ރާއްޖެއަށް އެތެރެ ކުރާ ތަރުކާރީ އާއި މޭވާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެއްދުމާއި އަދި ބައެއް ބާވަތްތައް ރާއްޖެއިން ބޭރުން ބިން ހޯދައިގެން އުފެއްދުމަށް ވިސްނަމުންދާކަމަށް އެސްޓީއޯއިން ބުނެފިއެވެ.
އެސްޓީއޯއިން މިހެން ބުނީ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުއާއި އެކު ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިއީ ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ ދިހަ ބާވަތުގެމޭވާ އާއި ތަރުކާރީ އަދި އާއްމުކޮށް ބޭނުންކުރާ އެހެނިހެން ބައެއް ކާބޯތަކެތި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުން ނިންމި ނިންމުމާއި ގުޅިގެން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވީ އެސްޓީއޯއިން އަބަދުވެސް ރާއްޖޭގައި ކާޑުގެ ބާވަތް ހުރި މިންވަރު މޮނީޓަަރ ކުރަމުން އަންނަކަމަށެވެ. އަދި ތަރުކާރީއާއި މޭވާވެސް މެދުނުކެޑި އެތެރެކުރަމުންދާނެކަމަށް ވިދާޅުވިއެވެ. އެގޮތުން އަންނަ ހަފްތާއިން ފެށިގެން އޮރެންޖާއި އާފަލު ބަރާބަރަށް ސުޕާމާކެޓުން ލިބޭނެ މެކޭނިޒަމެއް ގާއިމްކުރާނެކަމަށް ފާހަގަކޮށް ޝިމާދު ވިދާޅުވީ، މިކަމަށް ބޭނުންވާ ކޯލްޑް ސްޓޯރޭޖްތަކެއްވެސް ންޑަސްޓްރިއަލް ވިލޭޖްގައި ޒަމާނީ ފެންވަރެއްގައި ގާއިމްކުރެވިފައިވާކަމަށެވެ.
ދެން އެސްޓީއޯއިން ޕްލޭންކުރަމުން އަންނަނީ، ދުރު ރާސްތާގައި، ރާއްޖޭގައި އެކި ކަންކޮޅުތަކުގައި މި އެއްޗެހި އުފެއްދުމަށްކަމަށާއި، އަދި ރާއްޖެއިން ބޭރުން ބިން ހޯދައިގެންވެސް އުފެއްދުމަށްކަމަށެވެ. މިހާރު މި ތަކެތި ރާއްޖެއިން ބޭރުން އެތެެރެ ކުރަން ޖެހޭތީ ބޮޑު ހަރަދުތަކެއްދާކަމަށް ޝިމާދު ވިދާޅުވިއެވެ. ފޮރިން ކަރަންސީއަށް ޑިޕެންޑްވާ ޑިޕެންޑްވުމަށް ހައްލެއް ގެނައުމަކީ ވަރަށް މުހިންމު ލަނޑުދަނޑިއެއްކަމަށް ޝިމާދު ވިދާޅުވިއެވެ. ރާއްޖެއަށް ބޭނުންވާ އެންމެ އަސާސީ މުދާ އެތެރެކުރުމަށްވެސް އެތައް ޑޮލަރެއް ހޭދަކުރަން ޖެހޭކަމަށް އޭނާ ފަހަގަކުރެއްވިއެވެ.
އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން ސޮލިއުޝަަނެއް ގެންނަން ރާއްޖެއިން ފޮރިން ކަރަންސީ އާއި ބޭރު ކަރަންސީ ޑިޕެންޑްވާ ޑިޕެންޑްވުމަށް، ފުދޭ ވަރެއްގެ ބޮޑު އެއްޗެއް އެބަދޭ. އަޅުގަނޑު މި ދޭތެރެއިން ބަަލައިިލިން އެންމެ ޕްރޮޑަކްޓެއް، ފިޔާ، ބަަލައިލިއިރު އަހަރެއްގެ މައްޗަށް އެބަދޭ 12-15 ވަރަކަށް މިލިއަން ޑޮލަރު ފިޔާ އެތެރެ ކުރަން.
މީގެ އިތުރުން ޝިމާދު ވިދާޅުވީ ދުރު ގައުމުތަކުން ގެންނަ ބާވަތްތައް ކަނޑުމަގުން ގެނައުމުގައި، ހޭދަވާ މުއްދަތު ދިގު ނަމަވެސް، އެ އިން ބާވަތެއް މަދުވިޔަ ނުދިނުމަށްޓަކައި ވައިގެ މަގުން ގެންނަން ޖެހުނަސް އެސްޓީއޯ އިން އެކަންވެސް ކުރާނެކަމަށެވެ. ޝިމާދު ވިދާޅުވި ގޮތުގައި ފަސޭހައިން ހަލާކުވާ ބާވަތްތަކާއި، އެ ނޫން ބާވަތްތައްވެސް ރައްކާ ކުރެވޭ ގޮތަށް އެސްޓީއޯ އިން ވަނީ މާލޭގައި ދެ ގުދަނެއް ހަދައިފައިކަމަށެވެ.

