ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރުގެ އަދަބް ގާނޫނުން ކަނޑައަޅައިފި، ޑްރަގުން ސަލާމަތް ވާނެތަ؟

ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންއެއްގެ ތެރެއިން ---- ފޮޓޯ: ސަންގު ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ވަބާ އަކީ ދިވެހި މުޖުތަމަޢުއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ޒުވާނުންގެ ދިރިއުޅުން ހަލާކުކޮށް، އާއިލާތަކަށް ގެއްލުން ދީ، ގައުމީ އިޤްތިޞާދަށް ބުރަ ބޮޑުކުރާ މި ވަބާ ނައްތާލުމަށްޓަކައި ސަރުކާރުންނާއި ކަމާބެހޭ އިދާރާތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި މަސައްކަތްތަކުގެ ތެރޭގައި ޤާނޫނީ ހަރުކަށި ފިޔަވަޅުތައް އެޅުމާއި، ފަރުވާގެ ޕްރޮގްރާމްތައް ފުޅާކުރުން ހިމެނެއެވެ. ޚާއްޞަކޮށް، މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބު ކަނޑައެޅުމުގެ ވާހަކަ ދެކެވޭއިރު، މިފަދަ ހަރުކަށި އަދަބުތަކުން އެކަނި ޑްރަގްގެ މައްސަލަ ހައްލުކުރެވޭނެތޯ މީީ އުފެދޭ ސުވާލެކެވެ. ޑްރަގުން ސަލާމަތްވުމަށްޓަކައި ބޭނުންވަނީ އަދަބު ދިނުމުގެ އިތުރުން، ފަރުވާއާއި އަނބުރާ މުޖުތަމަޢުއަށް ގެނައުމުގެ ދިގުދެމިގެންދާ މަސައްކަތެކެވެ.

ޑްރަގްގެ މައްސަލަ ހައްލުކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅަކީ މަސްތުވާތަކެއްޗަށް އޮންނަ ޑިމާންޑް ކުޑަކުރުމެވެ. މިއީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާ ދީ، އެމީހުން އަނބުރާ މުޖުތަމަޢުއަށް ގެނައުމުގެ މަސައްކަތެވެ.

ސަރުކާރުން މި ދާއިރާގައި ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި ’އޮޕަރޭޝަން ފަނާރު‘ ފާހަގަކޮށްލެވެއެވެ. މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 700 މީހުން ވަނީ ރިހިބިލިޓޭޝަން ފަރުވާ ފުރިހަމަކޮށްފައެވެ. މިއީ ޑްރަގް ކޯޓުގެ އަމުރާއެކު ފަރުވާ ނުފެށި ވެއިޓްލިސްޓްގައި ތިބި ފަރާތްތަކަށް އަމާޒުކޮށް ކުރިއަށް ގެންދެވުނު މަސައްކަތެކެވެ.

މީގެ އިތުރުން، ގްރޭޓަރ މާލޭ އޭރިޔާގައި ކުށްކުރާ އަދި މަގުމަތީގައި ސަލާންޖަހާ މީހުންގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރާ 346 މީހުން ’ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރަށް‘ ނަގައި ފަރުވާ ދޭން ވަނީ ފަށާފައެވެ. މި ޚިދުމަތްތައް ހުޅުމާލޭ ހާފްވޭހައުސް އާއި، ހިންމަފުށީ ޑްރަގް ޓްރީޓްމެންޓް ސެންޓަރާއި، ފުވައްމުލަކާއި ތިނަދޫ ސެންޓަރުތަކަށް ފުޅާކޮށްފައިވެއެވެ. އަދި މެތަޑޯން މެއިންޓެނަންސް ޓްރީޓްމެންޓް ޕްރޮގްރާމްގެ ދަށުން ބޭނުންވާ ފަރާތްތަކަށް ބޭސް ލިބޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.

ފަރުވާގެ ޚިދުމަތް މާލެ ސަރަހައްދުން ބޭރުން ލިބޭނެ މަގު ފަހިކުރުމަކީ ޑްރަގްގެ ވަބާއިން ސަލާމަތްވުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ. ސަރުކާރުން މިހާރު ވަނީ ’ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން އެންޑް ރީއިންޓަރގްރޭޝަން އެޕްރޯޗަކަށް‘ ބަދަލުވެފައެވެ. މީގެ މަޤްޞަދަކީ އެމީހަކު ހުރި ރަށަކުން ފަރުވާ ކުރިއަށް ގެންދެވޭނެ ގޮތް ހަމަޖެއްސުމެވެ. މިގޮތުން 110 ރަށެއްގައި މިހާރު ވަނީ މި ޚިދުމަތްތައް ފުޅާކޮށްފައެވެ.

މީގެ އިތުރުން، ލ. ގަން، ނ. ވެލިދޫ އަދި ކ. ކާށިދޫގައި ރިހެބިލިޓޭޝަން ސެންޓަރު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު، އަމާޒަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފަރުވާއަށް ބޭނުންވާ ވަށާޖެހޭ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމެވެ.

ޑްރަގްގެ ވަބާ ނައްތާލުމަށްޓަކައި ޑިމާންޑް ކުޑަކުރުމުގެ އިތުރުން، މަސްތުވާތަކެތި އެތެރެކޮށް ވިއްކާ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅުމަކީ ވެސް މުހިންމު ކަމެކެވެ. މަރުގެ އަދަބު ކަނޑައެޅުމުގެ ވާހަކަ ދެކެވޭއިރު، މިއީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުން ހުއްޓުވުމަށް އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ސަޕްލައި ރިޑަކްޝަންގެ ދަށުން، 17 ނޮވެމްބަރ 2023 އިން ފެށިގެން 30 ސެޕްޓެމްބަރ 2025ގެ ނިޔަލަށް 353 ޑްރަގް އޮޕަރޭޝަން ހިންގައި، 2093 ކޭސް ތަހުގީގުކޮށްފައިވެއެވެ. މިފަދަ ހަރުކަށި ފިޔަވަޅުތަކުން ޑްރަގްގެ ވިޔަފާރިކުރާ ފަރާތްތަކަށް ބިރުވެރިކަން އިހުސާސްކުރެވި، އެކަން ހުއްޓުވުމަށް އެހީވެދާނެއެވެ.

މަރުގެ އަދަބު ކަނޑައެޅުމަކީ ޑްރަގްގެ ވިޔަފާރި ކުރުން ހުއްޓުވުމަށް އެޅޭނެ ވަރުގަދަ ފިޔަވަޅެއް ނަމަވެސް، މި ވަބާއިން މުޅިން ސަލާމަތްވުމަށް އެކަނި އެ އަދަބު ފުދޭނެތޯއަކީ ވިސްނާލަންޖެހޭ ކަމެކެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި، ޑްރަގްގެ މައްސަލައަކީ ހަމައެކަނި ޤާނޫނީ މައްސަލައެއް ނޫނެވެ. މިއީ އިޖުތިމާޢީ، އިޤްތިޞާދީ އަދި ޞިއްޙީ މައްސަލައެކެވެ. ވީމާ، ޑްރަގްގެ ވިޔަފާރިކުރާ ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމުގެ އިތުރުން، ޑްރަގަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދީ، އެމީހުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދީ އަދި މުޖުތަމަޢުއަށް އަނބުރާ ގެނައުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަކީ ވަރަށް މުހިންމު ކަމެކެވެ.

އަޅުގަނޑުގެ ޙިޔާލުގައި މަސްތުވާތަކެތީގެ ވަބާއިން ދިވެހިރާއްޖެ ސަލާމަތްކުރުމަށްޓަކައި ހަރުކަށި ޤާނޫނީ ފިޔަވަޅުތަކާއި، ފުޅާ ދާއިރާއެއްގައި ފަރުވާ ދިނުމުގެ ޕްރޮގްރާމްތައް އެކުލެވޭ ކޮމްޕްރިހެންސިވް ސިޔާސަތެއް ބޭނުންވެއެވެ.

މަރުގެ އަދަބު ކަނޑައެޅުމަކީ ޑްރަގްގެ ވިޔަފާރިކުރާ ފަރާތްތަކަށް އިންޒާރެއް ދިނުމަށް އެޅޭނެ ވަރުގަދަ ފިޔަވަޅެއް ނަމަވެސް، ޑްރަގަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދީ، އެމީހުން މުޖުތަމަޢުއަށް އަނބުރާ ގެނައުމުގެ މަސައްކަތްތައް ހުއްޓާނުލާ ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެކެވެ.

ޑިމާންޑް ރިޑަކްޝަން (ފަރުވާ) އާއި ސަޕްލައި ރިޑަކްޝަން (ޤާނޫނީ ފިޔަވަޅު) މި ދެކަންތައް އެކުގައި ކުރިއަށް ގެންދެވިގެން ނޫނީ، މި ވަބާއިން މުޅިން ސަލާމަތްވުމަކީ ދަތި ކަމެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: