ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައަކާ ގުޅިގެން ލ. މާބައިދޫ ކައުންސިލަރަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީސައުތު ސެންޓްރަލް ޑިވިޝަނުގައި ހިމެނޭ ރަށެއްގެ ޒިންމާދާރު މަގާމެއްގައި ހުރި 51 އަހަރުގެ ދިވެހި ފިރިހެނަކާ ދެކޮޅަށް ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ހަތަރު މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ. އޭނާގެ ޝަރީއަތް ނިމެންދެން އޭނާ ހައްޔަރުގައި ބެހެއްޓުމަށް ކޯޓުން އިއްޔެ އަމުރު ކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.
ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރާ ކަމަށް ފުލުހުންނަށް ހުށަހެޅިފައިވާ ހަތަރު މަައްސަލައިގެ ތެރެއިން އެއް މައްސަލާގައި ޖިނާއީ ކުށުގެ ދައުވާ ކުރެވޭނެ ހެއްކާއި ގަރީނާ ނެތުމުގެ ސަބަބުން އެ މައްސަލަ ފައިލްކޮށްފައިވާ ކަމަށާއި އަނެއް ތިން މައްސަލަ ތަހުގީގު ކުރުމަށްފަހު، ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އޭގެ ތެރޭގައި މިހާރުވެސް ދައުވާ ފެށިގެން ކުރިއަށްދާ މައްސަލައެއް ހިމެނޭ ކަމަށާއި އޭގެ ތެރޭގައި ހިމެނޭ އެއް މައްސަލާގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އަށް ފޮނުވީ އިއްޔަގަ ކަމަށްވެސް ފުލުހުން ބުންޏެވެ.
މިހާރު ޝަރީއަތް ފަށާފައިވާ މައްސަލާގައި ކޯޓުން އަމުރުކޮށްފައިވަނީ ޝަރީއަތް ނިމެންދެން އޭނާ ރިމާންޑު ޖަލެއްގައި ބެހެއްޓުމަށް ކަމަށާއި އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔަގެ ޝަރީއަތަށް ފަހު ކަމަށް ފުލުހުން ބުންޏެވެ.
ކޫޑަކުދިންނާއި ގުޅިގެން ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ޖިންސީ އނަިޔާއާއި ފުރައްސާރައިގެ މައްސަލަތަކެެވެ. އެފަދަ މައްސަލަތަކުގައި އެކި މަޤާމުތަކުގައި ތިބޭ ފަރާތްތަކަށް ޝާމިލުވާކަން ވަނީ ފާހަގަކުރެވިފައެވެ.
އެގޮތުން ޖިންސީ ފުރައްސާރައިގެ ތުހުމަތުގައި ޤައުމީ ކުރިކެޓު ކޯޗު ވަނީ ހައްޔަރުކޮށްފައެވެ. އޭނާގެ މައްޗަށް ނުވަ ދައުވާއެއް ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅައިފައެވެ.

