ސަރުކާރުން ދަނީ ބޯހިޔާވަހިކަމަށްވީ ވައުދުތައް ބޮލާލާ ޖަހަމުން، މިކަމާއި ދެކޮޅަށް އިހުތިޖާޖު ކުރަން ޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މި ހަފްތާގައި ބޮޑަށް ކުރެވިގެން ދިޔައީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ހުށައަޅުއްވާފައިވާ މަސައްކަތައްކަމަށެވެ. ކޮރަޕްޝަން ހުއްޓުވުމަށްޓަކައި މުހިންމު އިސްލާހުތަކެއްވެސް ހުށައަޅުއްވާފައިވާކަމަށް ފާހަގަކޮށް މައުރޫފް ވިދާޅުވީ، އެމްޑީޕީއިން ކުރަމުން ގެންދަނީ އެއްވެސް ބަޔަކަށް ކުރަން ކެރިފައިވާ މަސައްކަތްތަކެއް ނޫންކަމަށެވެ.
މައުރޫފް ވަނީ ކުއްލި މައްސަލަތައް ހުށައެޅުމުން ކޮންމެސް ހުއްޖަތެއް ދެއްކުމަށްފަހު އެ މައްސަލަތައް ބޭރު ކުރާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. 4،000 ފްލެޓުގެ މައްސަލައިގައި ހުށައެޅި ކުއްލި މައްސަލައަށްވެސް އަމަލުކުރީ މިހެންކަމަށް މައުރޫފް ވިދާޅުވިއެވެ.
އެގޮތުން ކުރީގެ ސަރުކާރުން މި ފްލެޓުތައް ލިބޭ މީހުންގެ ލިސްޓެއް އެކުލަވާލާފައިވަނިކޮށް، އަނެއްކާ އިތުރު އާ ލިސްޓެއް މި ސަރުކާރުން އެކުލަވާލީ ކޮރަޕްޝަނާއި ހިޔާނާތުގެ ތެރެއިންކަމަށް މައުރޫފް ވިދާޅުވިއެވެ. މީގެ ތެރެއިން އެތައް ބައެއް ފްލެޓު މަހުރޫމްކޮށް، ވާނުވާ ނޭގޭ އުސޫލެއްގެ ތެރެއިން ވަކި ބަޔަކަށް އެ ފްލެޓުތައް ދޫކޮށްފައިވާކަމަށްވެސް ފާހަގަކުރެއްވިއެވެ.
އެ މައްސަލައިގައި އަޅުގަނޑުމެންގެ ކަންބޮޑުވުންތަކަށް ބަލާއިރުގައި، އެއްވެސް ކޮންޓްރެކްޓެއް ދީފައިވާ ފަރާތެއްގެ ފްލެޓެއް އަތުނުލެވޭނެކަމީ، ގާނޫނު ދަންނަ ހަމަ ކޮންމެ މީހަކު ގަބޫލުކުރާނެ ހަގީގަތެއް. ދިވެހި ރައްޔިތަކާއި، ސަރުކާރާއި ދެމެދު ވެފައިވާ އެއްބަސްވުމެއް އުވާލެވޭނެ ހަމައެކަނި ގޮތަކީ، ސަރުކާރުގެ ފަރާތުން، ނުވަތަ އެ އެއްބަސްވުމެއް ވެފައިވާ ފަރާތުން ކޯޓަށް ގޮސްގެން އެ އެއްބަސްވުން ނިންމުމަކަށް ގެނައިއްސި ހާލަތެއްގައި ނޫން އެއްވެސް ހާލަތެއް އެކަމަކު ނޯވޭ.
މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ ވެފައިވާ އެއްބަސްވުމެއް އުވާލެވޭނީ ކޯޓަށް ގޮސްގެން އެކަނިކަމަށާއި، ނަމަވެސް މި ސަރުކާރުން އެހެން ހުރި އެތައް ފްލެޓު އެއްބަސްވުތަކެއް ގާނޫނާއި ހިލާފަށް ބާތިލްކޮށްފައިވާކަމަށެވެ. މިކަމުގައި ސަރުކާރާއި ދެކޮޅަށް އިހުތިޖާޖު ކުރުމަށް މައުރޫފް ގޮވާލެއްވިއެވެ.
މި ސަރުކާރުން ފްލެޓުތަކުން ނަގާ ކުލިވެސް ބޮޑު ކޮށްފައިވާކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި މައުރޫފް ވިދާޅުވީ ފްލެޓުތައް ލިބުން ފަރާތްތަކުން ފްލެޓަށް ފައިސާ ދައްކަން ވާނީ ކުލި ދެއްކުމަށް އެއްބަސްވެފައިވާ އަދަދުންކަމަށެވެ.
މި ސަރުކާރުން ރައްޔިތުންގެ ބޯހިޔާވަހިކަމަށްވީ ހުރިހާ ވައުދެއް ވަނީ ބޮލާލާ ޖަހާފައިކަމަށާއި، ވަމުންދަނީވެސް ދޮގު ވައުދުތައްކަމަށް މައުރޫފް ވިދާޅުވިއެވެ.
މީގެއިތުރުން މައުރޫފް ކަންބޮޑުވުން ފާޅުކުރެއްވީ ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުން ކުރާކަމަށް ފާހަގަކޮށެވެ. އެއީ އެމްޑީޕީއިން އޮކްޓޯބަރ 3 ވަނަ ދުވަހު ބޭއްވި މުޒާހަރާއާއި ގުޅިގެން ދެއްކެވި ވާހަކައެކެވެ. މައުރޫފް ވަނީ މުޒާހަރާގެ ހައްޔަރީން ދޫކޮށްލުމަށްވެސް ގޮވާލާފައެވެ.

