ކޮންމެ ޤައުމެއްގައި ދިރިއުޅުނު ނަމަވެސް ދިވެހިންނަށް ކުރިމަތިވާ ދަތިތައް ޙައްލުކޮށްދިނުމުގައި ސަރުކާރުން ތަފާތެއް ނުގެންގުޅޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެންވިދާޅުވީ އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ތިރުވަނަންތަޕޫރަމްގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތިރުވަނަންތަޕޫރަމްގައި ހުންނަ ހޮޓެލް އެޕޯލޯގައި ބޭއްވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ކޮންމެ ޤައުމެއްގައި ދިރިއުޅުނު ނަމަވެސް އެޤައުމެއްގެ ޤާނޫނުތަކާ ޤަވާޢިދުތަކަށް ހުރުމަތްތެރިކޮށް ހިތާބަޔަކަށް ދިވެހިން ވާންޖެހޭކަމަށެވެ. އަދި ދިވެހިންނަކީ ބޭރު ޤައުމެއްގައި ދިރިއުޅުނު ނަމަވެސް އެ ޤައުމެއްގެ ބަޔަކާ ގުޅިގެން ދިރިއުޅޭ ބައެއްކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އިންޑިޔާ ސަރުކާރުން ރާއްޖޭގެ ރައްޔިތުންގެ ފަސޭހައަށް ގިނަ ކަންތައްތަކެއް ކޮށްދެއްވަމުން އަންނަކަން ފާހަގަކުރައްވަމުން ނައިބު ރައީސް ވަނީ އިންޑިޔާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އިންޑިޔާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށާއި ބޭސްފަރުވާއަށް އަންނަ ދިވެހިންނަށް ދިމާވާ ދަތި އުނދަގޫ މައްސަލަތައް ޙައްލުކުރުމުގައި މި ސަރުކާރު ވެރިކަމަށް އައިފަހުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ.
މިސަރުކާރު ދެމި އޮންނާނީ އަބަދުވެސް ރައްޔިތުންނަށް ދަތިވާކަންކަން ޙައްލުކޮށްދިނުމުގައިކަމަށާއި އެގޮތުން ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންވެސް އިސްތިސްނާ ނުވާނެކަމުގެ ޔަޤީންކަން ނައިބު ރައީސް ދެއްވިއެވެ.
އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ދާއިރާތައް ހުރިންކަން ފާހަގަކުރައްވަމުން ދަރިންނަށް ތަޢުލީމުދީ ތަރުބިއްޔަތު ކުރާއިރު ކާބަފައިންގެ ފަރާތުން ވާޞިލުވި ރިވެތި އަދަބުތަކުގެ މަތީގައި ތަރުބިއްޔަތު ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ތަޢުލީމުދިނުމުގެ ތެރެއިން ދަރިންނަކީ މަސައްކަތްތެރި ބަޔަކަށް ހެދުމަށް އިސްކަމެއްދިނުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އިލްތިމާސްކުރެއްވިއެވެ.

