ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މާލެ ސިޓީއަށް 50 މިލިމީޓަރުގެ ވާރޭ ވެހިއްޖެއެވެ.
ރޭ މެންދަމުން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރާގައި މާލޭގެ ބޮޑު ސަރަޙައްދެއްގައި ވަނީ ފެންބޮޑުވެފައެވެ. ފެންބޮޑުވެފައިވާ ސަރަޙައްދުތަކުގައި ފެންހިންދުމުގެ މަސައްކަތް މިހާރު އެމްއެންޑީއެފްއިން ދަނީ ކުރަމުންނެވެ.
ސަންގަށް މައުލޫމާތު ދެމުން މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ މިއަދުގެ މިހާތަނަށް މާލެ ސިޓީއަށް 50 މިލިމީޓަރަށްވުރެއް ގިނައިން ވާރޭ ވެހިފައިވާ ކަމަށެވެ.
އެމްއެންޑީއެފްއިން ބުނީ ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި މާލޭ ސިޓީގެ ބައެއް މަގުތަކުގައި ފެންބޮޑުވެފައިވާތީ ފެންހިންދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ފެން ހިންދުމުގެ މަސައްކަތް ވެސްޓް ޕާކް ސަރަހައްދާއި، އައިޖީއެމްއެޗް ސަރަހައްދުގައި ކުރިއަށްދާ ކަމަށް އެމްއެންޑީއެފް ބުނެއެވެ.
މާލޭގެ އިތުރުން އަތޮޅުތެރޭގެ ގިނަ ރަށްރަށުގައިވެސް ވާރޭ ވެހުމުގެ ސަބަބުން ވަނީ ފެންބޮޑުވެފައެވެ. މެޓް އޮފީހުން ބުނީ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި ޅ.އަތޮޅުން ފެށިގެން ލ.އަތޮޅާއި ދެމެދުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ބޯކޮށް ވާރޭ ވެހިއްޖެނަމަ މާލޭގައި ފެން ބޮޑުވާ މައްސަލައަށް މިހާތަނަށް ޙައްލެއް ހޯދިފައިނުވާއިރު އެކަމަށް ޙައްލުހޯދުމަށް މިދިޔަ ސަރުކާރުން ވެސް ވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން މާލޭގެ މަގުތަށް ތަރައްޤީކުރިއިރު ތަރައްޤީކޮށްފައިވަނީ ފެންގަނޑު އަވަހަށް ހިކޭ ގޮތަށް ކަމަށް އޭރުގެ ސަރުކާރުން ބުންޏެވެ. ނަމަވެސް އެކަމަށް ޙައްލެއް އައިސްފައެއް ނުވެއެވެ.
މި ސަރުކާރުންވެސް ވަނީ މާލޭގެ މަގުތައް ތަރައްޤީކުރުމަށް ބޮޑު ޕްރޮޖެކްތެއް އިއުލާނުކޮށްފައެވެ. އެ ޕްރޮޖެކްޓްގެ ދަށުން މަގުތަކުގައި ފެންބޮޑުވާ މައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

