ރާއްޖޭގެ ކަނޑުގެ ސަރަހައްދުން މިދިޔަ އޮކްޓޯބަރު މަހު އަތުލައިގަތް އީރާނުގެ ބޯޓުން މަސްތުވާތަކެތި ފެނުނު މައްސަލައިގައި ހިމެނޭކަމަށް ތުހުމަތުވާ މީހުންގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
ފުލުހުން ބުނެފައިވާ ގޮތުން މި ބޯޓު ހިފެހެއްޓާފައިވަނީ ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު ބޭރުން، ރާއްޖޭގެ ހާއްސަ އިގްދިސޯދީ ކަނޑުގެ ސަރަހައްދުންނެވެ.
އެ ބޯޓު ރާއްޖެއާ ކައިރި ސަރަހައްދެއްގައި މަސްތުވާތަކެތި ހިފައިގެން އުޅޭކަމުގެ މައުލޫމާތު ކޯސްޓްގާޑާ ހިއްސާ ކޮށްފައިވަނީ އިންޑިއަން ކޯސްޓްގާޑުން، އޮކްޓޫބަރު މަހުގެ 1 ގައެވެ.
އީރާނުގެ ބޯޓާއި އެ ބޯޓު ކައިރި އަށް ދިޔަ ރާއްޖޭގެ މަސް ދޯނި އަތުލައިގަތީ އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހުގެ ރޭ، ސްރީ ލަންކާ އާއި ރާއްޖޭގެ ކޯސްޓް ގާޑާއި ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމަށް މަސައްކަތް ކުރަނިކޮށް އަތުލައިގަތް އީރާނުގެ ”އަލްޝަބާން“ ބޯޓުން 70 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ.
އެކަމުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ ސ.ހިތަދޫ، ކޯޒީ ކޯނާ، އަލީ އަންވަރު މުހައްމަދު 35، އާއި ކ. ދިއްފުށި މާތިލަ، އަހްމަދު ޝަކީބް 42، އަދި ލ. ގަން ތުނޑި މިލާނޯ، މުހައްމަދު ރިޝްފާން 23، އެވެ. ފުލުހުން ބުނެފައިވާގޮތުން ހައްޔަތުކޮށްފައިވާ މީހުންގެ ތެރެއިން، ކުށުގެ ރެކޯޑު އޮތީ އަންވަރުގެ އެކަންޏެވެ. އެއީ ވައްކަން ކުރުމުގެ ކުށުގެ ރެކޯޑެވެ.
އީރާނު ބޯޓުގެ ކައިރިއަށް ދިޔަ ރާއްޖޭގެ ”ހެދޭކުރި“ ދޯނީގެ ކެޕްޓަނާއި ފަޅުވެރިން ވެސް މައްސަަލައިގެ ތެރޭގައި ހިމެނެއެވެ. އެއީ ކ. ދިއްފުށި، އިރުމަތީގޭ އާދަމް މިސްބާހް 39، އާއި ލ. ގަން ތުނޑި، އީޓް ޖެހިގޭ މުހައްމަދު އިނާޝް 22، އާއި ބަންގްލަދޭޝްގެ ދެ މީހެއް ކަމަށްވާ އަލީ އަހްމަދު 24 އަދި ތުހުން 36، އެވެ. މި މީހުންގެ ތެރެއިން ކުށުގެ ރެކޯޑް އޮތީ މުހައްމަދު އިނާޝްގެ އެވެ. އެއީ ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮޮށްގެން މާރާމާރީ ހިންގުމާއި މަސްތުވާތަކެއްޗާ ގުޅޭ ކުށުގެ ރެކޯޑެވެ.
އީރާނު ބޯޓުގައި ތިބި އެންމެންނަކީ ވެސް އެގައުމަށް ނިސްބަތްވާ މީހުންނެވެ. އެއީ ފަކީރު 50، އާއި އިސްމާއީލް އިބްރާހީމް 50، އާއި ސާޖިދު 50، އާއި ނަވިދު 30، އާއި އީސާ ސުލައިމާން 26 އަދި އަލީ ރާޖާ 19 އެވެ.
އީރާނު ބޯޓެއްގައި ރާއްޖެެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރުމަށް މަސައްކަތް ކުުރުމާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، އެ މައްސަަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވާކަމަށެވެ. އަދި އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރުމުގެ ކުށުގެ ދައުވާއާއި، މަސްތުވާއެއްޗެއް ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުމުގެ ކުށުގެ ދައުވާއެވެ.
ފުލުހުން ބުނެފައިވާގޮތުން ބޭރުގެ އުޅަނދުން މަސްތުވާތަކެތި ނެގުމަށްޓަކައި ރާއްޖޭގެ އުޅަނދެއް ވެސް ހަރަކާތްތެރިވާކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން، ހިންގި އޮޕަރޭޝަންގައި ބޭރުގެ ބޯޓާއ އެކު ރާއްޖޭގެ އުޅަނދެއްކަމުގައިވާ ”ހެދޭކުރި -7“ ނަމަކަށް ކިޔާ މަސްވެރިކަންކުރާ ދޯންޏެއްވެސް ހިފެހެއްޓިއެވެ.
ބޯޓުން ފެނުނު މަސްތުވާތަކެތީގެ އަގު ގާތްގަނޑަކަށް 59.2 މިލިއަން ރުފިޔާއަށް އަރާނެކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
މިދިޔަ މެއި މަހު ރާއްޖޭގެ ސަރަހައްދުގެ ތެރެއިން ގިނަ އަދަދެއްގެ ޑްރަގާއެކު އިރާނުގެ ބޯޓެއް އަތުލައިގެންފައިވާއިރު، 2014 ވަނަ އަހަރުވެސް ކަނޑުމަގުން ރާއްޖެ ސަރަހައްދަށް އެރުވި 24 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ހިމެނުނީ އިރާނުގެ ބޯޓެކެވެ.

