އެމްޕީއެލް ބަނދަރު ސަރަހައްދު ބޭރުން އިއްޔެ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި ބޮޑެތި އަނިޔާތަކެއް ލިބިގެން ފަރުވާދެމުން ދިޔަ ދިވެހި ޒުވާނާ ރޭ ނިޔާވެއްޖެ އެވެ.
އިއްޔެގެ ހަވީރު ހިންގި މި ހާދިސާގައި ހާލު ސީރިއަސްވި އެމްޕީއެލްގެ ބިދޭސީ މުވައްޒަފެއް ވެސް ވަނީ ނިޔާވެފަ އެވެ.
މި ހާދިސާގައި ހާލު ސީރިއަސްވެގެން ފަރުވާދެމުން ދަނިކޮށް ނިޔާވީ ގއ. ގެމަނަފުށީ، ދިލްބަހާރުގޭ އަލީ އަފްލާހު އެވެ.
މި ހާދިސާ ހިނގުމަށް މެދުވެރިވީ، ކޮޅުވެއްޓިއަށް އަރުވާފައި އޮތް ދެ ހައިމާކެއްގެ ބެލެނެސް ގެއްލިގެންނެވެ. އަދި އެ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އެ އުޅަނދުގައި ތިބީ 14 މީހުންނެވެ. އަދި އަނިޔާވެގެން ހޮސްޕިޓަލަށް ފަރުވާއަށް ގެންދިޔައީ ހަ މީހެކެވެ.

