ދުންފަތާއި ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް އެހީ ނުލިބި ތިބެން ނުޖެހޭނެކަން ވަނީ ޔަގީން ކުރެވިފައިކަމަށް ހެލްތް މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް ހާޒިރުކުރެއްވީ ގަލޮޅު އުތުރު ދާއިރާގެ މުހައްމަދު އިބްރާހީމް ގެ ސުވާލަކަށެވެ. ޖެނެރޭޝަން ބޭން ތަންފީޒު ކުރުމަށްވަމުން އަންނަ ތައްޔާރީތަކަކީ ކޮބައިތޯ ވަނީ ސުވާލުކުރައްވާފައެވެ. މިކަން ތަންފީޒުކުރާއިރު، އެ ޖެނެރޭޝަންގެ މީހުންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް ހަމަޖެހިފައިވާ ނުވަތަ ހަމަޖައްސާނެ އިންތިޒާމުތަކުގެ ތަފްސީލު ދެއްވުމަށްވެސް އެދިފައެވެ. އަދި މި ނިންމުމުގެ ނަތީޖާއާއިމެދު ދިރާސާއެއް ކުރައްވާފައިވާނަމަ، އެ ދިރާސާއެއްގެ ތަފްސީލުވެސް ދެއްވުމަށްވެސް އެދުނެވެ.
ޖަވާބުގައި މިނިސްޓަރު ނާޒިމް ވިދާޅުވީ، ރާއްޖޭގެ ބަލިމަޑުކަމުގެ ހާލަތު ހުރި ގޮތުން ގައިން ގަޔަށް ނާރާ ބަލިތަކަކީ ވަރަށް މުހިންމު ސަމާލުކަމެއް ދޭން ޖެހޭނެ ބަލިތަކެއްކަމަށެވެ. މިއީ ހަމައެކަނި ރާއްޖެއިން ތަހައްމަލު ކުރާ މައްސަލައެއް ނޫންކަމަށާއި، ގައިން ގަޔަށް ނާރާ ބަލިތަކަށް ފަރުވާ ނުކޮށް ސިއްހީ ދާއިރާ ހައްލު ކުރެވޭނެކަމަށް ހީކުރުމަކީ ގޯހެއްކަމަށް ނާޒިމް ވިދާޅުވިއެވެ. މިއީ ދުނިޔޭގައި އޮތް ނާތަހުޒީބު ވިސްނުމެއްކަމަށް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ސިއްހީ ސިޔާސަތުތައް ބައްޓަން ކުރަމުންދަނީ މިފަދަ މައްސަލަތަކަށް ހައްލު ލިބޭނެހެންކަމަށް ފާހަގަކޮށް ނާޒިމް ވިދާޅުވީ، ގައިން ގަޔަށް ނާރާ ބަލިތަކަށް އެޑްރެސް ކުރެވޭނެ ސިޔާސަތެއް މުހިންމުކަމަށާއި، މިކަން ހައްލުކުރުމަށް ކުރަން ޖެހޭ އެންމެ މުހިންމުކަމަކީ، ދުންފަތާއި ދުރުހެލިވުންކަމަށެވެ. ދުންފަތުން ދުރުހެލިވުމަށް އެޅި އެންމެ މުހިންމު ފިޔަވަޅަކީ ޖެނެރޭޝަނަލް ބޭންއެއް ތަންފީޒުކުރުންކަމަށެވެ.
އެނގިވަޑައިގަންނަވާނެފަދައިން، ދުންފަތުން ދުރުހެލިވުމަކީ ވަރަށް ބޮޑަށް މީހާގެ ބިހޭވިއާއަށް ގުޅޭކަމެއް. މީހާގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅޭކަމެއް. މިފަދަ މައްސަލަތަކުގައި އިލްމީ މާހިރުން އެބަތިބި ބޮޑެތި ދިރާސާތައް ކޮށްފަ. މީހެއްގެ ބިހޭވިއާއަށް ޗޭންޖެއް ގެންނަން ބޭނުންކަމަށްވެއްޖެއްޔާ، މުހިންމު ތިން ކަމަކަށް އެޑްރެސް ކުރަން ޖެހޭނެކަން، ދިރާސާތަކުން، ފަންނީ މާހިރުންގެ ވާހަކަތަކުން އެނގެން އެބައޮތް.
މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ދުންފަތުން ދުރުހެލިވުމަކީ ވަރަށް ބޮޑަށް މީހާގެ ބިހޭވިއާއަށް ގުޅޭކަމެއްކަމަށާއި، މީހާގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅިފައިވާކަމެއްކަމަށެވެ. މިކަމުގައި އިލްމީ މާހިރުންކޮށްފައިވާ ބޮޑެތި ދިރާސާތަކުން، މިކަން ހައްލު ކުރުމަށް މުހިންމު ތިން ކަމަކަށް އެޑްރެސް ކުރަން ޖެހޭކަމަށް ނާޒިމް ވިދާޅުވިއެވެ.
އެގޮތުން ޖެނެރޭޝަނަލް ބޭން ތަންފީޒުކުރަން އިސްކަންދޭ ކަންކަން ހިއްސާ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ކަމާއި ގުޅުން ހުރި މައުލޫމާތުތައް ފޯރުކޮށްދެމުންދާކަމަށެވެ. އަދި މިފަދަ ކަމެއް ކުރުމަށްޓަކައި ބޭނުންވާނެ އަމަލީ ހުނަރު ނުވަތަ ވައްޓަފާޅި އަށަގަންނުވަން ޖެހޭނެކަމަށާއި، މިކަމަށް މީހުންގެ ޝައުގުވެރިކަން އިތުރުކުރުމަކީވެސް ކުރަން ޖެހޭކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ސަރުކާރުން މިކަންކަން ކުރާނީ މި މަގުންކަމަށް ފާހަގަކޮށް ނާޒިމް ވިދާޅުވީ މުޅި ގައުމު އެކީ މިކަން ކުރާނެކަމަށެވެ. ސޯޝަލް މީޑިއާ ބޭނުންކޮށްގެންވެސް މިކަން ކުރާނެކަމަށް ވިދާޅުވިއެވެ.
ސަރުކާރުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ނާޒިމް ވިދާޅުވީ، އަތޮޅު ތެރެއަށް މަސައްކަތްތައް ފުޅާކޮށްގެން ކުރިއަށްދާކަމަށެވެ. ހުރިހާ ރަށެއްގައި ސިޒޭޝަން ކްލިނިކްތަކުގެ ހިދުމަތް ދޭން ފަށާ، މިކަމަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ވިދާޅުވިއެވެ. މިކަންކަން ސަރުކާރުގެ އާސަންދަ ނިޒާމުގެ ތެރެއިން ހިލޭ ހަމަޖެހިގެންދާނެކަމަށް ވިދާޅުވިއެވެ. ކުއްލިއަކަށް ބޭނުންވެއްޖެނަމަ އެހީ ފޯރުކޮށްދިނުމަށް ހެލްޕްލައިނެއްވެސް ގާއިމްކޮށްފައިވާކަމަށް ފާހަގަކުރެއްވިއެވެ.

