ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިވަގުތު ހުންނެވީ މާލޭ ޖަލުގައި ކަމަށާއި، އެމަނިކުފާނު ހުންނެވީ ސާބިތުކަން މަތީގައިކަމަށް ޕީއެންސީގެ ނައިބްރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވަި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމްކުރީ އެމަނިކުފާނުގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ ދައުވާގަ އެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމަކީ ސިޔާސީ ހުކުމެއްކަމަށާއި، އަދި އެ ހުކުމް ބަލައި ނުގަންނަކަމަށް އިދިކޮޅު ކޮންގްރެސް ޕާޓީއިން ވަނީ ބުނެފައެވެ. ޕީޕީއެމް ޕީއެންސީ ގުޅިގެން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ހުންނެވީ ވަރަށް ހިތްވަރުގަދަކޮށް ކަމަށެވެ. އެހެން ކަމުން ޕާޓީން ވެސް އެދެނީ އެމަނިކުފާނުގެ ސަޕޯޓަރުން މާޔޫސްނުވުމަށް ކަމަށެވެ.
ފާސް ގާޒީންގެ އިއްތިފާގުން އިއްވި ހުކުމް ހައިކޯޓުގައި ހުކުމް ކުރުމަށް މަސައްކަތް ކުރަމުން އަންނައިރު، އިންސާފުގެ އެއްވެސް އުންމީދެއް ނެތްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ގާނޫނީ ހަމަތަކުން ބަލާއިރު ރައީސް ޔާމީނަށް އައިސްފައިވާ ހުކުމް އެއްވެސް މިންވަރަކުން ގަބޫލެއް ނުކުރެވޭކަން ފާހަގަކޮށް އަބްދުއްރަހީމް ވަނީ ބޭރު ދުނިޔޭގެ ގައުމުތަކަށް ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާ ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ބައިނަލް އަގުވާމީ ގާނުނީ ޓީމުތަކާއި ވެސް ބައްދަލު ކުރަމުންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމީން މިވަގުތު މާލޭ ޖަލުގައި ހުންނެވިއިރު އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީންގެ އެއްވެސް މާޔޫސްކަމެއް ނެތް ކަމަށެވެ. ރައީސް ޔާމީނަކީ، ދިވެހި ރައްޔިތުން ދޫކޮށް ފިއްލަވާނެ ސިޔާސީ ޝަހުސިއްޔަތެއް ނޫން ކަމަށާއި، ވަރަށް އަވަހަށް ރައީސް ޔާމީން މިނިވަން ވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ީޕީޕީއެމް ޕީއެންސީއިން ބުދަ ދުވަހުގެ ރޭ، ހާއްސަ އެއްވުމެއް ބާއްވާފައެވެ. އެ އެއްވުމުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގެން އާއްމުންނާއި މުހާތަބުކޮށް ވާހަކަ ދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކައިގައި ވަނީ ދުވަސްކޮޅަކަށް ދުރަށް ދާން ޖެހުނު ނަމަވެސް ޕާޓީއަށް ދެރަ ގޮތެއް ވިޔަ ނުދިނުމަށް އެދިވަޑައިގެންފައެވެ.
ރައީސް ޔާމީން ދެއްކެވި ވާހަކައިގައި ”ކުރިން ފަހަރު ޖަލަށް ދިއުމުން ދިމާވި ގޮތަށް ކަންކަން ވިޔަ ނުދިނުމަށް“ އެދޭކަމަށް ވިދާޅުވިއެވެ. އެއީ ކޮން ކަމަކަށް އިޝާރާތްކޮށް ވިދާޅުވި ވާހަކައެއްކަމަށް ސާފު ނުވީ ނަމަވެސް ރައީސް ޔާމީން ވިދާޅުވީ ޕާޓީއާއި ހަވާލުވާން އަންނަ މީހުންނަށް ޕާޓީ ނުދިނުމަށް އެދޭކަމަށެވެ. އަދި ހުކުމެއް އައި ހާލަތެއްގައި ”ޕާޓީގެ މައްޗަށް މިނިކާ ބާޒުތަކެއް ސަވާރުވިޔަ“ ނުދިނުމަށް އެދިވަޑައިތެވެ.
ރައީސް ޔާމިންގެ ވާހަކަފުޅަށް ބާރު ދެއްވާ އަބްދުއްރަހީމް ވެސް ބުރާސްފަތި ދުވަހުގެ ރޭ ވާހަކަ ދެއްކެވިއެވެ. އެގޮތުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލުމަށްފަހު، ޕާޓީގެ އެހީ ހޯދުމަށް އެކަކަށް ވެސް ނާދެވޭނެ ކަމަށެވެ. އަދި ޕާޓީއަށް ސަވާރުވެ، މިއީ ވަކި މީހެއްގެ ޕާޓީއަކަށް ވެސް ނެހެދޭނެ ކަމަށެވެ. އަދި ޕާޓީގެ ކޮންގްރެސްއެއް ބާއްވާ، ޕާޓީ ޖަހައިގަތުމުގެ ފުރުސަތެއް ވެސް ނުދެއްވާނެ ކަމަށެވެ.
އަބްދުއްރަހީމްގެ ވާހަކަފުޅު އަމާޒު ކުރެއްވީ ކޮން ބޭފުޅުންތަކަކަށްތޯ ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ ”އެބަޔަކަށް އެކަން އެނގޭނެ“ ކަމަށެވެ. އަދި އެބަޔަކު ޕްރެސްކޮންފަރެންސް ބައްލަވަމުންގެންދަވާނެ ކަމަށާއި، އަދި އެ ބޭފުޅުންނަށް އެއީ ކާކުގެ ވާހަކަކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
ފަހަރު ޖަލަށް ލުމުން ދިމާވި ގޮތަށް ކަން ވިޔަ ނުދެއްވުމަށް ޔާމީން އެދިވަޑައިގަތެވެ. ނަމަވެސް އޭރުކަންވީ ކިހިނެއް ކަމެއް ވިދާޅެއް ނުވެ އެވެ. އެހެން ވިދާޅުވީ އެމަނިކުފާން ނެތް ދުވަހަކުން ޕާޓީއާ ހަވާލުވާން އަންނަ މީހުންނަށް ފުރުސަތު ނުދެއްވުމަށް އެދިވަޑައިގަންނަވަމުންނެވެ.
ރައީސް ޔާމީނަށް ހުކުމް ކުރުމާއެކު ދެން ޕީޕީއެމް-ޕީއެންސީ ކޯލީޝަންގައި ލީޑް ކުރައްވާނީ ކޮން ބޭފުޅެއްތޯ ސުވާލުކުރުމުން އަދުރޭ ވިދާޅުވީ، އެ ކޯލިޝަން ހިނގާނީ އަދިވެސް ރައީސް ޔާމީންގެ އިރުޝާދާ ލަފަޔާއެކު ކަމަށެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެމަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވާލި ކަމަށް ދައުވާގައިވެ އެވެ.
އެ މައްސަލައިގެ ހުކުމް އިއްވަން މިއަދު ބޭއްވި އަޑުއެހުމުގައި، ގާޒީ އަލީ ރަޝީދު ހުސައިން ވިދާޅުވީ އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރި ކަން އެނގޭ ކަމަށެވެ. އެ ފައިސާ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ބެލެވޭ ކަމަށް އޭސީސީން ޔާމީނަށް އަންގަވާފައިވާ ކަން ހެކިންގެ ބަހުންނާއި ކިތާބީ ހެކިން އެނގޭ ކަމަށެވެ. އެކަމަކު އެސްކްރޯ އެކައުންޓަށް ޖަމާކުރީ ޝައްކު އުފެދޭ ފައިސާގެ ބަދަލުގައި އެހެން ފައިސާތަކެއް ކަން ހެކިތަކުން އެނގޭ ކަމަށް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
އެކަމަކު ޔާމީނާއި އެމަނިކުފާނުގެ ވަކީލުންގެ ޓީމުން ވިދާޅުވެފައި ވަނީ އެއީ، އިންސާފުން ބޭރުން ކުރިއަށް ގެންދިޔަ ސިޔާސީ ދައުވާއެއް ކަމަށެވެ.
ރައީސް ޔާމީނަށް ހުކުމް ކުރުމާްއެކު ދެން ޕީޕީއެމް-ޕީއެންސީ ކޯލީޝަންގައި ލީޑް ކުރައްވާނީ ކޮން ބޭފުޅެއްތޯ ސުވާލުކުރުމުން އަދުރޭ ވިދާޅުވީ، އެ ކޯލިޝަން ހިނގާނީ އަދިވެސް ރައީސް ޔާމީންގެ އިރުޝާދާ ލަފަޔާއެކު ކަމަށެވެ.

