އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫގައި ނެގުމަށް ހަމަޖެހިފައިވާ ރިފަރަންޑަމް ވޯޓާ ގުޅޭގޮތުން ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާގޮތަށް ބަދަލު ގެނައުމާ ގުޅޭގޮތުން އައްޑޫ ސިޓީގެ ރައްޔިތުންގެ ޚިޔާލު ދެނެގަތުމަށް އާންމު ވޯޓެއް ނެގުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައި ވާތީ އެކަން ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ.
ކެބިނެޓުގެ މި ނިންމެވުމާއި ގުޅޭގޮތުން ރައީސް މުއިއްޒު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ މި ވޯޓުގައި ސަރުކާރުން އިޚްތިޔާރު ކުރާ ވަކި ނަތީޖާއެއް ނެތްކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މެޖޯރިޓީ އިން ނިންމަވާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒު ކުރާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނި ގޮތުގައި މި ނިންމުން ނިންމަވާފައި ވަނީ އައްޑޫ ސިޓީގެ ބައެއް ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް މި މައްސަލަ ހުށަހަޅުއްވާފައިވާތީ، ރައްޔިތުން އެދޭ ގޮތް ދެނެގަތުމަށެވެ. އެހެންކަމުން އާންމުންގެ ހިޔާލު ހޯދުމުގެ ގާނޫނުގެ ދަށުން، މިއީ ނަގާ ފުރަތަމަ ވޯޓަށް ވާނެ އެވެ.
މި ވޯޓު ނެގުމަށް ހަމަޖެހިފައި ވަނީ އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ވަކި ކައުންސިލްތައް އުފައްދަން ފެނޭތޯއެވެ.
މީގެ އިތުރުން، އައްޑޫ ހުޅުދޫއާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި ދެ ރަށުގައި އެއް ކައުންސިލްގެ ގޮތުގައި ”އައްޑޫ ހުޅުމީދޫ ކައުންސިލް“ އުފައްދަން ފެނޭތޯ ވެސް މި ވޯޓުގައި ހިމެނުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
މި ވޯޓު ނެގުމަށް ނިންމާފައި ވަނީ މިހިނގާ އޮކްޓޫބަރު މަހުގެ 24/25 ވާ ހަފުތާ ބަންދުން ދުވަހެއްގައެވެ.
މި ވޯޓުގައި ހުޅުދޫ، މީދޫ އަދި ފޭދޫގެ ރަޖިސްޓްރީގައިވާ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ އެންމެހާ ފަރާތްތަކަށް ބައިވެރިވެވޭނެއެވެ.

