ޕީޕީއެމްއިން ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ސަރުކާރާއި އެކު ޑީލްއެއް ނުހަދާނެ ކަމަށް ޕީޕިއެމްގެ ނައިބުރައީސް މުހައްމަދު ހުސެއިން ޝަރީފް މުންދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިނިވަން ކުރަން އެއްވެސް ބަޔަކާއި އެކުގައި ޑީލް އެއް ނުހަދާނެ ކަމަށް މުންދު ވިދާޅުވީ ސަންގުޓީވީގެ ޚަބަރަށް ފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތާއި ގުޅިގެން އިދިކޮޅުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްއާއި ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމާއި ގުޅިގެން ރައީސް ޔާމީން މިނިވަން ކުރުމަށް ޑީލް ހަދަން މަސައްކަތް ކުރާ ކަމަށް ބުނެ ފެތުރޭ އަޑުތަކާއި ބެހޭ ގޮތުން ސުވާލު ކުރުމުން މުންދު ވިދާޅުވީ، ޕީޕީއެމްއަކީ އެއްވެސް ބަޔަކާއި އެކު ޑީލް ހަދައިގެން ކަންކަން ހާސިލް ކުރާނެ ބައެއް ނޫންކަަމަށެވެ.
”އަޅުގަނޑުމެން ނުހަދާނަން ޑީލްއެއް. އެއީ ސަރުކާރާއި އެކު ކަމަށް ވިޔަސް ރާއްޖެއިން ބޭރުގެ ފަރާތަކާއި އެކުގައި ކަމަށް ވިއަސް. އަޅުގަނޑުމެން މި މައްސަލައިގައި ދައްކަނީ ޑިއު ޕްރޮސެސްގެ ވާހަކަ. އެއީ ކޮންމެހެން ރައީސް ޔާމީންއަށް ވީމަކާވެސް ނޫން! އެއީ އާންމު މީހާއަށް ވެސް ޤާނޫނު އަސާސީން ލިބިދޭ ހައްގުތަކެއް ނުލިބޭ ވާހަކަ. މީގަ އަޅުގަނޑުމެން ޑީލް އެއް ހަދަން ޖެހޭ ސަބަބެއް ނުވެސް ނެތްވެސްމެ“
މީގެ އިތުރުން ސިޔާސީ ކަންކަމުގައި އެމްޑީޕީއާއި އެކު މަޝްވަރާކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި އެމްޑީޕީން ބޭނުންވާ ކަންކަމުގެ ލިސްޓެއް ހިފައިގެން އައި ކަމަށެވެ. އެހެންނަމަވެސް އެކަންކަން ފުރިހަމަވުމުން އެ ހަނދާން ނުހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީއަކީ އަބަދުވެސް ރާއްޖެއިން ބޭރަށް ގޮސް ރާއްޖޭގެ ވާހަކަ ދައްކާ އިރު ވެސް ކަންކަން ބޮޑުކޮށްގެން ކިޔާދޭ ބައެއްކަމަށް މުންދު ވިދާޅުވިއެވެ.
”އަޅުގަނޑު މިސާލެއް ދަންނަވާފާނަން. އަޅުގަނޑު މިތާގައި ހުރެފައި މި ތެދުވީ. ހަމަ ރީތިކޮށް މަޑު މަޑުން މި ތެދުވީ. އެކަމަކު އެމީހުން ގޮސް ބުނާނީ ފުންމައިގެން އަރާ ތެދުވެއްޖެއޭ. އެހުންނަނީ އެގްޒެޖަރޭޓްކުރުން. ރައީސް މައުމޫންގެ ވެރިކަމުގައި އޮގަސްޓް މަހު ހިނގި ހާދިސާއަކީ ސިޔާސީ މަސްރަހުގައި އޭރު އެންމެ ފާހަގަކޮށްލެވޭ އެއްކަން. އެއީ މިހާރުވެސް އެންމެ ފާހަގަކޮށްލެވޭ އެއްކަން ސިޔާސީ މަސްރަހަށް ބަލާލާއިރު. އެކަމަކު މި މީހުން ގޮސް ބޭރުގައި މި ބުނަނީ ކަކުލާއި ހަމައަށް ޖުމްހޫރީ މައިދާނުގައި ލޭ އޮތޭ. އަދި މީހުންގެ ނިޔަފަތި ހުރީ ފާރުތަކުގައި ހަރުލާފައޭ. ދެން މި ވާހަކަ އަޑު އެހި މީހާ ރާއްޖެއައިސްފައި މި އަހަނީ ކަލޭމެން ހާދަމޮޅޭ ތަންތަން ސާފުކުރަން. އެއޮށް ބައިވަރު ލޭތައްވެސް ސާފުކޮށްފައޭ. ފާރުތަކުން ނިޔަފަތިވެސް ނަގާފައޭ“
އެފަދަ ދޮގު ވާހަކަތައް ދެއްކުމުން އެމްޑީޕީގެ އަގު ދުނިޔެ ކުރިމަތީގައި ވެއްޓެމުންދާކަމަށް މުންދު ވަނީ ވިދާޅުވެފައެވެ. އިތުރަށް ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، އެމްޑީޕީ މޮޅީ ވެރިކަމަށް އަންނަން ކަމަށެވެ. ވެރިކަން ކުރުމުގައި އެމްޑީޕީއަށް ލިބޭނީ ސުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެމްޑީޕީއަކީ އެކިކަހަލަ ސްލޯގަންތައް ހަދައިގެން އުޅޭ މޮޅު ބައެއްކަމަށާ، ވެރިކަން ނުކުރެވެނީ ހިޔާލީ ދުނިޔެއެއްގައި އުޅުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރުވެސް މަޑުމަޑުން ރައީސް ނަޝީދުގެ ސަރުކާރެކޭ އެއްފަދައިން ރައްޔިތުންނާއި ދުރަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެމްޑީޕީއަށް ވޯޓް ދިން މީހުން ތިބީ މާޔޫސްވެފައިކަމަށް ފާހަގަކުރައްވާ މުންދު ވިދާޅުވީ އެމްޑީޕީގެ މި ވެރިކަމަކީ މަތިބަރު، ނާއުންމީދީ ސަރުކާރެއް ކަމަށެވެ.

