”މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން“ ބިލާއި ގުޅޭގޮތުން ހުރިހާ ސިޔާސީ ޕާޓީތައް ބައްދަލުކުރަން ޖެހޭކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކުރިޔަށް އޮތް 15 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާލުމަށް އަމާޒު ހިފާފައިވާ މި ބިލު މިހާރު އޮތީ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓިގަ އެވެ. ބިލުން ނޫސްވެރިކަމުގެ މިނިވަންކަން ހަނިވާކަމަށް ބުނެ، މީޑިއާތަކުން ދަނީ އެކަމާއި މެދު ކަންބޮޑުވުންފާޅުކޮށް ބިލު ފާސްނުކޮށް ބޭރުކޮށްލުމަށް ގޮވާލައި އިހުތިޖާޖު ކުރަމުންނެވެ. އެކަމަކު ސަރުކާރުގެ ވިސްނުން ހުރީ މި ބިލު ބޭރުކޮށްލުމަށް ވުރެ ހުރި ކަންބޮޑުވުންތައް ހިމަނައިގެން އިސްލާހުތައް ހުށަހެޅުމަށެވެ.
މި ބިލާއި ގުޅޭގޮތުން ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، މިއީ ހުރިހާ ސިޔާސީ ޕާޓީތައް ވެސް ނިކުމެ އެކުގައި ބިލާއި ގުޅޭގޮތުން މަޝްވަރާ ކުރަން ޖެހޭ ވަގުތެއް ކަމަށެވެ.
ނޫސްވެރިކަމުގެ މިނިވަންކަމަށް އަބަދުވެސް ވަކާލާތު ކުރައްވަމުން އައި ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނު އަބަދުވެސް އެދޭ ގޮތަކީ އެއީ ކަމަށެވެ. އެހެން ނަމަވެސް ނޫސްވެރިން ޒިންމާދާރު ވެސް ވާންޖެހޭކަމަށް މިއަދު ވިދާޅުވި އެވެ.
މީގެ ކުރިން ވެސް ރައީސް ނަޝީދު ވަނީ މި ބިލާއި ގުޅޭ ގޮތުން ވާހަކަ ދައްކަވާފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ ބިލު ފާސްކޮށް، ތަސްދީގު ކުރެވި ގާނޫނަކަށް ވާ ހިސާބުން އޭގެ ނޭދެވޭ އަސަރު މުޅި ގައުމަށް ވެސް ކުރާނެ ކަމަށެވެ.
ސަރުކާރުން ޚިޔާލު ފާޅުކުރުން ހަނިކުރުމުން މުޅި ގައުމުގެ މިނިވަންކަމާއި ކުރިއެރުމަށް ވެސް އޭގެ ނޭދެވޭ އަސަރުކުރާނެކަމަށް ނަޝީދު ވިދާޅުވިއެވެ. އެހެން ކަމުން ބިލު ތަސްދީގު ނުކުރުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އަރިހު އެދޭކަމަށް ވިދާޅުވެފައިވެއެވެ.
ނޫސްވެރިކަމުގެ ތެރެއިން ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގަތުމުގެ ކުރިން ނަޝީދުގެ އިސްލާހީ މަސައްކަތްތަކުގެ ސަބަބުން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޖަލުގައި އެތައް ދުވަހެއް ހޭދަ ކުރައްވަން ޖެހި، ބޮޑެތި އަނިޔާތަކާ ވެސް ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ.
ރާއްޖޭގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމާއި، މިނިވަން ނޫސްވެރިކަމެއް އަދި ގަލަމުގެ މިނިވަކަން އޮންނަން ޖެހޭކަމަށް އެންމެ ފުރަތަމަ ވަކާލާތު ކުރައްވައި އެކަމަށް އިހުތިޖާޖު ކުރެއްވީ ވެސް ރައީސް ނަޝީދެވެ.

