ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަރަށް ބޮޑު ތަޞައްވުރެއްކަމަށް ހޯމްލޭންޑް މިނިސްޓަރ އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ބާއްވާ ފުރަތަމަ ވިމެން އިން ޕޮލިސިން ސަމިޓު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރުމަކީ ސަރުކާރު އަދި ރައީސްގެ ވަރަށް ބޮޑު ތަޞައްވުރެއް ކަމަށާއި ޒަމާނީ ތަމްރީންތަކާ ތައުލީމާއެކު ކުރިއަރާ ދިއުމުގެ ފުރުޞަތު މިފަދަ އިދާރާތަކުގެ އަންހެން މުވައްޒަފުންނަށް ވަނީ ފަހިވެފައި ކަމަށެވެ.
އަދި ވަރަށް ގިނަ އިސްލާހުތަކާއެކީ ހެޔޮ ބަދަލުތައް މުޅި ދާއިރާއަށް ދަނީ ގެންނަމުންކަން ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ޖިންސީ ތަފާތުކުރުން ނުގެންގުޅުއްވާނެ ކަމުގެ ޔަގީންކަން ދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ދާއިރާގެ މިސްރާބު ވަރަށް ސާފު ކަމަށާއި އިސްކުރާނީ މީހާގެ ހުނަރާ ޤާބިލުކަމާ މަސައްކަތަށް ބަހައްޓާ ޝަޢުގު ކަމަށެވެ.
ބައިނަލްއަޤްވާމީ އެކި އިދާރާތަކާއެކު އޮތް ގުޅުމަކީވެސް، ތަންފީޒީ އިދާއިރާތަކުގެ ކުރިއެރުމަށް ލިބޭ ބޮޑު ބާރެއް. އެގޮތުން ދުނިޔޭގެ ކުރިއަރާފައިވާ އިދާރާތަކާއި ޤައުމުތަކުގެ ތަޖުރިބާކާރުންގެ ޚިޔާލާ ތަޖުރިބާއަކީ، ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަމުގެ ދާއިރާގެ މުޅި ޚިދުމަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް
މޯލްޑިވްސް ވިމެން އިން ޕޮލިސިން ސަމިޓްގައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، މޯލްޑިވްސް އިމިގްރޭޝަން އަދި މޯލްޑިވްސް ކަސްޓަރމްސް ސަރވިސް ހިމެނޭހެން އެ އިދާރާތަކުގެ މެދުގައި ”ދި އިންޓަރ އެޖެންސީ ޑިކްލަރޭޝަން އޮން ލީޑަރޝިޕް ކެޕޭސިޓީ ޑިވެލޮޕްމަންޓް އޮފް ވިމެން އިން ސެކިއުރިޓީ އެންޑް އެންފޯސްމަންޓް ސެކްޓަރ އޮފް ދަ މޯލްޑިވްސް“ގައި ސޮއިކޮށްފައެވެ.
އެ އެއްބަސްވުމަށް އިޝަރާތްކުރައްވާ މިނިސްޓަރ ވިދާޅުވީ، ތަންފީޒީ އިދާރާތައް ގުޅިގެން ފަށާފައިވާ މި މަސައްކަތަކީ، ރާއްޖޭގައި ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ދާއިރާގައި އަންހެނުންނަށް ހަމަހަމަ ފުރުޞަތު ހޯދައިދީ ކުރިއަރާ ދިއުމަށް ހުޅުވައިދޭ ވަރަށް މުހިންމު ދޮރެއް ކަމަށެވެ. އަދި މިއީ މުޅި ދާއިރާއަށް ވަރަށް މުހިންމު ފެށުމެއްގެ ގޮތުގައި ވަޒީރު ވަނީ ސިފަކުރައްވާފައެވެ.
ތަންފީޒީ ދާއިރާތަކުގައި މަސައްކަތްކުރާ އަންހެނުންގެ ހިތްވަރާ ޢަޒުމަކީ، ކުރިމަތިވާ ޙާލަތްތަކާއި ގޮންޖެހުންތަކުން އަރައިގަނެ މުޖުތަމަޢުއަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބޭ ކަމެއް ކަމަށްވެސް މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.
އަދި އެފަދަ މަޤާމުތަކުގައި އަންހެނުންނާ މެދު މުޖުތަމަޢު ދެކެމުން އައި ގޮތް ބަދަލުވެ، އަންހެނުންނަކީވެސް ލީޑަޝިޕްގެ ބޮޑެތި ޒިންމާތައް އަދާކުރެވޭ ބައެއްކަން ސާބިތުކޮށްދެމުންދާކަން އިހުސާން ވާހަކައިގައި ފާހަގަކުރެއްވިއެވެ.

