ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މަޖިލީހުގެ ތަޅުމުގައި ދައްކަވާ ވާހަކަތަކަށް ޒިންމާވާން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަށްގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި މެމްބަރު އިބްރާހީމް ވިދާޅުވީ ކޮންމެ ބަޔަކު ފާސްކޮށްފައި އޮތް ނަމަވެސް، މަޖިލީހުގެ މެމްބަރުންވެސް ދައްކަވާ ވާހަކައަށް ޒިންމާ ނުވާން ޖެހޭ ގޮތަށް އޮތް އޮތުމަށް ތާއިދު ނުކުރައްވާ ކަމަށެވެ. މުސްލިމެއްގެ ހައިސިއްޔަތުން މަޖިލީހުގައިވެސް ދައްކާ ވާހަކައަށް ހަގީގަތުގައި މެމްބަރު ޒިންމާ ވާން ޖެހޭނެ ކަމަށް އިބްރާހީމް ވިދާޅުވިއެވެ.
އެކަމަށް ޖަވާބުދާރީ ކުރުވެން ޖެހޭނެ ކަމަށާއި އެއީ ފިތުނަ އުފެދޭނެ ކަމަށާއި އަދި ރައްޔިތުން ބަލަންތިއްބާ ބޮޑެތި ދޮގުތަކެއް ހެދުމުން އެއީ ކަމުދާނެ ކަމެއް ނޫން ކަމަށް އިބްރާހީމް ވިދާޅުވިއެވެ. އަދި މަޖިލީހުގައި މެމްބަރުންނަށް ލިބިފައިވާ އިމްތިއާޒު ތަކާއި ބާރުތަކާއި ޖުމްލަގޮތެއްގައި މަޖިލީހުގެ ގަވައިދު އިސްލާހު ކުރަން ޖެހޭ ކަމަށް މެމްބަރު ވިދާޅުވިއެވެ.
”ބަޔަކު އިސްލާހުނުކޮށް ފަނަރަ ސޯޅަ އަހަރު ނޫނީ ފަންސާސް އަހަރު ވަންދެން އޮތުމަކީ އަޅުގަނޑުމެންގެ ކުށެއް ނޫނޭ. އަޅުގަނޑުމެން މިއައީއޭ ކުރެވެން ހުރި އެއްޗެއް އިސްލާހުކުރަމުންނޭ މިދަނީ. ދެއްވާށޭ އިސްލާހުކުރަން އެ އޮންނަ ހަމަ ތަކާއި އުލސޫލުތަކުގެ ތެރެއިން ބޮޑަށް އެންހޭންސް ކުރެވެން ހުރި އެއްޗެހި، ރައްޔިތުންނަށް ބޮޑަށް ހުޅުވާލައިފައި އެހެންނަމަވެސް މި ދެންނެވި އިސްލާމް ދީނުގެ އަސާސްތަކާއި އުސޫލުތަކާއި ހިލާފު ނުވާގޮތަށް ޝަރުއީ ހަމަތައް ގާނޫނުއަސާސީންނާއި ގަވައިދުން ހިމާޔަތް ކުރެވޭ ގޮތަށް ބާރުވެރު ކުރެވޭ ގޮތަށޭ އޮންނަން ވާނީ“
މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލަށް ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުންދާތީ އެކަމާއި ބެހޭ ގޮތުން މެމްބަރު ވިދާޅުވީ ރަޖިސްޓްރީކޮށްގެން ގަވައިދުގެ ތެރެއިން މައުލޫމާތު ފަތުރާ ބަޔަކީ، ތެދު ހަދާ ބަޔަކަށް ވާން ޖެހޭނެ ކަމާއި މުވައްސަސާއެއް ރަޖިސްޓަރީކޮށްގެން ދޮގުފަތުރަން ނުވާނެ ކަމަށެވެ. އެކަހަލަ ކަމަކަށް ފުރުސަތު ނުދިނުމަށްޓަކައި އެއްކުރަންޖެހޭ މާއްދާއެއް އެކުރުމަކުން އެކަމުގައި ގޯސްކަމެއް ނެތް ކަމަށާއި އެކަމަށް ނޫސްވެރިން ބިރުގަނެގެން ނުވާނެ ކަމަށް މެމްބަރު ވިދާޅުވިއެވެ.
މިހާރު މީޑިއާރެގިއުލޭޓް ކުރުމަށް ހުށައަޅާފައިވާ ބިލު ފާސްވުމާއި ގުޅިގެން ސަރުކާރަށް އަމާޒުވާ ކޮރަޕްޝަންގެ މައްސަލަތައް ވެސް ލިޔެވޭނެ ކަމަށާއި، އެކަން ގިނަ ގިނައިން ތެދު ބެލުމަށްފަހު ލިޔަންވީ ކަމަށް މެމްބަރު ވިދާޅުވިއެވެ. މި ގާނޫނުގެ ސަބަބުން ބިރު ގަންނަ ނަމަ އެބަޔަކީ ދޮގި ހެދުމުގެ ޕްލޭނެއް ކުރާ ބައެއް ކަމަށް މެމްބަރު ވިދާޅުވިއެވެ.

