ދައުލަތުގެ މާލިއްޔާއަށް ގެއްލުންދޭ ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވައި، ގެއްލިފައިވާ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަކީ ކޮންމެ ޤައުމެއްގެ ތަރައްޤީއަށް ވެސް ކޮންމެހެން ބޭނުންވާ ކަމެކެވެ.
ރާއްޖޭގައި މި މަސައްކަތް ކުރުމަށް އުފައްދާފައިވާ މުސްތަޤިއްލު މުއައްސަސާ، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަކީ، ދައުލަތުގެ މާލިއްޔާ ހިމާޔަތް ކުރުމުގެ ގާނޫނީ ބާރު ލިބިދީފައިވާ މުއައްސަސާއެކެވެ.
އެގޮތުން، އޭސީސީ އުފެދުނު ފަހުން މިހާތަނަށް ކޮމިޝަނުން ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން ދައުލަތަށް އަނބުރާ ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 1.6 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވާކަމަށް ކޮމިޝަނުގެ ރައީސް ވަނީ ހާމަކުރައްވާފައެވެ. ކޮމިޝަނުގެ ރައީސް މިހެން ވިދާޅުވީ، 2025 ވަނަ އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް 9 ޑިސެންބަރު ވީ އަންގާރަދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ.
އޭސީސީ އުފެދިގެން އައީ 24 ސެޕްޓެމްބަރ 2008 ގައި ޤާނޫނު ނަންބަރު 2008/13 (އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ތަސްދީޤު ކުރެވުމަށްފަހު، 16 އޮކްޓޯބަރ 2008 ގައެވެ.
މިނިވަން މުސްތަޤިއްލު މުއައްސަސާއެއްގެ ގޮތުގައި އުފެދުނު މި ކޮމިޝަނަށް، 2009 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް، ދައުލަތުގެ ބަޖެޓުން ޖުމުލަ 564,111,207.76 ރުފިޔާ ވަނީ ހަމަޖައްސަވައިދެއްވާފައެވެ. މިއީ 17 އަހަރަށް ބަލާއިރު، އަހަރަކަށް ގާތްގަނޑަކަށް 33.18 މިލިއަން ރުފިޔާ އަދި މަހަކަށް 2.76 މިލިއަން ރުފިޔާއެވެ.
ދައުލަތަށް އަނބުރާ ހޯދަންޖެހޭ 1.6 ބިލިއަން ރުފިޔާ
އޭސީސީގެ މަސައްކަތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ނަތީޖާއަކީ، ކޮމިޝަނުގެ ތަޙުޤީޤުތަކުން ދައުލަތުން ގެއްލިފައިވާ ފައިސާގެ ގޮތުގައި، އެކި އިދާރާތަކަށް 1,607,657,428.66 ރުފިޔާއަށްވުރެ ގިނައިން އަނބުރާ ހޯދަންޖެހޭކަމަށް އަންގާފައިވާ ކަމެވެ. މި އަދަދު ހާމަކުރައްވަމުން ކޮމިޝަނުގެ ރައީސް ވިދާޅުވީ، 2009 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ މިހާތަނަށް ނިންމުނު މައްސަލަތަކުގެ ތެރެއިން، ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު 17 އަހަރަށް ބަހާލާނަމަ، އަހަރަކަށް 94.5 މިލިއަން ރުފިޔާ އަދި މަހަކަށް 7.88 މިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދުމަށް ކޮމިޝަނުން އަންގާފައިވާކަމެވެ.
ފާއިތުވެދިޔަ 17 އަހަރު ދައުލަތުގެ ބަޖެޓުން އޭސީސީގެ ހިންގުމަށް ޚަރަދުކޮށްފައިވާ މިންވަރާއި، ދައުލަތަށް އަނބުރާ ހޯދުމަށް އަންގާފައިވާ ފައިސާގެ އަދަދު އަޅާކިޔާލުމުން، ކޮމިޝަނުގެ މަސައްކަތުގެ ފައިދާ ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ. ކޮމިޝަނުގެ ރައީސް ފާހަގަކުރެއްވި ގޮތުގައި، ދައުލަތުގެ ބަޖެޓުން އޭސީސީގެ ހިންގުމަށް ޚަރަދުކޮށްފައިވާ ކޮންމެ 1 ރުފިޔާއަކަށް، މަދުވެގެން 2.85 ރުފިޔާ (ދެ ރުފިޔާ އަށްޑިހަ ފަސްލާރި) ދައުލަތަށް އަނބުރާ ހޯދުމަށް ކަމާގުޅޭ މުއައްސަސާތަކަށް ކޮމިޝަނުން އަންގާފައިވެއެވެ.
އޭސީސީއިން މިހާތަނަށް ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ 1.6 ބިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާގެ އަދަދަކީ، ކޮރަޕްޝަން ހުއްޓުވުމަށް ކުރެވޭ މަސައްކަތުގެ މުހިންމުކަން ހާމަކޮށްދޭ އަދަދެކެވެ. ނަމަވެސް، މި ފައިސާ ދައުލަތަށް ލިބުމުގެ މަސައްކަތް އަވަސްކުރުމާއި، ކޮމިޝަނުގެ ތަޙުޤީޤުތަކަށް ޢަމަލީ ސިފައެއް ގެނައުމަށްޓަކައި، ކަމާބެހޭ އެހެން މުއައްސަސާތަކުގެ އެއްބާރުލުން އިތުރަށް ބޭނުންވެއެވެ.
އޭސީސީގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، ކޮރަޕްޝަންގެ ކުށްތަކަށް އަދަބު ދިނުމުގެ ނިޒާމު ހަރުދަނާކޮށްފިނަމަ، ދައުލަތުގެ މާލިއްޔާ ހިމާޔަތްކުރުމުގައި އިތުރު ކާމިޔާބީތަކެއް ހާސިލުކުރެވޭނެކަން ކަށަވަރެވެ.

