ރާއްޖޭގެ ހަމަޖެހުން ނަގާލުމަށް މަސައްކަތްކުރާ ކުރީގެ ރައީސުން އެކި އިނާޔަތްތައް ކަނޑާލަން ޖެހޭކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީޕީ އިންތިޒާމުކޮށްގެން ރޭ ކުރިޔަށް ގެންދިޔަ ”ލޫޓުވާލައިފި“ އެއްވުމަށް ފުލުހުންނާއި އެކުވީ އެއްބަސްވުމާއި ހިލާފަށް މަޖީދީ މަގުން ކުރިޔަށް ދާން މަސައްކަތް ކުރުމުން، ފުލުހުން ވަނީ މަގު ބަންދުކޮށްފަ އެވެ. އަދި ތަކުރާރުކޮށް މަޝްވަރާ ކުރި ގޮތަށް އަމީނީ މަގުން ހިނގާލުން ކުރިޔަށް ގެންދިއުމަށް ވަނީ ނަސޭހަތްތެރިވެފަ އެވެ.
މި އެއްވުމުގައި އެމްޑީޕީގެ ލީޑާޝިޕާއި، ޕާޓީގެ އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން ޗެއާޕާސަން ފައްޔާޒް އިސްމާއިލް ހިމެނެ އެވެ.
އެއްވުން ހޫނުވެ ޕެޕާ ސްޕްރޭ ބޭނުންކޮށް، ފުލުހުން ވަނީ ބާރުގަދަ އެލާމެއް ވެސް ބޭނުންކޮށްފަ އެވެ. ރޭ ފުލުހުން ބޭނުން ކުރި ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރްއޭޑީ) އަކީ މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ބޭނުންކުރާ ނޮން-ލީތަލް ވަސީލަތެކެވެ.
މިއީ ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރުންކަމަށް ބުނެ، ރައީސް ސޯލިހު ޕޯސްޓެއް ކުރައްވައި ވަނީ ސަރުކާރުގެ މަގުބޫލުކަމާއި ތާއީދު ދަށްވަމުންދާކަމަށް ވިދާޅުވެފަ އެވެ. މި ޕޯސްޓަށް ރައްދު ދެއްވައި ސައީދު ވަނީ އެމްޑީޕީގެ ވެރިކަން ހަނދާނަށް ގެނައުމަށް ގޮވާލައްވާފައެވެ.
ސައީދު ވިދާޅުވީ ކުއްލި ގޮތަކަށް މާ ޑިމޮކްރަސީއަށް ތާއީދުކޮށް، ޑިމޮކްރަސީ ގަބޫލު ކުރާކަމަށް ރައީސް ސޯލިހު ރައްޔިތުންނަށް ދެއްކުމަށް މަސައްކަތް ކުރެއްވި ނަމަވެސް ހަގީގީ މަންޒަރަކީ އެއީ ނޫންކަމަށެވެ.
ސައީދު ވިދާޅުވީ މާލެ ފަދަ ޓްރެފިކަށް ބާރުބޮޑު، ތޮއްޖެހިފައިވާ ސިޓީއެއްގައި އާންމު ޖާގަތައް ވަރަށް މަދުކަމަށެވެ. އަދި އެމްޑީޕީގެ ސަރުކާރު ހިމެނޭ ގޮތަށް އެހެން ސަރުކާރުތަކުން އެއްވުންތައް ކުރިޔަށް ގެންދަން ވަކި ސަރަހައްދެއް ކަނޑައެޅީ އެ ސަބަބާއި ހުރެކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން މުޒާހަރާތަކާއި، އެއްވުންތައް ކުރިޔަށް ގެންދިއުމުގައި ވެސް އަމަލު ކުރަން ޖެހޭ ގޮތުގެ އުސޫލަށް އެމްޑީޕީގެ ވެރިކަމުގައި ތާއީދުކުރިކަމަށް ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ގާނޫނާއި ހިލާފަށް، އެއްވުން ކުރިޔަށް ގެންދިއުމަށް ޖާގަ ނުދިނުން އެއި އަނިޔާވެރިވުމެއް ނޫންކަމަށެވެ. އަދި މިއީ އާބާދީ ބޮޑެތި ސަރަހައްދުތަކުގައި، އާންމު ބުއްދިން ނިންމާނެ ނިންމުންތައްކަމަށް ވެސް ވިދާޅުވި އެވެ.
ފުލުހުންނާއި އެކުވީ އެއްބަސްވުމާއި އެމްޑީޕީ ހިލާފުވިކަމަށާއި، ހަގީގަތަކީ އެއީކަމަށް ސައީދު ވިދާޅުވި އެވެ. ސައީދު ވިދާޅުވީ ފުލުހުން މަސައްކަތް ކުރީ ޒިންމާދާރުކޮށްކަމަށާއި، އެ ހަގީގަތާއި ވެސް ކުރިމަތިލާން ޖެހޭކަމަށެވެ. އަދި އާންމު ރައްޔިތުންގެ ރައްކާތެރިކަމާއި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ހައްގާއި ދެމެދު ހަމަހަމަކަން ގެނައުމަށް މަސައްކަތްކުރިކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ސައީދު ވިދާޅުވީ ކުރީގެ ރައީސުންނަކީ، ރައްޔިތުންނަށް ޒިންމާދާރުކަމާއި އެކު މައުލޫމާތު ފޯރުކޮށްދޭ ބަޔަކަށް ވާން ޖެހޭކަމަށާއި އެބޭފުޅުން ދޮގު ހަބަރު ފެތުރުމާއި ހަލަބޮލިކަމަށް ހިތްވަރު ދިނުމާއި ދުރުވާން ޖެހޭކަމަށެވެ. އަދި މިފަދަ ދޮގުތައް ކުރީގެ ރައީސުން ތަކުރާރުކޮށް ފަތުރަމުން ގެންދާނަމަ، އެބޭފުޅުންނަށް ކުރީގެ ރައީސުންގެ ގޮތުގައި ލިބޭ އިނާޔާތްތައް ކަނޑާލަން ޖެހޭކަމަށް ސައީދު ވިދާޅުވި އެވެ.
މި އިނާޔަތްތައް ކަނޑާލަން ޖެހެނީ ސައީދު ވިދާޅުވި ގޮތުގައި އޮފީސް ހަރަދުތަކާއި، ހަށިފާރަވެރިން ވެސް ހިމެނޭ ގޮތަަށެވެ.
ރައީސް ސޯލިހު ކަނޑައެޅިގެން އިތުރުފުޅު ހައްދަވައިރު، ފުލުހުންގެ އަގު ނުވެއްޓޭ ގޮތަށް ވާހަކަ ދެއްކެވުމަށް ވެސް ސައީދު ގޮވާލެއްވި އެވެ.

