ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާރުވެރިވުމަކީ މައްސަލައެއް ނޫން، މައްސަލައަކަށްވާނީ ބާރުގެ ނަހަމަ ބޭނުންކުރުމުން

ގާނޫނުއަސާސީ---- ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އަލިފާނަކީ އިންސާނިއްޔަތުގެ ދިރިއުޅުމުގެ އެއްވެސް ދާއިރާއަކުން ބާކީނުކުރެވޭ މުހިންމު ވަސީލަތެކެވެ. ކެއްކުމަށާއި، އަލިކަން ހޯދުމަށް، ފިނިފިލުވުމަށް، އަދި އިތުރު އެތައް ކަމަކަށް އޭގެ ބޭނުން ހިފެއެވެ. ނަމަވެސް މިހާ މުހިންމު ވަސީލަތެއްގެ ނަހަމަ ބޭނުންވެސް ބަޔަކު ހިފަ އެވެ. ތަންތަނުގައި ހުޅުޖެހުމަކީ މިގޮތުން ހިންގޭ ހިތާމަވެރި އަމަލެކެވެ. މިއުސޫލުން ވިސްނާއިރު، ސަރުކާރެއްގެ އަތުގައި ބާރުވެރިކަމެއް އޮތުން ނުވަތަ ބާރުވެރިވުމަކީ އެއީ މައްސަލައެއްކަމަށް ދެކެންވީ ސަބަބެއް ނޫންކަން ފެނިގެންދެއެވެ. ޙަޤީޤީ މައްސަލައަކަށްވާނީ ލިބިފައިވާ ބާރުވެރިކަމެއްގެ ނަހަމަ ބޭނުންކުރުމެވެ.

ސަރުކާރަކުން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތައް ދިނުމަށްޓަކައިވެސް ބާރުވެރިކަމެއް ނުހަނު ބޭނުންވެއެވެ. މިކަން ސާފުކޮށް ފެނިގެންދާ އެއް މިސާލަކީ ރައްޔިތުންގެ މަޖިލީހެވެ. ވެރިކަމަށް ވަޑައިގަންނަވާ ރައީސަކު ކިތަންމެ ހެޔޮނިޔަތެއްގައި ހުންނެވި ނަމަވެސް، މަޖިލީހުގެ އަޣުލަބިއްޔަތު ނުވަތަ އެތަނުން ލިބިދޭންޖެހޭ ބާރުވެރިކަން ނުލިބޭނަމަ، ޤައުމުގެ ކަންކަން ހިންގައި ކުރިއަށް ގެންދިއުމުގައި ބޮޑެތި ހުރަސްތައް ކުރިމަތިވެއެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުންނަށް ދޭން އެދޭ ހިދުމަތްތައް ނުދެވިދާނެއެވެ. މިކަން ދިވެހިންނަށް ރަނގަޅަށް އެނގޭތީ، މިއަދު ކޮންމެ ވެރިކަމެއް އައި ނަމަވެސް، ދިވެހިން އެ ވެރިޔާ ހުރި ފަޅިއަކަށް މަޖިލީހުގެ މެޖޯރިޓީ ދެނީ ހަމަ މި ވިސްނުމުގެ މަތިންނެވެ.

ކުއްލި ހާލަތު އިއުލާނުކުރުމުގެ ބާރަކީވެސް މިފަދަ ބާރެކެވެ. މި ބާރާ މެދު ދެކޮޅަށްވެސް ވާހަކަދެކެވިދާނެއެވެ؛ މިސާލުތައްވެސް ފެނިއްޖެއެވެ. އިންތިހާބުތަކާއި ދިމާކޮށް ނުވަތަ ހިންގޭ އިހުތިޖާޖުތަކާއި ދިމާކޮށް ކުއްލި ހާލަތު އިއުލާނުކޮށް ރައްޔިތުންގެ އަޑު ކަނޑުވާލުމަކީ މި ބާރުގެ ނަހަމަ ބޭނުން ހިފިދާނެ ގޮތެކެވެ. ނަމަވެސް ކޮވިޑް-19 ފަދަ ނުރައްކާތެރި ބައްޔެއް ޤައުމެއްގައި ފެތުރެމުން ދިއުން ހުއްޓުވުމަށްޓަކައި ބޭނުންކުރުމަކީ ރަނގަޅު ގޮތެއްގައި ބާރުގެ ބޭނުން ހިފުމުގެ މިސާލެކެވެ. މީގެން ދޭހަވަނީ ވަސީލަތްތަކުގެ ނުރަނގަޅު ބޭނުންތަކަށް ބިރުން އެކަންކަން ހުއްޓާނުލާނެކަމެވެ. ބަޔަކު ވަޅިޖަހާތީ ނުވަތަ ޖަހާފާނެތީ ޤައުމަށް އެކި މުހިންމު ބޭނުންތަކަށް ވަޅި އެތެރެނުކޮށް ނުވަތަ އެތަކެތި ނުއުފައްދާ ނުތިބޭނެއެވެ.

ރާއްޖޭގައި މީގެކުރިން އޮތް އަބުރުގެ ޤާނޫނަކީވެސް މިފަދަ ބާރެއްގެ މިސާލެކެވެ. އެންމެ ފުރަތަމަ ވުޖޫދުވެގެން އައިއިރު، އޭގެ ބޭނުން ހިފައި ރައްޔިތަކު ހެލިލިޔަސް ނުވަތަ ބަޔަކު ރައްޔިތުންގެ ޙައްޤުގައި އަޑުއުފުލިޔަސް ބޮޑު ޖޫރިމަނާއެއްގެ ބިރުވެރިކަން ބޭނުންކޮށްގެން ހުއްޓުވާލައެވެ. އެއިރު ގިނަ ބަޔަކު އެ ޤާނޫނަށް ނުރުހެއެވެ. ނަމަވެސް މިއަދު އެއީ ގިނަ ބަޔަކު ބޭނުން ހިފަމުންދާ، ރައްޔިތުންގެ ތެރޭގައިވެސް ބަލައިގަނެފައިވާ މުހިންމު ޝަރުޢީ ހަމައެއް އަދި ދިފާއީ ނިޒާމެއްގެ ގޮތުގައި ބަލައިގަނެފިއެވެ. މިއަދު ރާއްޖޭގައި އަނެކާގެ އަބުރަށް އަރައިގަތުމުގެ ކުރިން ދެވަނަ ވިސްނުމަކަށް ދާނެއެވެ. ނުގޮސްފި ޙާލަތެއްގައި އެކަމުގެ އަގު ދައްކަންޖެހޭތަން އަންނާނެއެވެ.

ދުނިޔޭގެ ބައެއް ޤައުމުތަކުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ރައްޔިތުންގެ މެދުގައި ދެކެވޭ ވާހަކަތައް ބެލެހެއްޓުމުގެ ޤާނޫނީ ޒިންމާވެސް ސަރުކާރުތަކުގެ މައްޗަށް މަތިކުރެވިފައިވެއެވެ. އެކަމުގެ ބޭނުންތަކުގެ ތެރޭގައި އެފަދަ މަންސަތަކުގައި ހަރަކާތްތެރިވާ ކުޑަކުދިންނަށް ރައްކައުތެރިކަން ދިނުމާއި، ޑިމޮކްރަސީގެ އެންމެ މުހިންމު އެއް އަސާސްކަމަށް ބަލައިގަންނަ މައިނޯރިޓީގެ އަޑު ކަނޑުވާލުމަށްޓަކައި އަބުރު ކަތިލާ ހެދުން ފަދަ ޢަމަލުތައް ހިންގުމަށް ޖާގަ ނުދިނުން ހިމެނެއެވެ. މިކަންކަމަކީ ބާރުގެ ރަނގަޅު ބޭނުންތަކުގެ މިސާލުތަކެވެ.

އެއްވެ އުޅުމަށްޓަކައި ކަނޑައެޅުނު ޤާނޫނަކީވެސް ހަމަ މިފަދަ ވާހަކައެކެވެ. މީގެ ކުރިން މުޒާހަރާއެއް ހިނގާނަމަ ނުވަތަ އިހުތިޖާޖެއް ކުރިއަށް ގެންދާނަމަ، މުޅި ރަށު ތެރެއަށް އެކަމުގެ ނާމާންކަން ވެރިވެގެންދެއެވެ. ވަކި ހަމައެއް ނެތި، ވަކި ތަނެއް ނެތި މުޅި ރަށު ތެރޭގައި އިހުތިޖާޖުގެ ބައިވެރިން ފެތުރިގަނެއެވެ. މަގުތައް ބްލޮކުވެ ވިޔަފާރިތައް ހިންގުމަށާއި އާންމު ދިރިއުޅުމަށްވެސް އަސަރުކުރެއެވެ. އޮންނަނީ ނުރައްކާތެރި ހާދިސާތަކެއް ދިމާވެދާނެފަދަ މާޙައުލެކެވެ. މި ޤާނޫނުގެ ބޭނުން ހިފައިގެން އަޑުއުފުލާ ރައްޔިތުން ގެންގޮސް ރަށް ބޭރަށް ލައި އަޑު ކަނޑުވާލާނަމަ އެއީ ނަހަމަ ބޭނުމަކަށް ވެގެންދެއެވެ. ނަމަވެސް ޤާނޫނުގެ ދަށުން ކަނޑައެޅިފައިވާ އުސޫލުން އެކަމަށް ޖާގަ ލިބިގެންދެއެވެ. އިހުތިޖާޖުކުރާއިރު އެވެރިންނަށް ރައްކައުތެރިކަން ލިބިގެންދާކަން ކަށަވަރުކުރުމުގެ ޒިންމާ ފުލުހުންގެ މުއައްސަސާގެ މައްޗަށް ކުރެއެވެ.

ސިފައިންގެ އަތުގައި ބަޑިވެސް ތިބެއެވެ. ނަމަވެސް އެވެރިން އެތަކެތީގެ ބޭނުން ހިފައިގެން ރައްޔިތުން އެއް ސަފަކަށް އެރުވުމަށް މަސައްކަތްކޮށްފާނެތީ ބިރުން އުޅޭތަނެއް ނުފެނެއެވެ. އަދި އެތަކެތި ލިބުނު ތަނަކަށް އަނބުރާ ފޮނުވާލުމަށް ގޮވާލާ އަޑުވެސް ނީވެއެވެ. އެވެރިންގެ އަތަށް ވަރުގަދަ ވަސީލަތްތަކެއް އެރުމާއި ދެކޮޅު ނުހަދައެވެ.

ޤައުމަށް ކަމެއް ދިމާވުމުން ހުސްއަތާ ނުކުމެގެންވާނެ ފައިދާއެއް ނޯންނާނެކަން އެނގޭތީއެވެ. އެތަކެތީގެ ބޭނުން ހިފާނީ އެގޮތުގެ މަތިންކަންވެސް އެނގޭތީއެވެ. މީގެ އަހަރުތަކެއް ކުރިން ޖަލެއްގައި ގައިދީންތަކެއްގެ މައްޗަށް ނަހަމަ ބޭނުންތައް ކުރިކަމަށް ތުހުމަތުކުރެވިފައިވެސް ވެއެވެ. ނަމަވެސް ގުދަނުގައި ބޮޑު ތަޅެއް އެޅިފައެއް ނެތެވެ. މުއައްސަސާ އުވާލާކަށްވެސް ނުގޮވައެވެ.

ސަރުކާރަކުން ބާރުތަކެއް ޙާސިލުކުރުމުގެ ހަމައެކަނި ބޭނުމަށް ވާންޖެހޭނީ ރައްޔިތުންނަށް ހިދުމަތްތެރިވުމެވެ. އަދި ބާރުތަކެއް ދޭ ހަމައެކަނި ސަބަބަކީވެސް މިއެވެ. މިއީ ދެބަސްވެވޭނެ ޖާގައެއް ނެތް ޙަޤީޤަތެކެވެ. އެހެންކަމުން މައްސަލައަކީ ބާރުވެރިކަން ނޫންކަން ސާފެވެ. އަދި އެއީ ރައްޔިތުންގެ ދުޝްމިނެއްވެސް ނޫނެވެ. އެ ޤައުމެއްގެ ރައްޔިތުން އެދޭ ގޮތެއްގެ މަތިން އެ ޤައުމެއްގެ ކަންކަން ގެންދާނަމަ، އެއިރެއްގައި އޮތް ސަރުކާރެއް ތަންމިނަށް ބާރުވެރިކުރުމުގައިވެސް އެއްވެސް މިންވަރަކަށް ރައްޔިތުން ދެކޮޅު ނަހަދާނެއެވެ. ޙަޤީޤީ މައްސަލައަކީ އިންސާނީ ތަބިއްޔަތަށް އޮންނަ ބިރެވެ. ބާރެއް ލިބުމުން އޭގެ ނާޖާއިޒް ބޭނުންތަކެއް ހިފާފާނެކަމުގެ ބިރެވެ.

ނަމަވެސް އެބިރަށް ސިހުމަކީ ރަނގަޅު ވިސްނުމެއް ނޫންކަން ހުޅުޖަހާފާނެކަމުގެ ބިރަށް އަލިފާން ރޯކުރެވޭނެ ވަސީލަތްތައް ނުގެނެސް ނުތިބޭކަމަށްވުމުން އެނގެއެވެ. އަދި ވަޅިއެއްގެ ބޭނުން ނުރަނގަޅު ޢަމަލެއް ހިންގުމަށްޓަކައި ބޭނުންކޮށްފާނެތީ އެތަކެތި އުފެއްދުން ހުއްޓާނުލާތީވެސް އެނގެއެވެ. ބަޑިއަކީވެސް މިފަދަ ވަސީލަތެކެވެ.

ޤައުމެއް ނުވަތަ މުޖުތަމަޢެއް ބާރުވެރިވެގެންދަނީ އުސޫލުތަކެއް ކަނޑައަޅައި އެއަށް ތަބާވެ އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް ދިއުމުންނެވެ. އުސޫލެއް، ޤާނޫނެއް، އިމެއް ނެތި އުޅޭނަމަ އަދިވެސް ތިބޭނީ ޖާހިލިއްޔަ ޒަމާނުގެ ތެރޭގައެވެ.

މިއަދު އިންސާނީ ދަރިފަސްކޮޅަށް އައިސްފައިވާ ކޮންމެ ކުރިއެރުމެއްގެ ފަހަތުގައިވެސްވަނީ އުސޫލުތަކާއި ހަމަތަކާއި ޤަބޫލުކުރެވޭ ހަމަޖެހޭ ވިސްނުންތަކުގެ މައްޗަށް ބިނާކުރެވިފައިވާ ޤާނޫނުތަކާއި އެކަންކަން ބަލައިގަނެފައިވުމެވެ. އެހެންކަމުން ބާރުތަކެއް އޮތުމުގައި މައްސަލައެއް ނެތެވެ. ރައްޔިތުންގެ ޙައްޤުގައި ޒިންމާދާރުކަމާއިއެކު އެ ބާރުތަކުގެ ބޭނުންކުރާނަމަ ރައްޔިތުން ތިބޭނީ އެބައެއްގެ ފަހަތުގައިކަމަށްވުމުން އެއްވެސް ހުރަހެއް ކުރިމަތިވެގެން ނުދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: