ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް އަނބިދަރީން ހިމެނޭ ގޮތަށް މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް ގާނޫނެއް ފާސްކޮށްފި ނަމަ، އެކަމަށް ފަސްޖެހުމެއްކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި، މިނިވަން މުވައްސަސާތަކުގެ ވެރިން މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް އުސޫލުތައް އިތުރަށް ހަރުދަނާ ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.
މަޖިލީހުގެ މެމްބަރުންގެ މާލީ ބަޔާންތައް އާންމު ކުރިއިރު ބައެއް މެމްބަރުންނަށް އެކި ގޮތްގޮތުން މިލިއަނުން ފައިސާ ލިބިފައި ހުރުމުން ފާޑުކިއުން އަމާޒުވި އެވެ. ވިޔަފާރީންނާއި، ހަދިޔާގެ ގޮތުގައި ލިބިފައިވާކަމަށް މާލީ ބަޔާނުގައި އެއްވެސް ޓްރާންސްޕޭރެންސީއެއް ނެތްކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.
މަޖިލީހުގެ މެމްބަރުންނަށް ކުރާ ރިޝްވަތާއި، ކޮރަޕްޝަނުގެ ތުހުމަތާއި އެކު ބައެއް މީހުން ވަނީ ގާތް އާއިލާގެ މެމްބަރުންގެ މާލީ ބަޔާން ވެސް އާންމު ކުރަން ޖެހޭކަމަށް ބުނެފައެވެ. މި ވާހަކަތަކަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުންނަކީ، އެ މީހުންގެ މާލީ ބަޔާން ހާމަކުރަން އަދި އަނބިދަރިންގެ މާލީ ބަޔާންވެސް ހާމަކުރަން ފަސްނުޖެހޭނެ އެ ހިތްވަރު ހުރި ބައެއް ކަމަށެވެ.
ޝުޖާއު ވިދާޅުވީ ކޮރަޕްޝަނާއި ވައްކަމުގެ ތުހުމަތުތައް ކުރާއިރު، ވޭތުވެ ދިޔަ ސަރުކާރުތަކާއި ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަދަ މައްސަލަތަކުގައި އަމަލު ކުރާ ގޮތް ސާފުކޮށް ފެންނާނެ ކަމަށެވެ. އަދި އެމްޑީޕީގެ ދެވަނަ ވެރިކަމުގައި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ ތިޖޫރީ ގެއްލި އެތައް ވައްކަމެއް ކުރިއިރު ވެސް އެއްވެސް މައްސަލައެއް ނުބެލުނުކަމަށް ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ މި ސަރުކާރުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެއްވެސް މީހަކު އަމަލު ކުރިކަން ކިރިޔާ ވެސް ޝައްކެއް އުފެދޭ ހިސާބުން އެ މައްސަލައެއް ބަލާނެކަމަށެވެ. އަދި އެމްޑީޕީއާއި ރައީސް މުއިއްޒުގެ ތަފާތަކީ އެއީކަން ރައްޔިތުން ގަބޫލު ކުރާކަމަށް ޝުޖާއު ވިދާޅުވި އެވެ.
މާލީ ބަޔާނާއި ގުޅޭ ބިލު މެމްބަރު ކުޑޫ ހުށަހެޅުމަކީ، އެމްޑީޕީއަކީ ކޮރަޕްޝަނާއި ވައްކަމުން ސާފުވެފައިވާ ޕާޓީއެއްކަމަށްވާނެ ސަބަބެއް ނޫންކަމަށް ޝުޖާއު ވިދާޅުވި އެވެ. ޝުޖާއު ވިދާޅުވީ ގޮތުގައި ކޮންމެ ޕާޓީއަކުން މި އިސްލާހު ހުށަހެޅި ނަމަވެސް ހިމަނާފައި ހުރީ ރަނގަޅު ވާހަކަތަކެއްކަމުން އޭނާގެ ތާއީދު ލިބޭނެ އެވެ. އަދި ވިދާޅުވީ ޕީއެންސީއަކީ ކޮރަޕްޝަނާއި ދެކޮޅަށް ވާހަކަ ދައްކާނެ ބައެއްކަން ޓްރެކް ރެކޯޑުތަކުން ވެސް އެނގޭކަމަށެވެ.
ނުހައްގު މުއްސަނދިކަމުގެ ގާނޫނު 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އައި.. އަޅުގަނޑުމެން ހީވެއްޖެ އުއްމީދީ ރަނގަޅު ފެށުމެކޭ… އެހެންނަމަވެސް، ހަމައެކަނި ލިޔެވިފައި އޮންނަ ފެހިއާއި ކަޅާއި ހުދުން ލިޔެވިފައި އޮންނަ ވާހަކައަކަށް ވެގެންދިޔައީ… ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ހިސާބަކުން ނޫން މި ހުރިހާ ކަމެއް ފެށެނީ.. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަޅުގަނޑުމެން މިއީ ބަޔަކަށް ހަދައި ނުވަތަ އަޅުގަނޑުމެން މޫނު މައްޗަށް ނެރެ ދިވެހި ދައުލަތުގެ ތެރޭގައި ވަކި މިހާރެއް ނޫން އިއްޔެއެއް ނޫން.. ކުރިން ފެށިގެން މުޅި ދައުލަތުގެ ތެރޭގައި މި ވަބާ އެބަ ފެތުރޭ… އެހެންނަމަވެސް، ދައްކައިލަން ވަރަށް ފަސޭހަ.. އަޅުގަނޑުމެންނަކީ މި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން… އެހެންވީމާ، އަޅުގަނޑުމެންނަކީ ވަރަށް ކޮރަޕްޓް ބައެއްގެ ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް މި އޮންނަނީ އެހެން ބައަކު ވިސްނައިދީފަ… ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހިތްވަރުހުރޭ އެ މީހުންގެ މާލީ ބަޔާން ހާމަކުރަން. ހާމަކުރަން ބުނީމަ، ހާމަކުރަން…
މީގެއިތުރުން ޝުޖާއު ވަނީ އޮޑިޓަރ ޖެނެރަލްގެ ބަޖެޓަކީ ގާނޫނުއަސާސީން ވަކިން ފާސްކުރަންޖެހޭ ބަޖެޓެއް ކަމަށްވާއިރު، މިގޮތަށް ބަޖެޓު ފާސްކުރި ނަމަވެސް އޮޑިޓަރ ޖެނެރަލްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރޭތޯ ބަލަންޖެހޭކަން ފާހަގަކުރައްވާފައެވެ. އަދި ޤާނޫނުއަސާސީއަށް އިސްލާހެއް ގެނެސް، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ބަޖެޓަކީވެސް ޤާނޫނުއަސާސީގައި ވަކިން ފާސްކުރަންޖެހޭ ބަޖެޓެއްގެ ގޮތުގައި އޮންނަން ޖެހޭކަމަށް ދެކޭކަމަށް ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ މާލީ ބަޔާނަކީ ހަމައެކަނި ހުސް ކަރުދާހެއް ނަމަ، މަގްސަދު ހާސިލު ނުކުރެވޭނެ ކަމަށެވެ. އެމްޑީޕީގެ ސުޕަ މެޖޯރިޓީއެއް އޮތް 19 ވަނަ މަޖިލީހުން ގެނައި ނުހައްގު މުއްސަނދިކަމުގެ ގާނޫނުން މިސާލު ނަންގަވައި ޝުޖާއު ވިދާޅުވީ ވަރަށް ގިނަ މައްސަލަތައް ބެލޭނެކަމަށް އޭރު ބެލެވުނު ކަމަށެވެ. ނަމަވެސް ފަހުން އެ ގާނޫނު ވެގެން ދިޔައީ ކަޅާއި، ހުދުން ލިޔެފައިވާ ވާހަތަކަކަށްކަމަށް ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ވިދާޅުވީ، ކޮރަޕްޝަންގެ ވަބާ ފެތުރިފައި ވަނީ ހަމައެކަނި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މެދުގައި ނޫން ކަމަށާއި، ދިވެހި ދައުލަތުގެ ތެރޭގައި ކުރިން ފެށިގެން ވެސް މި ވަބާ ފެތުރިފައިވާ ކަމަށެވެ. ނަމަވެސް، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަކީ ވަރަށް ކޮރަޕްޓް ބައެއްގެ ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް އެހެން ބަޔަކު ވިސްނައިދީފައި އޮންނަކަމަށް ޝުޖާއު ވިދާޅުވިއެވެ.
ރައްޔިތުންގެ ފަރާތުން އަންނަ ހިތްހަމަނުޖެހުންތައް ފާހަގަކުރައްވައި ޝުޖާއު ވިދާޅުވީ މަލީ ބަޔާން ހުށަހެޅުމުގައި އިތުރު ގޮތްތަކެއް ހިމަނައިފި ނަމަ އެއަށް ވެސް އަމަލު ކުރާނެކަމަށެވެ. އަދި އަނބިދަރީންގެ މާލީ ބަޔާން ހާމަކުރުމުގައި ވެސް މައްސަލައެއް ނެތްކަމަށް ވިދަޅުވި އެވެ.

