ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަހަރުން އަހަރަށް އޮޑިޓު ނުކޮށް ތިބެ، ދެ އަހަރު ފަހުން ރިޕޯޓެއް ނެރުމަކީ ރައްޔިތުންގެ ފައިސާ ބޭކާރު ކުރުން: ޒިޔާދު

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޒިޔާދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ މާލިއްޔަތު ހަރުދަނާކޮށް ބެލެހެއްޓުމަށް، މަހުން މަހަށް އޮޑިޓް ނުކުރާނަމަ ސަރުކާރެއްގެ ފަސް އަހަރު ދާނީ ”ކުރީ ސަރުކާރު“ ގޮވުމުގައިކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސެއިން ޒިޔާދު ވިދާޅުވެއްޖެ އެވެ.

ފެނަކައިގެ ހާއްސަ އޮޑިޓާއި އެކު، އެ ކުންފުނީގެ ތެރޭގައި މިދިޔަ ސަރުކާރުގައި ހިނގާފައި ހުރި ގިނަ ކޮރަޕްޝަނުގެ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ. މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން 2019 ވަނަ އަހަރުން ފެށިގެން ފެނަކައިގެ މާލީ ހާލަތު ދިޔައީ ވަރަށް ބޮޑަށް ދަށްވަމުންނެވެ.

ރިޕޯޓުން ދައްކާ ގޮތުގައި 2021 ވަނަ އަހަރުން 2023 ވަނަ އަހަރާ ހަމައަށް ފެނަކައިން މުދަލާއި ހިދުމަތް ހޯދުމަށް 8.83 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. ރިޕޯޓުން އެނގޭ ގޮތުގައި 2023 ވަނަ އަހަރުގެ ނިޔަލަށް ފެނަކަ ކުންފުނިން 3.9 ބިލިއަން ރުފިޔާ އެކި ފަރާތްތަކަށް ނުދައްކާ ހުއްޓެވެ.

ރިޕޯޓުގައި ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މަގާމުގެ ނާޖާއިޒު ފައިދާ ނަގައި އާއިލީ ކުންފުނިތަކަށް ޕްރޮޖެކްޓުތައް ދިނުމާއި، ވާދަވެރި ބީލަމަކާ ނުލައި މަސައްކަތްތައް ހަވާލުކުރުން ހިމެނެއެވެ. މީގެ އިތުރުން މާކެޓު ރޭޓަށް ވުރެ ބޮޑު އަގުގައި ހަރަދުތައް ކޮށްފައިވާކަމަށްވެސް ރިޕޯޓުގައި ވެއެވެ.

މައްސަލައިގައ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސްގައި، ޒިޔާދު ވިދާޅުވީ އޮންނަ އުސޫލުގެ ތެރެއިން ކުންފުނިތައް އަހަރުން އަހަރަށް، އޮޑިޓު ނުކޮށް ދޫކޮށްގެން، ދައުރުތައް ނިމުމުން ”ކުރީ ސަރުކާރު“ ގެ ބަހަނާގައި ނޫން ގޮތަކަށް ކުރިޔަށް ނުދާނެކަމަށެވެ.

ޒިޔާދު ވިދާޅުވީ، ރައްޔިތުން ބޭނުން ވަނީ ކޮރަޕްޝަނުގެ މައްސަލައެއް ފެންމަތިވުމުން އެ މައްސަލައެއްގައި އަވަސް ފިޔަވަޅު އެޅުންކަމަށާއި، ކުރީ ސަރުކާރާއި މި ސަރުކާރު ކިޔުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

އެމްޑީޕީގެ ސަރުކާރުގައި ގޯސްކަމެއްކޮށްފައި ހުރެއްޖެނަމަ، އެކަން މިހާރު ވެސް ބަލައި، އެންމެހާ ތަހުގީގު ފުރިހަމަކޮށް ކުރިޔަށް ގެންދިއުމަށް ޒިޔާދު ގޮވާލެއްވި އެވެ. އެހެން ނަމަވެސް މިއިން އެއްވެސް މަސައްކަތެއް އެއީ ބަދަލު ހިފުމުގެ ރޫހެއްގައި، ސިޔާސީ ގޮތުން ކުރާ މަސައްކަތަކަށް ވެގެން ނުވާނެކަމަށް ޒިޔާދު ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވި ގޮތުގައި، ބޭނުންވާ ގޮތަކަށް، ވަކި މައްސަލައެއް ބެލުމަކީ ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތްކަން ދޭހަވާކަމެކެވެ. އެންމެ ފަހުން ގެއްލުނު ސިނގިރޭޓު ކޮންޓެއިނަރުތަކުން މިސާލު ނަންގަވައި ޒިޔާދު ވިދާޅުވީ ވާނުވީ އެއް ނޭނގި ގެއްލެން މިއީ އާދައިގެ އެއްޗެއް ނޫން ކަމަށެވެ. 40 ފޫޓުގެ ބޮޑު ދެ ކޮންޓެއިނަރު ގެއްލުނުކަމަށް ބުނުމަށް ފަހު، މާދަމާ އެ ޒިންމާ ނަގަން ޖެހޭނީ ތަނުގެ ސެކިއުރިޓީތޯ ޒިޔާދު ސުވާލު ކުރެއްވި އެވެ.

ޒިޔާދު ވިދާޅުވީ މިއީ 24 ގަޑިއިރު ސީސީޓީވީ ކެމެރާއިން ބަލަހައްޓަމުން ގެންދާތަނެއްކަމަށާއި، ބޮޑު ކޮންޓެއިނަރަކަށް ވީނުވީއެއް ނޭނގިގެން އުޅެން ޖެހޭ ސަބަބެއް ނެތްކަމަށެވެ.

ޒިޔާދު ވަނީ އެ ސަރުކާރެއްގައި ފެންމަތިވާ މައްސަލަ ބަލައި ތަހުގީގު ނުކުރެވޭނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ބޮޑު ބަޖެޓެއް ކަނޑައެޅުމުގެ މާނައެއް ނެތް ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ވިދާޅުވީ މި ދެ މުވައްސަސާއަށް ބަޖެޓު ދޫކުރަނީ، ކޮންމެ ފަސް އަހަރަކުން ބަސް ބުނެ، ފަންކްޝަން ކުރަން ނޫންކަމަށެވެ.

މަހުން މަހަށް، އޮޑިޓް ކުރާ ނަމަ، ދުވަހުން ދުވާން އޮޑިޓް ކުރާ ނަމަ މި ކަންކަމެއް އަޅުގަނޑުމެންނަކާ ކުރިމައްޗަށް ނުވާނެ، މިއަދު އަޅުގަނޑުމެން މި ވާހަކަ މި ދައްކަންޖެހެނީ.. އަޅުގަނޑު ވެސް ގަބޫލުކުރަން އެއް ވެރިކަން ނިމި އަނެއް ވެރިކަމުގައި އަދި ދެ އަހަރު ތިން އަހަރު ފަހުން އޮޑިޓް ރިޕޯޓެއް އައިމާ އަޅުގަނޑުމެން ރައްޔިތުންގެ ޓެކްސް ފައިސާއިން މި ކުރާ ހަރަދު އެންމެ ރަނގަޅު ގޮތުގައި ތޯ އެކަން ރައްޔިތުން ސުވާލުކުރޭ…

ފެނަކައިގެ އޮޑިޓުގެ މައްސަލައިގައި ޒިޔާދު ވިދާޅުވީ، ވެރިކަން ނިމުނުތާ ދެ އަހަރު ފަހުން މި ރިޕޯޓު އާންމު ކުރިއިރު ކުރިން އެ ވާހަކަތައް ނުދެއްކީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ. މި ސަރުކާރަށް ދެ އަހަރުވެގެން ދިޔަ އިރު، އެހެން އިތުރު ކުންފުންޏެއް އޮޑިޓު ކުރިތޯ ސުވާލު އުފައްދައި ޒިޔާދު ވިދާޅުވީ ދެން އަނެއްކާވެސް މި ސަރުކާރުގެ މައްސަލައެއް އޮޑިޓު ރިޕޯޓެއްގެ ގޮތުގައި އަންނާނީ ފަސް އަހަރު ފަހުން ކަމަށެވެ. މިއީ ރައްޔިތުންގެ ޓެކްސް ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުންކަމަށް ސިފަ ކުރައްވައި ޒިޔާދު ވިދާޅުވީ، ސިޔާސީ ރޫހެއްގައި ކުރާ މަސައްކަތްތައް ދޫކޮށްލަން ޖެހޭ ކަމަށެވެ.

މިނިވަން މުވައްސަސާތަކުން ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ވާހަކަ ވެސް ދެއްކުމަށް ގޮވާލައި، ޒިޔާދު ވިދާޅުވީ ހަމައެކަނި ދައްކަންވީ މެމްބަރުންގެ އިނާޔަތްތަކުގެ ވާހަކައެއް ނޫންކަމަށެވެ. އަދި ވިދާޅުވީ ކުންފުނިތައް ހިނގާ ގޮތް އަހަރުން އަހަރަށް ނުބެލޭ ނަމަ، ރައްޔިތުންނަށް ހެޔޮ ވެރިކަމެއްކޮށް ނުދެވޭނެ ކަމަށެވެ.

ފެނަކަ އޮޑިޓު ރިޕޯޓުގެ މައްސަލަ ފެންމަތިވީ ފަހުން، ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުގެ ބައެއް އޮޑިޓު މައުލޫމާތުތަކެއް ވެސް ވަނީ އާންމުކޮށްފަ އެވެ. އޭގެ ތެރޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެމްޓީސީސީ ހިމެނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: