ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ކުންފުނީގެ ދެ މުވައްޒަފަކު ނިޔާވި ހާދިސާގެ އެތެރޭގެ ތަހުގީގެއް ފަށާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފި އެވެ.
ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އެ އުޅަނދުގައި ތިބީ 14 މީހުންނެވެ. އަދި އަނިޔާވެގެން ހޮސްޕިޓަލަށް ފަރުވާއަށް ގެންދިޔައީ ހަ މީހެކެވެ.
އިއްޔެގެ ހަވީރު ހިންގި މި ހާދިސާގައި ހާލު ސީރިއަސްވި އެމްޕީއެލްގެ ބިދޭސީ މުވައްޒަފެއް އިއްޔެ ހަވީރުގެ ވަގުތެއްގައި ވަނީ ނިޔާވެފަ އެވެ. އަދި މި ހާދިސާގައި ހާލު ސީރިއަސްވެގެން ފަރުވާދެމުން ދަނިކޮށް ދެން ނިޔާވީ އުމުރުން 25 އަހަރުގެ، ގއ. ގެމަނަފުށީ، ދިލްބަހާރުގޭ އަލީ އަފްލާހު އެވެ.
މި ހާދިސާ ހިނގުމަށް މެދުވެރިވީ، ކޮޅުވެއްޓިއަށް އަރުވާފައި އޮތް ދެ ހައިމާކެއްގެ ބެލެނެސް ގެއްލިގެންނެވެ. އަދި އެ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
މައްސަލައިގައި އެމްޕީއެލް ނެރުނު ބަޔާނެއްގައި ބުނީ، ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއާއި ގުޅިގެން ކަމާއި ގުޅޭ ޑިޕާޓްމަންޓުތަކުން ތަހުގީގެއް ފަށާފައިވާކަމަށެވެ. އަދި ތަހުގީގުން ހާމަވާ މައުލޫމާތުތަކަށް ރިއާޔަތްކޮށް، އިތުރު މައުލޫމާތުތައް އާންމު ކުރަމުން ގެންދާނެކަމަށް ބަޔާނުގައި ވެއެވެ.

