ޑްރަގުގެ އެކިކަހަލަ މައްސަލަތަކާއި، ގޭންގުތަކުގެ އެކި ކުށްތަކާއި މައްސަލަތައް ހައްލު ކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތުގައި އެއްވެސް މިންވަރަކަށް ފަހަތަކަށް ނުޖެހޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ މައިގަނޑު ތިން ބޮޑު މައްސަލައެއް ކަމަށްވާ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާއި، މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކާއި އަދި ގޭންގުތަކުގެ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދޭކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ތަރައްގީއަކީ ހަމައެކަނި، އިމާރާތްތައް ބިނާކޮށް ކުރިޔަށް ގެންދާ މަސައްކަތްތައް އެކަންޏެއް ނޫނެވެ. އޭގެ އިތުރުން ވެސް ވެރިއެއްގެ ހައިސިއްޔަތުން އެ މީހެއްގެ ބޮލުގައި އެޅުވިފައިވާ ޒިންމާ ރަނގަޅު ގޮތުގައި އަދާކުރުމަކީ ވެސް މުހިންމުކަމެއްގެ ގޮތުގައި ވިދާޅުވި އެވެ.
އެގޮތުން މިއަދު ދިވެހި ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް ގޮސް ގުޅިފައި ވަނީ މަސްތުވާތަކެއްޗާއި، ގޭންގު ކުށްތައް އިތުރުވަމުން ދާތީކަމަށް ރައީސް ވިދާޅުވި އެވެ. އެއާއި އެއްކު ރާއްޖޭގެ އިޖްތިމާއީ ކަންކަމަށް އަސަރު ކުރާ ބިދޭސިން ގަވައިދާ ހިލާފަށް އެކި ވިޔަފާރިތައް ހިންގަމުން ދިއުން ހިމެނޭކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި ތިން މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަކީ ހަގީގަތުގައި، އަތްލެވޭ ކަހަލަ ތަރައްގީއެއް ނޫން ކަމަށެވެ. އެހެން ނަމަވެސް މިއީ އެއާޕޯޓުތައް އެޅުމާއި، މަގު ހެދުން ނުވަތަ ހޮސްޕިޓަލެއް އެޅުން ފަދަ ކަންކަމާ އެއްވަރު ނުވަތަ ގައުމީ ލެވެލްގައި ލިބޭ މާބޮޑެތި ކުރިއެރުންތަކެއްކަމަށް ރައީސް ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމާއި، ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރު ހުރި ގާނޫނުތަކުގެ ތެރެއިން، ބޭނުންވާ ސްޕީޑުގައި އަދި ބޭނުންވާ މިންވަރަށް މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ގިނަ ދަތިތައް ދިމާވާކަމަށެވެ.
އެހެންވެ އެ ހުރަސްތައް ނައްތާލުމަށް މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަށް ބަދަލުތައް ގެނެސް، އިސްލާހު ކުރުމުގެ މަސައްކަތް ފެށިފައިވާކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މަޖިލީހުގެ އަންނަ ދައުރުގެ ޖަލްސާތައް އޮކްޓޯބަރު މަހު ފެށުމުން ބިލު މަޖިލީހަށް ފޮނުވާނެ ކަމަށެވެ.
މި ތިން މައްސަލަ ހައްލު ކުރުމަށް އަޅުގަނޑުމެން ވަރަށް ފޯކަސް ބޮޑެތި މަސައްކަތްތަކެއް މި ކުރަނީ… ގޭންގް ކުށްތަކާއި، ތޫނު ހަތިޔާރު ގެންގުޅުމާ ބެހޭ ޤާނޫނު އަޅުގަނޑުމެން އެއޮތީ ހަދާފައި… ސީދާ މިކަން ހައްލު ކުރުމަށް. އެއްވެސް ވަރަކަށް އަޅުގަނޑުމެން ފަހަތަކަށް ނުޖެހޭނަން މި ކަމުގައިއެއް. އެއީ، މި ރާއްޖޭގައި ހައްލު ކުރަން ޖެހިފައި އޮތް މައްސަލައެއް… ވަރަށް ވަރަށް ފާމްކޮށް އަޅުގަނޑުމެން ކުރިއަށް މި ދަނީ…
މީގެއިތުރުން ގޭންގް ކުށްތަކާއި ތޫނު ހަތިޔާރު ގެންގުޅުމާ ބެހޭ ގާނޫނަށް ރައީސް މުއިއްޒު އަލިއަޅުއްވާލެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ މި މައްސަލަ ހައްލު ކުރުމަށް ކުރާ މަސައްކަތުގައި އެއްވެސް މިންވަރަކަށް ފަހަތަށް ނުޖެހޭޏެ ކަމަށެވެ.
ގައުމުގެ މުޖްތަމައުއާއި، އަންނަން އޮތް ޖީލުތައް ސަލާމަތް ކުރުމަށް ސަރުކާރުން ކުރަން ޖެހޭ މަސައްކަތް ކުރުމުގައި ތިބޭނީ ސާބިތުކަން މަތީކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ މުޖްތަމައުގެ ތެރޭގައި އޮތް އެތައް މައްސަލައަކަށް އަޅާނުލައި މީގެ ކުރިން އޮތީ ދޫކޮށްލާފައި ކަމަށެވެ. އަދި އެއީ ބަޔަކު ފަސޭހަ ގޮތް ހިޔާރުކޮށްގެން ތިބުންކަމަށް ފާހަގަކުރައްވައި ވިދާޅުވީ އޭގެ ސަބަބުން ހުރިހާ ގެއްލުމެއް ލިބުނީ ދިވެހި ރައްޔިތުންނަށް ކަމަށެވެ.

