މި ސަރުކާރުން ފާއިތުވި 1 އަހަރުގެ ތެރޭގައި އެންމެ ބޮޑަށް މަސައްކަތްކުރެއްވީ ޤައުމަށް ހަމަޖެހުން ގެނެސްދިނުމަށް ކަމަށް ރައީސުލްޖުމްޙޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވީ ހއ. މޮޅަދޫއަށް ޒިޔާރަތްކުރައްވާ، އެރަށުގެ ބަނދަރުގެ މަޝްރޫޢު ފައްޓަވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނު ވަނީ މި ސަރުކާރުން ޤައުމުގެ ހަމަޖެހުމަށް ކުރެއްވި މަސައްކަތް ފާހަގަކުރައްވާ ޤައުމުގެ ހަމަޖެހުން އެގޮތުގައި ދެމި އޮތުމަށް ހުރިހާ ފަރާތްތަކުން އެކުވެރިކަމާއެކު ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.
މީގެ އިތުރުން ސަރުކާރެއްގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންގެ ހުރި ދަތިތައް ޙައްލުކޮށްދިނުންކަމަށް ނައިބު ރައީސް ފައިސަލް ނަސީމުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން މި ސަރުކާރުން ރަށްރަށަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރަށެއްގެ ކުޑަބޮޑުމިނަށް ނުބައްލަވާ ތަރަޢްޤީ ގެނެސްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވިއެވެ.
ނައިބު ރައީސް ހއ.މޮޅަދޫއަށް ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެރަށު ފުޓްސަލް ދަނޑުހުޅުއްވައިދެއްވާފައެވެ. އަދި ރަށުގެ ކުޑަކުދިންނަށް ހިތްފަސޭހަ މާހައުލެއް ޤާއިމްކޮށްދިނުމުގެ ބޭނުމުގައި ތަރައްޤީކުރަން ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައިވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މޮޅަދޫއަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މޮޅަދޫ ސްކޫލަށް ޒިޔާރަތްކުރައްވައި އެތަނުގެ ވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.
މޮޅަދޫއަށްފަހު ނައިބު ރައީސް ދެން ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އެއަތޮޅު ދިއްދޫއަށެވެ.

