ރިސޯޓެއްގެ ގޮތަށް ތަރައްގީ ކުރަމުންދިޔަ ރަށެއްގައި ގާ އަޅާ ބޮޑު މެޝިނެެއްގެ ބެލެޓް ދަށުވެގެން ހިނގި އެކްސިޑެންޓެއްގައި ބިދޭސީއަކު މަރުވެއްޖެއެވެ.
މަރުވެފައިވަނީ ނ އަތޮޅުގައި ރިސޯޓެއްގެ ގޮތަށް ތަރައްގީ ކުރަމުންދާ ދިގުރަށުގައި ސަން ކޮންސްޓްރަކްޝަން ކުންފުނީގެ ދަށުން މަސައްކަތް ކުރަމުންދިޔަ 25 އަހަރުގެ ފިރެހެނެކެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، އެ ހާދިސާގެ ރިޕޯޓް ލިބުނީ ބުދަ ދުވަހުގެ އިރުއްއޮއްސި 18: 20 ހާއިރު ކަމަށާއި، އެމީހާ ފަރުވާއަށް މަނަދޫ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައި ކަމަށެވެ.
ފުލުހުން ދަނީ މިހާރު އެމައްސަލަ އިތުރަށް ތަހްގީގު ކުރަމުންނެވެ. މީގެ ކުރިންވެސް އެކި ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަސައްކަތް ކުރާ ބިދޭސީން ވަނީ އިމާރާތްތަކުން ވެއްޓި އަދި ސައިޓްގައި ހުންނަ އެއްޗެހި ދަށުވެގެން އަނިޔާވެ އަދި މަރުވެސް ވެފައެވެ.
ކޮންސްޓްރަކްޝަން ސައިޓްތަކުގައި މަސައްކަތް ކުރާ މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

