ފެނަކައިގެ ހިޔާނާތް އެމްޑީޕީގެ ސަރުކާރުގައި ހާމަވުމުން އެ މައްސަލަތައް ފޮރުވުމަށް ދައުލަތުގެ އެތައް މުވައްސަސާއެއް ބާރުގެ ބޭނުންކޮަށްގެން ޕެރަލައިޒްކޮށްލިކަމަށް ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.
މަމްދޫހު ވިދާޅުވީ ފެނަކައިގެ އޮޑިޓް ރިޕޯޓުން އެކަނިވެސް ވެސް އެމްޑީޕީ ސަރުކާރުގެ ބޮޑެތި ހިޔާނާތްތަކާއި ރައްޔިތުންގެ ފައިސާއަށް ހަދާލާފައިވާ ގޮތް ވަރަށް ސާފުކޮށް ފެނިގެންދާނެ ކަމަށެވެ. އެމްޑީޕީން ރައްޔިތުންގެ ފައިސާގެ ތެރެއިން ދެ ބިލިއަން ރުފިޔާގެ ހިޔާނާތް ހިންގާފައިވާކަން މި ރިޕޯޓުން އެނގޭކަމަށް މަމްދޫހު ވިދާޅުވި އެވެ.
މަމްދޫހު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ހިންގާފައިވާ ބޮޑެތި ހިޔާނާތުގެ ކަންކަމުން ސަލާމަތްވުމަށްޓަކައި، ޕާޓީގެ ލީޑާޝިޕުން ސިޔާސީ ހަރަކާތްތައް ހިންގައި ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ވިދާޅުވީ ފެނަކައިގެ އޮޑިޓަކީ އެންމެ މައްސަލައެއްކަމަށާއި، އެ ރިޕޯޓުން އެކަނިވެސް އެމްޑީޕީގެއިސް ސަފުގައި ތިއްބެވި ބޭފުޅުންނާއި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުން ފެށިގެން ކުންފުނިތަކުގެ އިސްވެރިންނާއި، މެނޭޖްމަންޓުގައި ތިއްބެވި ބޭފުޅުން، ސަރުކާރެއް ލިބުނު ވަގުތު އަމިއްލަ މަންފާއަށް ކުރި މަސައްކަތް ސާފުވާކަމަށެވެ.
އެމްޑީޕީން ޕާޓީއާއި ގާތް ގުޅުން އޮތް މީހުންނާއި، އާއިލީ ކުންފުނިތަކަށް ވެސް ނާޖާއިޒު ފައިސާ ހޯދާދީފައިވާކަމަށް މަމްދޫހު ތުހުމަތުކުރެއްވިއެވެ.
މަމްދޫހު ވިދާޅުވީ އޭރު ވައްކަންކޮށް ނާޖާއިޒު ފައިދާ ހޯދި މީހުންނަކީ، ރައްޔިތުންނަށް ހެޔޮއެދޭ ބައެއްކަމަށް ދައްކައި މަސައްކަތް ކުރަމުން ދަނީ ގައުމު ހަލަބޮލި ކުރުމަށް ކަމަށެވެ. އެހެން ނަމަވެސް ވައްކަންކުރި މީހުން ހިމާޔަތްކޮށްދީ، އަމަންއަމާންކަން ނަގާލުމަށް ރައްޔިތުން އެއްވެސް ފުރުސަތު ނުދޭނެކަމަށް މަމްދޫހު ވިދާޅުވި އެވެ.
މީގެއިތުރުން މަމްދޫހު ވިދާޅުވީ އެމްޑީޕީން ފެނަކަ ބޭނުންކޮށްގެން، ޕާޓީގެ ދާއިރާގެ ރައީސުންގެ އެކައުންޓަށް ވެސް ފައިސާ ޖަމާކޮށްފައިވާކަމަށެވެ. މަމްދޫހު ތުހުމަތު ކުރެއްވި ގޮތުގައި، އެމްޑީޕީގެ ވަކިވަކި ދާއިރާ ރައީސުންގެ އެކައުންޓުތަކަށް 22 މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަން ރިޕޯޓުން އެނގެއެވެ. އެހެންކަމުން، އެމްޑީޕީގެ އާންމު މެންބަރުން ދާއިރާ ރައީސުންގެ އެކައުންޓް ސްޓޭޓްމަންޓުތައް ހޯދަން ޖެހޭކަމަށް މަމްދޫހު ވިދާޅުވިއެވެ.
ވައްކަމެއް ސަރުކާރެއްގެ ތެރެއިން ކޮށްފައި މި އޮތީ.. މި ކަމަށް އަޅުގަނޑުމެން ބަލައިލާއިރު، އޭރުގެ އެންޓި ކޮރަޕްޝަން ކޮމިޝަނުން އޭރުގެ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ތަފުސީލީ ގޮތެއްގައި މިކަން މި ފަދަ ވައްކަންތަކެއް މި ކުންފުނީގެ ތެރެއިން ވެސް ހިނގަމުންދާ ކަމަށް އަންގައި ރިޕޯޓެއް ހުށަހެޅުނު… އެހެންނަމަވެސް، ފެނުނީ ރިޕޯޓު ހުށަހެޅުނު ހިސާބުން ވަތްގަނޑަށް މި ރިޕޯޓު ލައި ފޮރުވިތަން… އެއަށްފަހު މި މައްސަލަ ފެންމަތި ކުރުވި ފަރާތްތައް ނޫނީ މި ކަންކަން ބަލަންތިބި ކޮމިޝަންތައް އެމްޑީޕީގެ ސުޕަރ މެޖޯރިޓީ މަޖިލިސް ބޭނުންކުރައްވައިގެން ޕެރަލައިޒްކޮށްލައި ބަދަލުކޮށްލިތަން ފެނިގެން ދިޔައީ.
މަމްދޫހު ވިދާޅުވީ ފެނަކައިގެ ތެރޭގައި ކޮރަޕްޝަން އޮތް މިންވަރު ހާމަކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ރައީސް ސޯލިހަށް ރިޕޯޓެއް ވެސް ފޮނުވިކަމަށެވެ. އެހެން ނަމަވެސް ރައީސް ސޯލިހު އެ ރިޕޯޓު ”ވަތްގަނޑަށް ލައި ފޮރުވީ“ ކަމަށް މަމްދޫހު ވިދާޅުވިއެވެ.
މަމްދޫހު ވިދާޅުވީ އިދިކޮޅުގައި އޮވެ ޕީއެންސީން ތަކުރާރުކޮށް ފެނަކައިގެ ކޮރަޕްޝަނުގެ ވާހަކަތައް ދައްކާތީ، މައްސަލަ ކުރިޔަށް ނުގެންދަން މަޖިލީހުގެ ސުޕަމެޖޯރިޓީ ބޭނުންކޮށްގެން ދައުލަތުގެ އެތައް މުވައްސަސާއެއް ޕެރަލައިޒްކޮށްލިކަމަށެވެ. މިއީ ރޭވިގެން ހިންގާފައިވާ ހިޔާނާތެއްކަމަށް ތުހުމަތުކޮށް މަމްދޫހު ވިދާޅުވީ، އެ ފައިސާ ލިބިފައި ވަނީ ވެސް ރައީސް ސޯލިހުގެ ގަތް މީހުންނަށް ކަމަށެވެ.
މަމްދޫހު އިތުރަށް ވިދާޅުވީ، މި ހިޔާނާތް ވަކި މީހަކާއި ހިސާބުން ނިންމާ ނުލެވޭނެ ކަމަށެވެ. މިހާތަނަށް އާންމުކުރީ ފެނަކައިގެ އޮޑިޓު ނަމަވެސް، މިގޮތަށް ގާތްގަނޑަކަށް ހިޔާނާތް ހިންގާފައިވާނެ 20 އާއި 30 އާ ދެމެދުގެ ކުންފުނި އެބަހުރިކަމަށް މަމްދޫހު ވިދާޅުވި އެވެ.

