”ގްލޯބަލް ސުމުދް ފްލޮޓީލާ“ އަށް އިޒްރޭލުން ހުރަސް އެޅުން ކުށްވެރި ކުރުމަށް ގޮވާލައި، އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައިގައި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ދެއްކެވި ވާހަކަތަކެއް އޮޅުވާލައިގެން ދައުރުކުރަމުންދާތީ، އެކަން އޭނާ ސާފުކޮށްދެއްވައިފިއެވެ.
މި ކުއްލި މައްސަލަ އިއްޔެގެ ޖަލްސާއަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރެވެ. މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ގޮވާލާފައި ވަނީ އިންސާނީ އެހީ އާއި ބޭސް ހިފައިގެން ގާޒާއަށް ކަނޑުމަގުން ދަތުރުކުރަމުންދާ އެހީގެ ލަޝްކަރަށް އިޒްރޭލުން ހުރަސް އެޅުމުން އެކަން ދިވެހި ދައުލަތުން ކުށްވެރި ކުރުމަށެވެ.
މައުރޫފް ހުށަހެޅުއްވި ކުއްލި މައްސަލަ، ޕީއެންސީ މެންބަރުންގެ ވޯޓާއި އެކު ބަލައިގަތެވެ. ނަމަވެސް، މައްސަލަ ބަލައިގަތުމަށް ފަހު ސަރުކާރުގެ މެންބަރުން ވަނީ، އެމްޑީޕީ މި މައްސަލަ ހުށަހެޅީ ސިޔާސީ މަގްސަދެއްގައި ކަމަށާއި، އެމްޑީޕީ ރައްޔިތުންނާއި ގުޅުންހުރި އެއްވެސް މަސައްކަތެއް ނުކުރާކަމަށް ބުނެފައެވެ.
މި ޖަލްސާގައި އައިފާން ދެއްކެވި ވާހަކައިން ބައެއް އެމްޑީޕީގެ މެމްބަރުން ދަނީ ދައުރު ކުރަމުންނެވެ. އިއްޔެ ޖަލްސާގައި އައިފާން ވިދާޅުވީ، އިޒްރޭލުން ޣާޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ފޮރިން މިނިސްޓްރީން ގާތުން ބަލަމުންދާ ކަމަށާއި، އިޒްރޭލާއި ދެކޮޅަށް ދުނިޔޭގެ ބޮޑެތި ގައުމުތައް ކުރިމަތީ ރާއްޖެ ހަރު އަޑުން އަޑުއުފުލާކަމަށެވެ.
މީގެ އިތުރުން، އައިފާން ވަނީ އެމްޑީޕީ ވެރިކަމުގައި އޮތް އިރު، އިޒްރޭލާއި ދެކޮޅަށް ފިޔަވަޅު ނޭޅީ ކީއްވެތޯ ސުވާލު އުފައްދާފައެވެ. އަދި މިފަހުން ހަމަލާތައް ވަރުގަދަ ކުރީ އެމްޑީޕީ ވެރިކަމުގައި އޮއްވައިކަން ވެސް ފާހަގަކުރެއްވި އެވެ.
އައިފާން ދެއްކެވި ވާހަކަތަކުގެ ތެރެއިން 15 ވަރަކަށް ސިކުންތުގެ ވީޑިއޯއެއް ނަގައި، އޭނާއަށް ދުނިޔޭގެ މަސްރަހުގައި ހިނގާ ކަންކަން ނޭނގޭކަމަށް ބުނެ އެމްޑީޕީ ދަނީ ފާޑުކިޔަމުންނެވެ. މިކަމާ ގުޅިގެން، އައިފާން ވަނީ އޭނާ ދެއްކި ވާހަކަތައް އޮޅުވާލައިގެން ފަތުރަމުންދާކަން ފާހަގަކޮށް، އެކްސްގައި ޖަލްސާގައި ދެއްކެވި ވާޖަކަ އެއްކޮށް ޕޯސްޓުކޮށް އެކަން ސާފުކޮށްދެއްވާފައެވެ.
އައިފާން ވިދާޅުވީ ބަހުސްގައި ސަރުކާރު ކުށްވެރިވާ ގޮތަށް، އިދިކޮޅުން ދައްކަމުން ދިޔަ ވާހަކަ ތަކަށް އޭނާ ރައްދު ދެއްވި ގޮތުގެ ބައެއް އުނި އިތުރު ކުރުމަށް ފަހު، އާންމުންނަށް ވާހަކައިގެ ދޭހަ އޮޅޭ ގޮތަށް ދައުރު ކުރަމުންދާކަމަށެވެ.
އަދި އޭނާ ދެއްކެވި ވާހަކަތައް އިތުރަށް ސާފުކޮށްދެއްވަމުން ވިދާޅުވީ:
• އޮކްޓޯބަރ 7 ގައި ، ނުލަފާ ޔަހޫދީން ހަގުރާމަ އިއުލާނުކޮށް ކުށެއް ނެތް އާންމުނާއި ދިފާއުވާނެ ގޮތެއް ނެތް ރައްޔިތުންނާއި ކުރިމަތި ލުމަށް ފެއްޓި ގަތުލު އާންމުގައި އޭރު ދިވެހި ސަރުކާރާއި އޭރުގެ މަޖިލީހުން އަމަލު ކުރި ގޮތުގެ ވާހަކަ އާއި ސަރުކާރުތަކުންނާއި މަޖިލީހުން އިޒްރޭލާއި އެކު ގާއިމު ކުރި ގުޅުންތަކުގެ ވާހަކަ އާއި އެކަމާއި ދެކޮޅަށް ކުރެވުނު މަސައްކަތުގެ ވާހަކައެވެ.
• ހަގުރާމައިގެ ނަމުގައި ކުޑަކުދިން މަރަމުން ދިޔަ ސިފައިންނާއި ފަލަސްތީނު ބިންތަކަށް ވެރިވެފައިވާ ޔަހޫދީން ރާއްޖެ ވަނުމާއި ދެކޮޅަށް ގޮވާލާ ފުރަތަމަ ރައްޔިތުން މުޒާހަރާ ކުރީ އެމް،ޑި،ޕީ ސުޕާރ މެޖޯރިޓީ މަޖިލީހަކާއި ސަރުކާރަކާއި ދެކޮޅަށް ކަން، ފަހުން އަޅުގަނޑުމެން މިމަޖިލީހުން ޔަހޫދީ ސިފައިންނާއި ފަލަސްތީނުގެ ބިންތަކަށް ވެރިވެފައިވާ ޔަހޫދީން ރާއްޖެ ވަނުން ގާނޫނީ ގޮތުން މަނާ ކުރި ވާހަކައެވެ.
އަޅުގަނޑު ދެކެވުނު ވާހަކަ ދެކެވުނީ މަޖިލީހުގައި ބައެއް މެންބަރުން ކަންތަށް އޮޅޭ ގޮތަށް ހަގީގަތާއި ހިލާފު ވާހަކަ ދެކެވެމުން ދާތީ އެކަމުގެ ރައްދެއްގެ ގޮތުން ބަހުސް ވަގުތުގައެވެ. މިކަންތަކަކީ މާޒީގައި ހިގާފައި ހުރި ކަންތަކެވެ.
ގަރާރުގެ ބަހުސްގައި އައިފާން ވިދާޅުވީ ފްލޮޓިއްލާ މޫވްމެންޓުގެ ކަންކަން ފޮރިން މިނިސްޓްރީން ވަތަށް ގާތުން ބަލަމުންދާކަމަށެވެ.
އައިފާން ވިދާޅުވީ އެމްޑީޕީއަކީ ދިވެހިރާއްޖެއާ އިޒްރޭލާ އެކީގައި ގުޅުން އުފެއްދި ހަމައެކަނި ދިވެހި ސަރުކާރު ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ތާރީހުގައި އިޒްރޭލަށް ދަތުރުކުރި ހަމައެކަނި ފޮރިން މިނިސްޓަރަކީ ވެސް އެމްޑީޕީގެ ސަރުކާރުގެ މިނިސްޓަރެއްކަމަށް އައިފާން ވިދާޅުވި އެވެ. އައިފާން ވިދާޅުވީ މިއީ ބަދަލު ނުވާނެ ހަގީގަތެއް ކަމަށެވެ.
2009 ވަނަ އަހަރު އިޒްރޭލާއި އެކު ގުޅުން އުފެއްދުމަށް މަސައްކަތް ކުރީ އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ކަމަށް އައިފާން ވިދާޅުވިއެވެ. އަދި 2010 ވަނަ އަހަރު އިޒްރޭލުގެ ޑޮކްޓަރުންގެ ޓީމެއް ދިވެހިރާއްޖެއަށް ގެނައި ކަމަށާއި، އޭރުގެ ފޮރިން މިނިސްޓަރ އިޒްރޭލަށް ދަތުރެއް ކުރީ 2011 ވަނަ އަހަރުކަމަށް އައިފާން ވިދާޅުވި އެވެ.
މީގެ އިތުރުން އައިފާން ވިދާޅުވީ، އިޒްރޭލުން ޣާޒާއަށް ހަމަލާ ދެމުންދާތާ އެތައް އަހަރެއްވެފައިވާކަމަށާއި، މިފަހުން ހަމަލާތައް ވަރުގަދަކުރިއިރު ވެރިކަމުގައި ހުންނެވީ ރައީސް ސޯލިހު ކަމަށެވެ.

