ދިވެހި ގައުމީ ތަރިކައިގެ އެންމެ އަގުހުރި ހަޒާނާތައް އަންނަން އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަކީ ގައުމީ އަމާނާތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގައުމީ ތަރިކައިގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އިސްލާމްދީނާއި، ދިވެހި ބަހާއި، ދިވެހިވަންތަ ރިވެތި އާދަކާދަތަކާއި، ދިވެހި މަސައްކަތްތެރިކަމާއި، އާސާރީ ތަންތަނާއި ތަކެއްޗާއި، މާޒީގެ ފަހުރުވެރި ތާރީހަކީ ދިވެހި ޤައުމީ ތަރިކައިގެ އެންމެ އަގުހުރި ހަޒާނާތައް ކަމަށެވެ. މި ހުރިހާ ތަކެއްޗާއި ކަންކަން، އަންނަން އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަކީ ގައުމީ އަމާނާތެއް ކަމަށާއި ދިވެހި ގައުމުގެ ދެމިއޮތުމަށްޓަކައި މިކަންކަން އަދާކުރުމަކީ ލާޒިމު ވާޖިބެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހީންނަކީ ދިރިއުޅުމުގެ ރީތި ހަމަތަކަކާއި އާދަތަކެއް ހިފަހައްޓަމުން އައި ހުލްގު ހެޔޮ މަސައްކަތްތެރި، ހީވާގި އަދި މުރާލި ބައެއް ކަމަށެވެ.
ދިވެހި ގަައުމިއްޔަތު އިއާދަކުރުމުގެ ގައުމީ ނިޒާމުގެ ތެރެއިން ދިވެހި ގައުމީ ތަރިކަ ދިރާސާކުރާ މަރުކަޒެއް ރައީސުލްޖުމްހޫރިއްޔާ ވަނީ އުފައްދަވާފަ އެވެ. ޤައުމީ ތަރިކަ ދިރާސާކުރާ މަރުކަޒުގެ ދައުރަކީ، ދިވެހިވަންތަކަމުގެ ޢިލްމެއް އުފަންކޮށް އިޢާދަކޮށް ދެމެހެއްޓުމުގައި ދެމިއޮތުމެވެ. މިގޮތުން، ދިވެހި ޤައުމިއްޔަތު އިޢާދަކުރުމަށް ބޭނުންވާ ޢިލްމީ މަޢުލޫމާތުތައް އެއްކުރުމާއި، ދިރާސާކޮށް ޢިލްމީ ލިޔުންތައް އެކުލަވާލުމާއި، ދިރާސާތައް ޝާއިޢުކުރުމާއި ޤައުމިއްޔަތުގެ ޢިލްމީ ކޮންފަރެންސްތައް ބޭއްވުމާއި އަދި ޤައުމިއްޔަތުގެ ޢިލްމަށް ހޭލުންތެރިކުރުވުން މީގެތެރޭގައި ހިމެނެއެވެ.

