރޭގައި ފެށޭނެކަމަށް ސަރުކާރުގެ ފަރާތުން މައުލޫމާތުދެއެވެ.
ގދ. ފިޔޯރީ ދެކުނުން 12.5 މޭލު ބޭރުގައި މިއަދު ދޮށީ ކަނދުފަތި ގާއިމްކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ. އަދި ކ. ދިއްފުށި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް ދިއްފުށި ކައުންސިލުން ވުޒާރާގެ އިސްބޭފުޅުންނާއި ބައްދަލުކޮށް، ދިއްފުށި ކައިރީގައި ވަދު ކަނދުފަތި ގާއިމް ކުރުމަށް މަޝްވަރާކޮށްފައިވެއެވެ.

