ނުހިންދުނު ފެންގަޑޭ ބުނީމާ ފަހަރުގާ މިއީ އަޖައިބު ކުރުވަނިވި ކޯރެއްގެ ފެންގަނޑޭވެސް ހީކޮށްފާނެއެވެ. ނޫނީ ވާރޭ ވެހޭތީ ގެއަކަށް ނޫނީ އިމާރާތަކަށް ފެން ފައިބައިގެން ފެން ނުހިންދޭ ވާހަކަ ކަމަސްވެސް ވުން އެކަށީގެންވެއެވެ.
ނަމަވެސް އެއްވެސް ޙާލެއްގައި މިދައްކަނީ ކޯރެއްގެ ވާހަކައެއް ނޫނެވެ. މިދައްކަނީ ކެރިކޮޅެއް ވެހިލާއިރަށް މާލޭގެ މަގުތަކުގައި ފެންބޮޑުވާ ވާހަކައެވެ. ފެންބޮޑުވަނީ ތިޔަހެންނަކުންނޫނެވެ. މަގުގައި ހިނގާ މީހުންނަށާއި ދުއްވާ މީހުންނަށް އުނދަގޫވާ ވަރަށެވެ.
މިވާހަކަ ދައްކަން މިޖެހުނީ ސަބަބަކާއި ނުލައެއް ނޫނެވެ. އިއްޔެ ރޭގެ މެންދަމުން ފެށިގެން މާލެއަށް ވެހެމުން ދިޔަ ވާރެއާއެކު މުޅި މާލޭ ފެންބޮޑުވެގެން ދިޔައެވެ. ވާރޭ ވެހޭތޯ ގޮސް ގޭގެ ކުޑަދޮރު ހުޅުވާލީމެވެ. އެއާއެކު ލޮލުގައި އަޅައިގަތީ ކުރިމަތީގައި ހުރި ގޭގެ ދޮރުމަތީގައި ފައިކުރި ކަކުލާ ހަމައަށް އޮޅާލައިގެން ހުރި މީހެކެވެ. އޭނާގެ އެއް އަތުން ފޯނު ކަންފަތުގައި ޖަހައިގެން ހުރި އިރު އަނެއް އަތުން ހުރީ ކުޑަ ހިފަހައްޓައިގެންނެވެ. ހަމަ އެއަތުގައި އޭނާގެ ދަބަސްވެސް އަޅުވާލާފައި ހުއްޓެވެ.
މަގުމަތީގައި ފައި ކަށިގަނޑާ ހަމައަށް އޮތީ ފެންބޮޑުވެފައެވެ. ބެލެވޭ ގޮތުގައި ފޯނުކޮށްގެން ހުރީ ޓެކްސީއެއް ނުލިބިގެންނެވެ. ކުޑައަޅައިގެން ހިނގާފައި ދެވޭ ވަރަށް ވުރެ ބޯކޮށް ވާރޭ ވެހެއެވެ. އެހެން ހުއްޓާ ބާރު ސްޕީޑުގައި ދުއްވާފައި އައި ކުޑަވަރެއްގެ ލޮރީއެކެވެ. އެެދިޔަ ބާރު މިނުގައި އޭނާގެ ގަޔަށް ފެންގަޑު ބުރުއްސާލާފައި ހިގައްޖެއެވެ. މުޅި މީހާ އެއްކޮށް ހުރީ ތެމިފައެވެ. އަޅުގަނޑު ކަިރިއަށް ކުޑަކޮށް ހިނި އައި ނަމަވެސް އެވަގުތު އޭނާއަށް ކުރާނެ އިހުސާސްތައް ހިތަށް އައެވެ.

މިއީ ވާރޭ ވެހި ފެންބޮޑުވެފައިވާ ދުވަހެއްގައި އަޅުގަނޑަށް މަގުމަތިން ފެނުނު މަންޒަރެކެވެ. ފެންބޮޑުވުމުގެ ސަބަބުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް މިނޫނަސް އެތަށް އުނދަގޫތަކެއް އަންނަނީ ކުރިމަތިވަމުންނެވެ. މިއީ ފެންނަ މަންޒަރަށް ވުރެ ބޮޑަށް ވިސްނާލައިފިނަމަ ނުރައްކާބޮޑު ކަމެކެވެ.
ފެންބޮޑުވާ ގިނަ ފަހަރު ފަހަރު މަގުމަތީގައި ހަދާފައިވާ ޖަންކްޝަންތަކުން ނަޖިސް މައްޗަށް އަރާތަންވެސް ވަނީ ފެނިފައެވެ. ކުޑަކުދިން ހިމެނޭހެން ބައިބޯ މާލޭގައި ހިނގާ އެތަށް ބަޔަކު އުޅޭއިރު މިއީ ސިއްހީ ގޮތުން ބަލާއިރު ނުރައްކާތެރި ބަލިތަށް ފެތުރުމަށް އޮތް ދޮރާއްޓެކެވެ.
ކޮންމެއަކަސް މާލެއަށް ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދަންއެބަޖެހެއެވެ. ހައްލު ހޯދުމަށް ސަރުކާރުތަކުން މަސައްކަތް ނުކުރެވެއޭވެސް ދެންނެވޭކަށް ނެތެވެ. އަޅުގަނޑުގެ ހިޔާލުގައި މައްސަލައަށް ދާއިމީ ހައްލެއް ނުހޯދެނީ އެގެންނަ ހައްލަށް ފަރުވާތެރި ނުވެވޭތީއެވެ.
ނިމިދިޔަ ރައީސް ޔާމިންގެ ސަރުކާރުގައި މާލޭގެ މަގުތަކަށް ބޯޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. މަގުތައް ތަރައްޤީ ކުރުމަށް ބޮޑު މަޝްރޫޢެއް އިއުލާނުކޮށް ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާ، މަގާއި މަޖީދީމަގު އެއްކޮޅުން އަނެއްކޮ ގާތަށް ނަގައިގެން ތަރައްޤީކުރިއެވެ. މިއީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ދިގު 30 އަހަރުގެ ވެރިކަމަށް ފަހު މާލޭގެ މަގުތަށް ތަރައްޤީކުރަން ފެށި ފުރަތަމަ ފަހަރެވެ.
ތަރައްޤީގެ މި ޕްލޭންގެ ދަށުން މާލޭގެ މަގުތަކުގައި ފެން ހިންދުމަށް ސްޓޯމް ވޯޓާ ޑްރެއިނޭޖު ސިސްޓަމްތަކެއް ގާއިމު ކުރި އެވެ. އޭރުގެ ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ ސިސްޓަމް ފަރުމާ ކޮށްފައި ވަނީ ވާރޭ ހުއްޓާލާތާ ތިން ގަޑިއިރުގެ ތެރޭގައި ފެންގަނޑު އެއްކޮށް ހިންދޭނެ ގޮތަށް ކަމަށެވެ.
މި ސިސްޓަމާއެކު އޭރު ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް ފެނިގެން ދިޔައެވެ. ވާރޭ ވެހޭ އިރަށް ފެން ބޮޑުވިނަމަވެސް ޑރ. މުއިއްޒު ވިދާޅުވި ފަދައިން މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި އަމިއްލައަށް ފެންގަނޑު ހިދެއެވެ.

ނަމަވެސް އެ ސިސްޓަމްއަކީވެސް ފަރުވާތެރިކަމާއެކު ރަނގަޅަށް ބެލެހެއްޓިގެން ނޫނީ އޭގެ ބޭނުން އެންމެ ފައިދާ ހުރި ގޮތުގައި ނުއެއް ލިބިގަނެވޭނެއެވެ. ހަލާކުވެފައިވާ ފާރުގަނޑެއްވެސް، ފާރުގަނޑުގައި ރަތްބޭސް ނުހާކާ ރޮލާ ވާނެ ހައެއްޗެއް ވާން ބެހެއްޓިޔަސް ފާރުގަނޑު ފަސޭހައެއް ނުވާނެއޭ ބުނާ އުސޫލުން ވާރޭ ވެހޭ އިރަށް ޑްރެއިނިންގް ސިސްޓަމްގައި ހަރުލާ ކިސަޑާއި ކުނި ބުނިތައް ސާފު ނުކުރާނަމަ އެފެންގަނޑެއް ނުހިނދޭނެއެވެ.
މިއަދު ބާރު އޮތީ ރައީސް ޔާމިންގެ ސަރުކާރުގައި ފެންބޮޑުވާއިރަށް އެންމެ ގަދަޔަށް ފާޑުކީ ބޭފުޅުންނަށެވެ. އޭރު މަގުމަތީގައި ފެންބޮޑުވާއިރަށް އޭރުގެ ހައުސިން މިނިސްޓަރ ޑރ. މުއިއްޒުއަށް އިޝާރާތްކޮށް މަގުތަށް މުއިއްޒުވެއްްޖެއޭ ވިދާޅުވި ބޭފުޅުން މިއަދު ކޮބައިތޯ ރައްޔިތުން ދަނީ އަހަމުންނެވެ. އޭގެ ތެރެއިން ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވެގެން ދިޔައީ މާލެ ސިތީ ކައުންސިލްގެ މޭޔަރ ޝިފާއަށެވެ.
ޝީފާގެ ރައްދު ވަރަށްވެސް މޮޅެވެ. ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަށް 7 އަހަރުން ނުވިކަމެއް މާލޭ ސިޓީކައުންސިލުން އެންމެ އަހަރަކުން ކޮށްފައިވާކަމަށެވެ. އެގޮތުން އެއް އަހަރު ދުވަހު ތެރޭގައި މާލޭގެ ފެން ބޮޑުވާ މައްސަލަ ހައްލުކުރުމަށް 79 މިލިއަން ރުފިޔާގެ ބަޖެޓާއެކު މިހާރު ޕްރޮޖެކްޓް ތައްޔާރުކޮށް ނިމިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
https://twitter.com/SifaMohammed/status/1204725558539538432
ތެދެކެވެ. މާލޭގެ މަގުތަށް ތަރައްޤީ ކުރުމަށް މި ސަރުކާރުން ވަނީ މާސިންގާ ޕްރޮޖެކްޓެއް އިއުލާނުކޮށްފައެވެ. މާލޭގެ ސްޓްރީޓް ސްކޭޕިންގ ޑިވެލޮޕްމަންޓްގެ ދަށުން މާލޭގައި ފެންބޮޑުވުމުގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށް މި ސަރުކާރުންވެސް ވަނީ ބުނެފައެވެ.
ފެންބޮޑުވާ މައްސަލައަށް ޙައްލެއް ނުލިބި އެތަށް އަހަރުތަކެއް ފާއިތުވެގެން ގޮސްފައިވާއިރު ކޮންމެ ސަރުކާރަކުންވެސް މެގަ ބޮޑެތި ޕްރޮޖެކްތަށް އިއުލާނުކުރެއެވެ. ނަމަވެސް ސަރުކާރު ބަދަލުވުމާއެކު ކުރީ ސަރުކާރުން އެކުލަވާލި ޕްލޭން ރަނގަޅު ނޫން ކަމަށް ބުނެ އެއަށްވުރެ އަގު ބޮޑު މާސިންގާ ޕްރޮޖެކްޓެއް އިއުލާނު ކުރެއެވެ. ބުނެލަން އޮތީ ތިޔަ އިއުލާނު ކުރައްވާ މާސިންގާ ޕްރޮޖެކްޓްތަކަކުން މިއަދު ރައްޔިތުންނަށް އުފަލެއް ނެތެވެ. މިއަދު ރައްޔިތުން ބޭނުންވަނީ އެކަމަށް އަމަލީ ސިފައެކެވެ. ދާއިމީ ޙައްލެކެވެ.
މާލޭގައި ފެންބޮޑުވާ މައްސަލައަކީ މިއީ އަޖަިއބު ކުރުވަނިވި ކަމެއްތާއެވެ. ދުނިޔޭގެ ބޮޑެތި ކޯރުތައް ހިކިގެން ދާއިރު މާލޭގެ މަގުތަކުގައި ބޮޑުވާ ފެންގަނޑަކަށް ހައްލެއް ނެތީބާއެވެ.

