ގާނޫނީނީ ވެރިކަމެއްގެ ދިފާޢުގައި ރައްޔިތުން ތެދުވުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ގޮވާލައްވައިފިއެވެ.
އެމްޑީޕީގެ އެއްވުމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، އިދިކޮޅު ފަރާތްތަކުން ރާވަމުންދާ ކަންކަމަކީ ރާއްޖޭގެ އަމަން އަމާންކަން ނަގާލައި، މުޅި ޤައުމު ހަލަބޮލިކޮށްލުމަށް ކުރާ ނުބައި މަސައްކަތެއްކަމަށް ހައިދަރު ވިދާޅުވިއެވެ.
”އެމީހުންގެ ނުބައި މަޤްޞަދަކީ ރާއްޖޭގެ އިޤްތިޞާދު ފުނޑުފުނޑުކޮށްލައި، ޤާނޫނީ ވެރިކަމަށް ދުއްތުރާކުރުން“ ކަމަށް ހައިދަރު ވިދާޅުވިއެވެ. އަދި މިފަދަ ނުބައި ޢަމަލުތަކަށް ފުރުޞަތު ދީގެން ނުވާނެކަމަށާއި، ޤައުމުގެ އަގުހުރި އިޖުތިމާޢީ ފޭރާން ވީދިޔަދީގެން ނުވާނެކަމަށް ފާހަގަކުރެއްވިއެވެ.
ޤާނޫނާ ޚިލާފު މުޒާހަރާ ރޫޅާލުން
އެމްޑީޕީން ރޭ ކުރިއަށް ގެންދިޔަ މުޒާހަރާ ޤާނޫނާ ހިލާފުވުމުން ރޫޅާލުމުގެ މަސައްކަތް ފުލުހުން ވަނީ ކޮށްފައެވެ. ފުލުހުން މި މުޒާހަރާ ކުރިއަށް ގެންދިއުމަށް ހުއްދަ ދީފައިވަނީ އާޓިފިޝަލް ބީޗް ސަރަހައްދުން ފެށިގެން ބްރިޖާއި ދިމާލުން ބޭރު މަގުންނެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން މަޖީދީ މަގުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަން ފާހަގަކުރެވެއެވެ.
ފުލުހުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އެއްވުމުގެ ބައިވެރިން ފުލުހުންނާ ދިމާލަށް ގަލާއި ފެންފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތްކޮށް، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އަޅާފައިވެއެވެ. މިކަމާ ގުޅިގެން އެ އަމަލުތައް ހިންގި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.
މުޒާހަރާގެ ކުރިން އެމްޑީޕީގެ އިސްވެރިން ފުލުހުންނާއި ބައްދަލުކޮށް، ފުލުހުން ހުއްދަދީފައިވާ ގޮތަށް މުޒާހަރާ ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ދީފައިވީ ނަމަވެސް، އެއްބަސްވެފައިވާ ގޮތާ ޚިލާފަށް ޢަމަލުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

