ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޙައްޤުތައް ކަށަވަރު ކުރެވޭނީ ޤާނޫނު ނަގަހައްޓައިގެން، ޝަރީއަތް ކުރަންވާނީ ދެފުއް ފެންނަހެން: އުއްތަމަފަނޑިޔާރު

އުއްތަމަަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޙައްޤުތައް ކަށަވަރު ކުރެވޭނީ ޤާނޫނުތައް ނަގަހައްޓައިގެން ކަމަށާއިި، އެކަން ކުރުމަށްޓަކައި ޝަރީއަތުގެ ހުރިހާ މަރުޙަލާއެއް ދެފުއް ފެންނަ ގޮތަކަށް ތަރުތީބުވާން ޖެހޭނެކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އިންޓަގްރޭޓެޑް ކޭސް މެނޭޖްމެންޓް ސިސްޓަމް ކޯޓުތަކުގައި ބޭނުންކުރަން ފެށުމުގެ ގޮތުން ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އުއްތަމަފަނޑިޔާރު ވިދާޅުވީ، މި ޒަމާނުގައި އިންސާނުންގެ ތެރޭގައި އެންމެ ބޮޑު ގުޅުމެއް އުފައްދާފައިވާ އެއް ވަސީލަތަކީ ޓެކްނޮލޮޖީ ކަމަށާއި، މިއީ މިއަދުގެ ދުނިޔެއިން ފެންނަމުންދާ އެ ބާވަތުގެ އެންމެ ވަރުގަދަ ވަސީލަތް ކަމަށެވެ.

މީގެ އިތުރުން، ޓެކްނޮލޮޖީގެ އަސަރު ނެތް އެއްވެސް މައިދާނެއް މިއަދު ފެންނަން ނެތްކަންވެސް ޣަނީ ފާހަގަ ކުރެއްވިއެވެ.

އަޅުގަނޑުމެންގެ ހަޔާތުގައި ބައްދަލުކުރާ ތިން ޒަމާން، މާޒީ، ހާޒިރު، އަދި މުސްތަޤުބަލު، މި ތިން ޒަމާން ގުޅުވައިދޭ ފާލަމަކީވެސް މި ދެންނެވި ޓެކްނޮލޮޖީގެ ފާލަން

ކަން އެހެން ހުރުމާއެކު،  ޒަމާނީ ވަސީލަތްތަކުގެ އެހީތެރިކަން މެދުވެރިކޮށް ތައްޔާރުކުރެވިފައިވާ އައު ނިޒާމު މެދުވެރިކޮށް ކޯޓުތަކުން ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ. އުއްތަމަފަނޑިޔާރު ސިފަ ކުރެއްވި ގޮތުގައި މި ފެށިގެންދިޔައީ އިންސާފުގެ ދަތުރުނާމާ އަދާހަމަކުރުމުގެ މަސައްކަތެވެ.

މި ފެށުނީ ޒަމާންވެފައިވާ ޖުޑީޝަރީ ޒަމާނީ ކުރުމުގެ މަސައްކަތް

އުއްތަމަފަނޑިޔާރު ވިދާޅުވީ، އިންސާފުގެ ދަތުރުގައި ގިނަ މަރުޙަލާތައް ކަޑައްތުކުރަން ޖެހޭ ކަމަށާއި، ކޭސް މެނޭޖްމަންޓު ސިސްޓަމުން އެ މަރުޙަލާތަކާއި، މަރުޙަލާތަކަށް ހޭދަވި މުއްދަތު ފަދަ ތަފްސީލުތައް ފެންނަން ހުންނާނެކަމަށެވެ. އަދި ވިދާޅުވީ، ޖުޑީޝަރީގެ ޚާއްސަ ތަސައްވުރެއް އެބައޮތް ކަމަށާއި، އެއީ ޖުޑީޝަރީ ޒަމާނީ ކުރުމުގެ ޚާއްސަ ތަސައްވުރުކަމަށެވެ.

މީގެ އިތުރުން، މި ސިސްޓަމް ފުރިހަމަ ކުރުމަށްވެސް މަސައްކަތްތައް ހުއްޓުމެއްނެތި ކުރަންޖެހޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޝަރުއީ ދާއިރާ އަދާހަމަ ކުރުމުގެ މަސައްކަތަކީ ހަމައެކަނި ކޭސް މެނޭޖްމަންޓު ސިސްޓަމާ ހިސާބުން ނިންމާލެވޭނެ މަސައްކަތެއް ނޫންކަމަށްވެސް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަފަނޑިޔާރު ވިދާޅުވީ، މިހާރު ބޭނުންކުރަން ފެށި ކޭސް މެނޭޖްމަންޓް ސިސްޓަމާއެކު މަސައްކަތުގެ ދުވެލި އަވަސްވާނެ ކަމަށާއި، އަދުލުއިންސާފަށް ވާސިލުވުމުގައި ޚަސްމުން ކުރަންޖެހޭ އިންތިޒާރު ކުޑަވެ، ރައްޔިތުންގެ މެދުގައި މި ނިޒާމަށް އޮންނަ އިތުބާރު އިތުރުވެގެންދާނެ ކަމަށެވެ. އަދި މައްސަލަތައް ހިންގުމުގައި ދިމާވާ އެކިއެކި ގޮންޖެހުންތަކަށް ޙައްލު އަންނާނެކަންވެސް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، ޝަރުއީ ކޯޓުތަކުން ކުރާ މަސައްކަތްތަކަކީ ރައްޔިތުންގެ ޙައްޤުތައް ކަށަވަރު ކުރުމަށް ކުރާ މަސައްކަތްތަކެއްކަން ފާހަގަ ކުރައްވައި އުއްތަމަފަނޑިޔާރު ވިދާޅުވީ، ރައްޔިތުންގެ ޙައްޤުތައް ކަށަވަރު ކުރެވޭނީ ޤާނޫނުތައް ނަގަހައްޓައިގެން ކަމަށެވެ. އަދ އެކަން ކުރުމަށްޓަކައި ޝަރީއަތުގެ ހުރިހާ މަރުޙަލާއެއް ދެފުއް ފެންނަ ގޮތަކަށް ތަރުތީބުވާން ޖެހޭނެކަމަށްވެސް ވިދާޅުވިއެވެ. މިފަދަ ސިސްޓަމަކުން އެކަންކަން ކަށަވަރު ކުރެވިގެންދާކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

އައު ނިޒާމާއި ގުޅޭގޮތުން ތަފްސީލީ މައުލޫމާތު ހިއްސާކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، މި ނިޒާމު މެދުވެރިކޮށް މައްސަލަތައް ހުށައެޅުމުން ފެށިގެން ދަފްތަރުކުރުމާއި ތާވަލުކުރުން އަދި މައްސަލަތައް ކުރިއަށް ގެންދިއުމުގައިވެސް ފާހަގަކުރެވޭ ކުރިއެރުންތަކެއް ލިބިގެންދާނެކަމަށެވެ. މިގޮތުން އެ މަސައްކަތްތައް ކުރުމުުގައި ހޭދަވެގެންދާ ވަގުތުތައް ގިނައިން މަދުކުރެވޭނެކަމަށް އިޝާރާތްކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: