މީޑިއާގައި ހުރި މައްސަލަތައް ހައްލުކުރުމަށް ނޫސްވެރިން ބިލެއް ތައްޔާރުކޮށް މަޖިލީހަށް ހުށަނާޅަނީ ކީއްވެތޯ ދާންދޫ ދާއިރާގެ މެމްބަރުން މުހައްމަދު ފަޒީލް ވދާޅުވެއްޖެއެވެ.
ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި ފަޒީލް ވިދާޅުވީ މިހާރު ބިލު ފާސްކުރިޔަސް ޖެހިގެން އަންނަ ދުވަހުވެސް އެ ބިލު އިސްލާހު ކުރެވިދާނެ ކަމަށެވެ. ބައެއް ކަހަލަ ބަދަލުތަކާއިއެކު ފާސްކުރި ނަމަވެސް ނޫސްވެރިންނަށް ވެސް އިސްލާހު ހުށައެޅުމުގެ ޖާގަ އޮތްކަމަށް މެމްބަރު ވިދާޅުވިއެވެ.
ނޫސްވެރިން މިހާރުވެސް މެމްބަރުންގެ ގާތަށް ވަޑައިގެން އިސްލާހުތައް ހުށައަޅަން އެ ޖާގަ އޮތް އެބައޮތްކަމަށް ފަޒީލް ވިދާޅުވި އެވެ.
މަޖިލިސް ޗުއްޓީގައި އޮވެ މީޑިއާބިލަށް މަސައްކަތް ކުރާކަމަށް ބުނާތީ، އެކަމަށް ރައްދުދެއްވައި ފަޒީލް ވިދާޅުވީ މަސައްކަތް ކުރަން ޖެހޭ ވަރަށް ގިނަ ބިލުތަކެއް އެބަ ހުރި ކަމަށެވެ. އަދި މަޖިލީހުން ހަދަންޖެހޭ ގާނޫނުތައް އޮތީ ގިނަ ވެފައިކަމަށާއި، ގާނޫނުތައް ނެތުމުގެ ސަބަބުން ކުރަންޖެހޭ ވަރަށް ގިނަ ކަންކަން ނުކުރެވި ވާކަމަށް ފަޒީލް ވިދާޅުވިއެވެ.
”އަނެއްކާވެސް މީތިވެސް ލަސްވެއްޖިއްޔާ ކޮމިޓީ މަރުހަލާގެވެސް އެއްބައެއް ނޫންތޯ މަސައްކަތްކުރާނީ. ކޮމިޓީތަކުން، ކުރިން ފަހަރު ރޯދަ މަހުގައި ދަންވަރުގައިވެސް މަޖިލިސް ކޮމިޓީއެއް ދިޔަ. މިހެންވާނެ މިޖެހެނީ ބައެއް ބިލްތައް ޖެހިގެން ގޮސްގެން. މަޖިލީހުން އެހެންނަމަވެސް ގިނަ ގާނޫނުތަކެއް ފާސްކޮށްފައި މިހުރީ. އެގޮތަށް ބައިތިއްބައިގެން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކެއް އަޅުގަނޑުމެންނަށް ނުދެވިދާނެތީވެ އެ ފިއަރގަ އިނގޭތޯ އަޅުގަނޑުމެން. ކޮންމެހެން އަވަސް އަރުވައިލައިގެން މީޑިއާ ގާނޫނެއް ފާސްކުރާކަށް ނޫން“
ފަޒީލް ވިދާޅުވީ ސަރުކާރުގެ މެމްބަރުންނަށް އަމިއްލައަށް ބިލު ޑްރާފްޓްކޮށްގެން މަޖިލީހަށް ހުށައަޅާނެ ހިތްވަރު ހުންނާނެ ކަމަށެވެ. އަދި މިއީ ބަޔަކަށް ފިލައިގެން ކުރި ކަމެއް ނޫން ކަމަށާއި، ކޮންމެ މެމްބަރެއް ހުށައެޅި ނަމަވެސް ރަނގަޅުކަމެއް ނަމަ އެކަމަށް މެމްބަރުން ވަކާލާތު ކުރާނެކަމަށް ފަޒީލް ވަނީ ވިދާޅުވެފައެވެ.

