ރޭ އެމްޑީޕީގެ މުޒާހަރާގައި ހިނގި ހާދިސާތަކާ ގުޅިގެން، އެ ޕާޓީން ޑިމޮކްރަސީއަށް ހަމަލާ ދީފައިވާކަމަށް ފާހަގަކޮށް، އެކަމުގައި ބައިވެރިވި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ވެރިކަންކުރާ ޕާޓީ، ޕީއެންސީން ގޮވާލައިފިއެވެ.
ޕީއެންސީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، އެމްޑީޕީގެ އެއްވުމަކީ ކަމާބެހޭ ފަރާތްތަކާއެކު އެއްބަސްވެވިފައިވާ ގޮތާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެއްވުމެކެވެ. ނަމަވެސް އެމްޑީޕީން މި އެއްބަސްވުމާ ޚިލާފުވެ، ފުލުހުންގެ ބެރިކޭޑްތައް ފަޅާލައި، ފުލުހުންނަށް ގަލާއި ފުޅި އުކައި، އަދި ފުލުހުންގެ ޝީލްޑްތައް ފޭރިގަތުމަށް މަސައްކަތްކޮށްފައިވާކަމަށް ފާހަގަކޮށްފައިވެއެވެ.
އަދި މުޒާހަރާއަށް ރަށްރަށުން ގެނެސްފައިވާ ފަރާތްތަކަށް އަސާސީ ޚިދުމަތްތައް ކަމުގައިވާ ކެއުމާއި ހުރުމުގެ އިންތިޒާމު ހަމަޖައްސައި ނުދީ، މާލޭގެ މަގުތަކުގައި ހާލުގައި ޖެހުމަށް ދޫކޮށްލާފައިވާކަން ފާހަގަކޮށް، މިއީ ރައްޔިތުން ތަމްސީލުކުރާ ޕާޓީއަކުން ކުރުން އެކަށީގެންވާ ކަމެއް ނޫންކަމަށް ޕީއެންސީން ބުނެފައިވެއެވެ.
ޕީއެންސީން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އެއްވެ އުޅުމުގެ މިނިވަންކަން ޤާނޫނުގެ ތެރެއިން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. ނަމަވެސް މި ފުރުސަތަކީ އާންމު ތަންތަނަށް ގެއްލުންދީ، ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ފުލުހުންނަށް ހަމަލާދިނުމުގެ ފުރުސަތެއް ނޫނެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެމްޑީޕީގެ މަޤްޞަދަކީ ޤައުމުގެ ހަމަޖެހުން ނަގާލުން ކަމަށެވެ. އަދި ހަޤީޤީ ސިޔާސީ މަސައްކަތްތަކަކީ މަގުމަތިން ހަމަޖެހުން ނަގާލުން ނޫންކަމަށާއި، ބަހުސްކޮށް، ކަމާގުޅޭ އިދާރާތަކަށް ހުށަހަޅައިގެން އަދި ވޯޓުން ސިޔާސީ ބަދަލު ގެނައުމަށް މަސައްކަތްކުރުން ކަމުގައި ފާހަގަކޮށްފައިވެއެވެ.
ބަޔާން ނިންމާލަމުން ޕީއެންސީން ވަނީ، ރައްޔިތުން ބޭނުންވަނީ ސިޔާސީ ހަމަޖެހުން ކަމަށް ފާހަގަކޮށް، ހަމަޖެހުން ނަގާލުމަށް ހިންގާފައިވާ ޢަމަލުތައް ކުށްވެރިކޮށް، އެކަން ކުރި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.

