ރަޝިއާއިން ތެޔޮ ގަތުން ހުއްޓާލުމަށް އެމެރިކާއިން ނޭޓޯގެ ގައުމުތަކަށް ގޮވާލައިފިއެވެ.
ބައިނަލްއަގުވާމީ ނޫސްތަކުން ބުނާގޮތުން ނޭޓޯގެ ގައުމުތަކުން ރަޝިއާގެ ތެޔޮގަތުން ހުއްޓާލައި ޗައިނާއަށް 50 އިންސައްތައާއި 100 އިންސައްތައާއި ދެމެދުގެ އަދަދެއްގެ ޑިއުޓީތަކެއް ކަނޑައަޅައިފި ހާލަތެއްގައި ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުމަކަށް އަންނާނެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެފައިވާކަމަށެވެ.
ސޯޝަލްމީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި ޓްރަމްޕު ވިދާޅުވީ، ހަނގުރާމަ ހުއްޓުވާލުމަށްޓަކައި ނޭޓޯގެ ފަރާތުން ފުރިހަމަ ސާބިތުކަން ފެނިގެން ނުދާކަމަށެވެ. އަދި ބައެއް މެމްބަރު ގައުމުތަކުން ރަޝިއާގެ ތެޔޮ ގަތުމަކީ ހައިރާންކުރުވަނިވި ކަމެއްކަމަށެވެ. އޭނާ ވިދާޅުވީ، އެކަމުގެ ސަބަބުން ކަންކަމަށް ބަދަލު ގެނައުމުގެ ބާރުވެރިކަން ނެތިގެންދާކަމަށެވެ..
2023 ވަނަ އަހަރުން ފެށިގެން ރަޝިއާގެ ތެޔޮ ގަންނަ ތިންވަނައަށް އެންމެ އިސް ގައުމަކީ ތުރުކީއެވެ. އެއީ ނޭޓޯގެ މެމްބަރެއްކަމަށްވާއިރު އެންމެ ގިނައިން ގަންނަނީ ޗައިނާއެވެ. އަދި އިންޑިއާ ދެވަނައިގައި އޮތްއިރު ހަންގެރީ އަދި ސްލޮވާކިއާވެސް ހިމެނޭކަން ރިޕޯޓުތަކުން ފާހަގަކުރެއެވެ.
ޓްރަމްޕު މި ޕޯސްޓުކުރެއްވީ ރަޝިއާގެ ޑްރޯންތަކެއް ޕޮލަންޑުގެ ސަރަހައްދީ އިމުގެ ތެރެއަށް ވަތް މައްސަލައަށް ފަހުއެވެ. މިއީ ރަޝިއާއިން ހިންގާފައިވާ މަސްރަހު ހޫނުވެގެންދާފަދަ އަމަލެކެވެ. ޕޮލަންޑުންވަނީ އެ ގައުމުގެ އިމުގެ ތެެރެއަށް ވަތް އުޅަނދުތައް ވައްޓާލާފައެވެ.
ކެނޑިޑޭޓެއްގެ ގޮތުގައި ހުންނެވި އިރު ރައީސް ޓްރަމްޕުވަނީ ހަނގުރާމައަށް އަވަސް ނިނުމެއް ގެންނާނެކަމަށް ވައުދުވެފައެވެ. ނަމަވެސް އަދި އެފަދަ ކާމިޔާބެއް ލިބިފައިނުވާއިރު ރަޝިއާގެ ރައީސް ވްލެޑިމިއަރ ޕުޓިންއާއި ދެމެދު ކުރިމަތިލުމަކަށް ވަޑައިގަތުމަށް ނޭދޭފަދަ މަންޒަރުތަކެއް ފެނިގެންދާކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ. އެމެރިކާގެ މަޖިލީހުންދަނީ ރަޝިއާގެ މައްޗަށް ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމަށްޓަކައި ޓްރަމްޕުގެ އެއްބާރުލުން ހޯދުމަށް މަސައްކަތްކުރަމުންނެވެ.

