ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތަށް ހިދުމަތްތެއް ކޮށްދެއްވީތީ، ތާ އަބަދަށް ބަލަދު އެރުން ނިމުމަކަށް ގެންނަން ޖެހޭ!

ރައްޔިތުންގެ މަޖިލީސް. ފޮޓޯ: މަޖިލީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާކަން އަދާކުރައްވާފައިވާ ފަރާތްތަކަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ޤާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށްޓަކައި ޤާނޫނުތަކަށް އިޞްލާޙު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން މިވަނީ ނިންމާފައެވެ. މީގެ އިތުރުން، ދައުލަތުގެ ވަޒީފާތަކުން މުސްކުޅިކުރައްވާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަކުރުމަށްޓަކައި ޤާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރެވެމުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. އަދި ހަމައެހެންމެ، ދައުލަތުގެ ވަޒީފާއަކުން މުސްކުޅިކުރެއްވުމަށްފަހު ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް ވަޑައިގަތުމުން، ވަޒީފާގައި ހުންނަވާ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ގަވާއިދުތައް އިޞްލާޙުކުރެވިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މިއީ ކޮންމެ ވެރިކަމެއްގައިވެސް މަޝްވަރާކުރެވޭ، އެތައް ބައެއްގެ ކަންބޮޑުވުން އޮންނަ އަދި އެކަމެއް އެގޮތަށް ކުރުމަށް ގޮވާލަމުންދާ މައްސަލައެކެވެ. ނަމަވެސް މިކަން މިގޮތަށް ކޮށް ޤައުމަށް ކަތާވަރަށް މިކަން ބަދަލުކުރަން މިހާތަނަށް ކެރިވަޑައިގެންފައިވާ ވެރިއަކު ނެތްކަން ފާހަގަކުރެވެއެވެ.

ކުރީގެ ރައީސުންނަށް ލިބިވަޑައިގަންނަވާ އެލަވަންސްތަކަށް ބަލާއިރު، އެންމެ ބޮޑު އިނާޔަތެއް ލިބިވަޑައިގަންނަވަނީ ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށެވެ. އެގޮތުން 2010 ވަނަ އަހަރުން ފެށިގެން ރައީސް މައުމޫނަށް އަހަރަކު ޖުމްލަ ގޮތެއްގައި ދައުލަތުން 4 މިލިއަނެއްހާ ރުފިޔާ ޚަރަދުކުރައްވައެވެ. މީގެ ތެރޭގައި މާލީ އިނާޔަތުގެ ގޮތުގައި އަހަރަކު 900,000 ރުފިޔާ، އޮފީސް ހިންގުމުގެ ޚަރަދުގެ ގޮތުގައި 2.1 މިލިއަން ރުފިޔާ އަދި ދިރިއުޅުއްވާ ތަނުގެ ޚަރަދުގެ ގޮތުގައި 600,000 ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ބޭސްފަރުވާގެ ޚަރަދުގެ ގޮތުގައި އެކި އަހަރު އެކި މިންވަރުން ދައުލަތުން ޚަރަދުކުރައްވާފައިވެއެވެ.

ދެވަނައަށް އެންމެ ބޮޑު އިނާޔަތެއް ލިބިވަޑައިގަންނަވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށެވެ. 2012 ވަނަ އަހަރުން ފެށިގެން މިހާތަނަށް ރައީސް ނަޝީދަށް ދައުލަތުން ކުރީގެ ރައީސެއްގެ އިނާޔަތުގެ ގޮތުގައި 33.2 މިލިއަނަށްވުރެ ބޮޑު އަދަދެއް ޚަރަދުކުރައްވާފައިވެއެވެ. 2020 ވަނަ އަހަރުން ފެށިގެން ރައީސް ނަޝީދު ދިރިއުޅުއްވާ ތަނަށް ޚަރަދެއް ނުނަންގަވައެވެ. އަދި މާލީ އިނާޔަތުގެ ގޮތުގައި ދެވޭ ފައިސާއެއްވެސް ނުނަންގަވައެވެ. 2020 ވަނަ އަހަރުން ފެށިގެން އެމަނިކުފާނު ނަންގަވަނީ އޮފީސް ހިންގުމުގެ ޚަރަދަށް ނަންގަވާ 2.1 މިލިއަން ރުފިޔާއެވެ. އޭގެ އިތުރުން އެމަނިކުފާނަށް ހިނގާފައިވާ ޚަރަދަކީ ބޭސްފަރުވާއަށް ހިނގާފައިވާ ޚަރަދުތަކެވެ.

ތިންވަނައަށް އެންމެ ބޮޑު ޚަރަދެއް ނަންގަވަނީ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކަށެވެ. ނަމަވެސް ޑރ. ވަޙީދު މާލީ އިނާޔަތް ނުނަންގަވައެވެ. އެމަނިކުފާނު ނަންގަވަނީ ދިރިއުޅުއްވާ ތަނުގެ ޚަރަދާއި ކުރީގެ ރައީސް އޮފީސް ހިންގެވުމުގެ ޚަރަދެވެ. އެމަނިކުފާނަށް 2014 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގައި ލިބިވަޑައިގަންނަވަނީ 2.7 މިލިއަން ރުފިޔާއެވެ. މިހާތަނަށް އެމަނިކުފާނަށް ޚަރަދުވެފައިވަނީ 23.2 މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.

އެންމެ މަދުން އިނާޔަތް ނަންގަވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އެހެން ރައީސުން ނަންގަވާ ވަރަށް ގިނަ އިނާޔަތްތައް އެމަނިކުފާނު ނުނަންގަވައެވެ. އެގޮތުން ކުރީގެ ރައީސް އޮފީސް ހިންގުމުގެ ޚަރަދަށް އެއްވެސް ފައިސާއެއް ރައީސް ޔާމީން ނުނަންގަވައެވެ. އެމަނިކުފާނަށް އަހަރެއްގެ މައްޗަށް ދައުލަތުން އިނާޔަތުގެ ގޮތުގައި ހޭދަވެފައިވަނީ ގާތްގަނޑަކަށް 1.2 މިލިއަން ރުފިޔާއެވެ. ރައީސް ޔާމީން ވެރިކަމުން ވަކިވެވަޑައިގެންނެވި ދުވަހުން ފެށިގެން މިހާތަނަށް އެމަނިކުފާނަށް ޚަރަދުކޮށްފައިވަނީ 5 މިލިއަނެއްހާ ރުފިޔާއެވެ.

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ހޯދި މަޢުލޫމާތުތަކެއް މީޑިއާގައި ހާމަކޮށްފައިވާއިރު، އެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި 2014 ވަނަ އަހަރުން ފެށިގެން ކުރީގެ މެންބަރުންގެ ޞިއްޙީ އިންޝުއަރެންސަށް 18.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ކުރީގެ މެންބަރުންނަށް ހެލްތު އިންޝުއަރެންސްގެ ގޮތުގައި މަހަކު 24,000 ރުފިޔާ ދެއެވެ. އަހަރަކަށްފަހު އަހަރެއް މެންބަރުން އިތުރުވަމުންދާތީ ކުރާ ޚަރަދުވެސް ދަނީ ބޮޑުތަނުން އިތުރުވަމުންނެ

ވެ. ސިއްޙީ އިންޝުއަރެންސްގެ އިތުރުން އެއް ދައުރު މެންބަރުކަން ކޮށްފައިވާ މެންބަރުންގެ އިނާޔަތަށް 2014 އިން ފެށިގެން 2024 ގެ ނިޔަލަށް ޖުމްލަ 17,590,600 ރުފިޔާ އަދި ދެ ދައުރު މެންބަރުކަން ކޮށްފައިވާ މެންބަރުންނަށް މި މުއްދަތުގައި ޖުމްލަ 17,525,996 ރުފިޔާ ދައުލަތުން ޚަރަދުކޮށްފައިވާކަންވެސް އެ ތަފާސްހިސާބުތަކުން ހާމަވެއެވެ. ކުރީގެ މެންބަރުންނަށް މާލީ އިނާޔަތް ލިބެނީ އުމުރުން 55 އަހަރު ފުރުމުންނެވެ. އެގޮތުން 1 ދައުރު ފުރިހަމަކުރި މެންބަރުންނަށް މުސާރައިގެ 30 އިންސައްތަ ލިބެއެވެ. އަދި 2 ދައުރު ފުރިހަމަކުރި މެންބަރުންނަށް މުސާރައިގެ 45 އިންސައްތަ ލިބެއެވެ.

ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް މިފަދަ އުސޫލުތަކެއް ގެންގުޅެއެވެ. ނަމަވެސް، ޙަޤީޤަތަކީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިފަދަ ބޮޑެތި ޚަރަދުތަކެއް ކުރުމަށް ތަންނުދޭކަމެވެ. ހުރިހާ އިނާޔަތްތަކެއް އެކީ އެއްފަހަރާ ކަނޑާލުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް ޤަބޫލުކުރެވުނު ނަމަވެސް، އޭގެ ބަދަލުގައި ރާއްޖެއާ ގުޅޭނެ ނިޒާމެއް ފަރުމާކުރުން މުހިންމެވެ. އަދި އެގޮތުގެ މަތިން އިނާޔަތްތައް ދޭކަމަށްވާނަމަ އެއީ މައްސަލައެއް ނޫނެވެ.

މިކަމުގައި ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް އޮންނަނީ ކުރީގެ ރައީސުންނަށްވުރެވެސް، ކުރީގެ މެންބަރުންނަށް ދޭ މާލީ އިނާޔަތުގެ ސަބަބުންނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގައި 5 އަހަރު ހޭދަކުރައްވާއިރު، އަގުހުރި މަސައްކަތެއް ނުކުރައްވާ ތިއްބަވާ މެންބަރުން މަދުނޫންވުމުގެ ސަބަބުންނެވެ. އެހެންކަމުން މަޖިލީހުގައި ދައުރެއް އަދާކުރެއްވީތީ ރައްޔިތުންގެ ޓެކްސް ފައިސާއިން އެބޭފުޅުންގެ ބަލަދުވެރިކަން އަބަދަށް ނަގަން ޖެހުމަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. ޙަޤީޤަތުގައި މިއީ ކުރުން ލަސްވެފައި އޮތް މަސައްކަތެކެވެ.

މަޖިލީހުގެ މެންބަރުކަމުން ވަކިވާ ހިސާބުން މަޖިލީހުގެ މެންބަރުންނަށް އަބުރުވެރިކަމާއި، ނަޒާހަތްތެރިކަމާއެކު އުޅެވެން ޖެހޭނެކަމަށް ވިދާޅުވެ، މި އިނާޔަތްތައް ބޮޑުކޮށް، އިތުރު ކަންކަން މީގެ ތެރޭގައި ހިމެނުމަށްޓަކައިވެސް މަޖިލީހަށް ބިލެއް ހުށަހެޅިފައިވެއެވެ. މަތީ މަޤާމެއް ފުރުއްވާފައިވާތީ އަދަބު އިޙްތިރާމާއި، އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެވެސް މިންވަރެއްގެ ކަންތައްތަކެއް އެބޭފުޅުންގެ އިއްޒަތާއި ހައިސިއްޔަތަށް އިޙްތިރާމުކުރުމުގެ ގޮތުން ހަމަޖައްސައިދިނުމަކީ ކުރަންޖެހޭނެ ކަމެކެވެ. ނަމަވެސް އެކަން ކުރަން ޖެހޭނީ ދިވެހި ދައުލަތަށް ދިވެހިރާއްޖޭގެ މާލިއްޔަތަށް ކަތާނެ ގޮތެއްގެ މަތިންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: