68 ވަނަ ކޮމަންވެލްތު ޕާލިމެންޓަރީ އެސޯސިއޭޝަން (ސީޕީއޭ) ކޮންފަރެންސްގައި ދިވެހިރާއްޖެއިން ވަނީ، ރާއްޖޭގެ ތަރައްގީގެ އެޖެންޑާގެ މުހިންމު ބައެއްގެ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް ހާއްސަ ސިޔާސަތުތައް ހިމަނާފައިވާކަން ފާހަގަކޮށްފައެވެ.
ބާބަޑޯސްގައި ކުރިޔަށް ދިޔަ މި ކޮންފަރެންސްގައި، ނާޒިމް ވަނީ ޑިމޮކްރަސީއާއި ހެޔޮ ވެރިކަމާއި ދުނިޔޭގެ ގޮންޖެހުންތަކަށް އެކުގައި ކުރިމަތިލުމުގައި ކޮމަންވެލްތާއެކު ދިވެހިރާއްޖެއިން އޮތް ގުޅުން ފާހަގަކުރައްވާފައެވެ.
ކޮންފަރެންސަށް ކަނޑައަޅާފައިވާ ޝިއާރަކީ ”ދަ ކޮމަންވެލްތު: އަ ގްލޯބަލް ޕާޓްނަރ“ އެވެ. އެކަން ފާހަގަކޮށް ނާޒިމް ވިދާޅުވީ، ކޮމަންވެލްތަކީ އަބަދުވެސް ގައުމުތަކުގެ ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ އިއްތިހާދެއް ކަމަށާއި، އެގޮތުން ކޮންމެ ގައުމަކުން ވެސް ޑިމޮކްރަސީއާއި އިންސާފާއި އެއްބާރުލުން ދިނުމުގައި އެއް މަގްސަދެއްގައި ތިބެގެން ގުޅުން ބަދަހި ކުރަމުންދާކަމަށް ވިދާޅުވި އެވެ.
ކޮމަންވެލްތަކީ ގިނަ ގައުމުތައް އެއް މަގްސަދެއްގައި ގުޅުވައިދޭ ”އަމަލީ، ބާރުގަދަ އަދި ދިރުންހުރި“ އިއްތިހާދީ ބައިވެރިވުމެއްކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވި ގޮތުގައި، ކޮމަންވެލްތުގެ ހުރިހާ ގައުމަކުންހެން ހިއްސާ ކުރާ އެންމެ ބޮޑު ގޮންޖެހުމަކީ، މޫސުމަށް އަންނަ ބަދަލުތަކެވެ. ހާއްސަކޮށް، ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅިގެން ރާއްޖެއިން ދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންކަމަށް ވިދާޅުވި އެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދާއިއެކު، ރާއްޖޭގެ ތަރައްގީގެ އެޖެންޑާގެ މުހިންމު ބައެއްގެ ގޮތުގައި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމާ ބެހޭ ސިޔާސަތުތައް ހިމަނާފައިވާކަން ނާޒިމް ފާހަގަކުރެއްވިއެވެ.
ނާޒިމް ވިދާޅުވީ ކޮމަންވެލްތުގެ ސަބަބުން ކުދި ގައުމުތަކަށް ބައިނަލްއަޤްވާމީ މައިދާނުގައި އަޑުއުފުލުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ. އަދި ކޮމަންވެލްތާއި ރާއްޖެއާ ދެމެދުގެ ގުޅުމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން، ނާޒިމް ވިދާޅުވީ، ކޮމަންވެލްތުން އިންތިހާބުތައް އޮބްޒާވް ކުރުމާއި، ސިވިލް ސާވިސް މުވައްޒަފުންގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމަށް ހިންގާ ޕްރޮގްރާމްތަކުގެ ސަބަބުން ދިވެހިރާއްޖޭގެ ތަރައްގީގައި އެ ޕްރޮގްރާމްތައް މުހިންމު ހިއްސާތަކެއް އަދާކޮށްފައިވާ ކަމަށެވެ.
1980 ގެ އަހަރުތަކުން ފެށިގެން ކޮމަންވެލްތާއިއެކު ދިވެހިރާއްޖެއިން އޮތް ގުޅުމަށް އަލިއަޅުއްވާލައްވަމުން، ދިވެހިރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކަށްވެސް ނާޒިމް އިޝާރާތްކުރެއްވިއެވެ. އެގޮތުން 2026 ވަނަ އަހަރު ކުދި ގައުމުތަކުގެ މިނިސްޓްރިއަލް ބައްދަލުވުމުގެ ކޯ-ޗެއަރގެ ގޮތުގައި ދިވެހިރާއްޖެއިން މަސައްކަތްކުރާނެކަންވެސް ހާމަކުރެއްވިއެވެ.
ނާޒިމް ވަނީ ކޮމަންވެލްތުގެ އިއްތިޙާދަށް އެއްބާރުލުން ދެއްވުމަށް ގޮވާލައްވާފައެވެ.
މި ޕާޓްނާޝިޕް އިތުރަށް ދިރުވައި، ހުރިހައި ޤައުމެއް ބައިވެރިވާ، ޝާމިލު އަދި ވަށައި ޖެހޭ، އަދި ރައްޔިތުންނަށް ކުރިމަތިވާ ކަންކަމަށް އީޖާބީގޮތަށް ކުރިމަތިލެވޭ ގޮތަށް މި ގުޅުން ދިރުވުމަށް ނާޒިމް އެދިވަޑައިގަތެވެ. އެހެން ވެއްޖެނަމަ، އޭގެ ފައިދާ ކޮންމެ ޤައުމެއްގެ ކޮންމެ ފަރުދަކަށްވެސް އެތައް ގުނައަށް އިތުރު ވެގެންދާނެކަމަށް ނާޒިމް ވިދާޅުވިއެވެ.

