ކުޑަކުދިންގެ ހިޔާގައި ހުރި ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ބަލިވެއިން ކަމަށް ދެކެވެމުންްދާ ވާހަކަތައް ޖެންޑަރ މިނިސްޓްރީއިން ދޮގުކޮށްފިއެވެ.
ޖެންްޑަރ މިނިސްޓްރީއިން ބުނީ ކުޑަކުއްޖާ ބަލިވެ އިންކަމަށް ބުނެ ފެތުރެމުންދާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށެވެ.
އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ދިރިއުޅޭ ކުދިން ބަދުނާމުކޮށް، އެ ފަދަ ހަބަރުތައް ފަތުރާ ފަރާތްތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އެ ބާވަތުގެ ކަންކަން ނުކުރުމަށް އިލްތިމާސްކުރިއެވެ.
ހިޔާގައި ހުރި ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ބަލިވެއިން މައްސަލަ ފެންމަތިވެފައިވަނީ ޓުވިޓާރ ތެރޭގައި އާންމުންގެ މީހަކު ކުރި ޓުވީޓަކާއި ގުޅިގެންނެވެ. އޭނާގެ ޓުވީޓްގައި ބުނެފައިވަނީ ހިޔާގައި ހުރި 13 އަހަރުގެ ޚާއްސަ އެހީއަށް ބޭނުންވާ އަންހެން ކުއްޖަކު ރޭޕްކޮށް ބަނޑުބޮޑުވެފައިވާ ކަމަށެވެ. އެ ކުއްޖާ ބެލެނިވެރިންގެ ބެލުމުގެ ދަށުގައި ހުރިއިރު ބަނޑުބޮޑު ނޫން ކަމަށް ޓުވީޓްގައި ބުނެފައިވެއެވެ.
ކުޑަކުދިންގެ ހިޔާގައި ހުރި ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ބަލިވެއިންކަމުގެ އަޑުތަކެއް ފެތުުރިފައިވާއިރު މިއަދު ޖެންޑަރ މިނިިސްޓްރީއާއި އެކު ކުއްލި ބައްދަލުވުމެއް ރައީސް އޮފީހުގައި ބާއްވާފައިވާ ކަން ސަންގަށް ވަނީ ކަށަވަރުވެފައެވެ. ނަމަވެސް އެއީ ކޮންކަމަކާއި ގުޅިގެން ބޭއްވި ބައްދަލުވުމެއް ކަމެއް އަދި ސާފެއް ނުވެއެވެ.

