އިދިކޮޅު އެމްޑީޕީން އަބަދުވެސް ގެންގުޅެނީ އިސްލާމްދީނާ ބީރަށްޓެހި އަދި ގައުމަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ސިޔާސަތުތަކެއްކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީގައި ކެމްޕެއިން ލޯންޗު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ފަލާހު ވިދާޅުވީ، އެމްޑީޕީން ވެރިކަމާ ހަވާލުވާ ކޮންމެ ފަހަރަކު ގައުމަށް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށެވެ. އެގޮތުން 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ވިއްކާލުމުގެ ސަބަބުން، ދިވެހި ދައުލަތުން 270 މިލިއަން ޑޮލަރު އެއްފަހަރާ ދައްކަން ޖެހުނުކަން ދިވެހި ރައްޔިތުން އަބަދުވެސް ހަނދާނުގައި ބަހައްޓަން ޖެހޭކަމަށް ފަލާހު ވަނީ ވިދާޅުވެފަ އެވެ.
ފަލާހު ވިދާޅުވީ އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ތަކުރާރުވި އެއްކަމަކީ، ގައުމުގެ ހަރު މުދާތައް ވިއްކާލުން ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާކަމަށް ދެއްކުމަށް އެ ޕާޓީން ކިތަންމެ މަސައްކަތް ކުރިނަމަވެސް ގައުމަށް ދިން ބޮޑެތި އަނިޔާއާއި، ގެއްލުން ނޫން އިތުރުކަމެއް ފެންނާން ނެތްކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދައުރުގައި، ރާއްޖޭގެ ސްކޫލުތައް މޯގޭޖުކޮށް ބޮޑެތި އަދަދުތަކުން ލޯނުތައް ނަގާފައިވާކަމަށެވެ. ނަމަވެސް އެ ލޯނުތަކުން ރައްޔިތުންނަށް މަންފާއެއް ވުމުގެ ބަދަލުގައި، ފައިސާ ވަދެފައި ވަނީ އެމްޑީޕީގެ އިސްވެރިންގެ ޖީބަށްކަމަށް ފަލާހު ވިދާޅުވި އެވެ.
ކައުންސިލްގެ ނިޒާމު ތައާރަފުވީ ފަހުން، މިއަދާއި ހަމައަށް މިވީ 15 އަހަރުގެ ތެރޭގައި އޭރު އޮތް ޕީޕީއެމްއާއި، ޕީއެންސީއަށް މެޖޯރިޓީ ލިބިފައި ނުވެ އެވެ. އަދި މޭޔަރުކަމުގެ ގޮނޑި ވެސް ކާމިޔާބު ކުރެވިފައި ނުވާއިރު އެކަމަށް އިޝާރާތް ކުރައްވައި ފަލާހު ވިދާޅުވީ ކައުންސިލް އެމްޑީޕީއަށް ދީގެން ރައްޔިތުންނަށްވީ އިހުމާލު ކަމަށެވެ.
އައްޑޫއަކީ، މާލެއަށް ފަހު އެންމެ ބޮޑު ސިޓީކަމަށްވާއިރު ތަރައްގީ ގެނެސް، ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ގާއިމުވާން ޖެހޭކަމަށް ފަލާހު ވިދާޅުވި އެވެ. އަމިއްލަ މަސްލަހަތު އިސްކޮށް، އެމްޑީޕީން އައްޑޫގެ ރައްޔިތުންނަށް ގެނެސްދިން ތަރައްގީއެއް ނެތްއިރު، ފަލާހު އެދިވަޑައިގަތީ ކުރިޔަށް އޮތް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށެވެ.
ފަލާހު އިތުރަށް ވިދާޅުވީ، އެމްޑީޕީގެ ފާއިތުވި ފަސް އަހަރުގެ ތެރޭގައި ރާއްޖެއަށް އައި ހަގީގީ އެއްވެސް ތަރައްގީއެއް ފެންނާކަށް ނެތް ކަމަށާއި، ފެންނަން ހުރީ ހަމައެކަނި އިންތިހާބަށް ޖެހި ކަނޑަތަކެއް ކަމަށެވެ. އަދި ރައްޔިތުން މި ހަގީގަތްތައް ގަބޫލުކޮށް، 2023 ގެ ރިޔާސީ އިންތިހާބާއި މި އަހަރު ބޭއްވި މަޖިލިސް އިންތިޚާބުގައި ޕީއެންސީއަށް ބޮޑު އަޣުލަބިއްޔަތެއް ދިނީ އެމްޑީޕީގެ ދޮގުތަކާ ދެކޮޅަށްކަމަށް ވިދާޅުވިއެވެ.
ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ… އެމްޑީޕީގެ އެންމެ ނުރައްކާކަމަކީ އަޅުގަނޑުމެންގެ ދީނާ ބީރަށްޓެހި ސިޔާސަތެއް ގެންގުޅުން. އަޅުގަނޑުމެން މި މަހުގެ ފަސް ވަނަ ދުވަހު އަޅުގަނޑުމެންގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލިސް ހުޅުވި ދުވަހު އިއްވެވި ރިޔާސީ ބަޔާނުގައި ފުރަތަމަ އަލިއަޅުވާލީ ދީނީ ކަންތައްތަކަށް… އަޅުގަނޑުމެން ތެރޭގައި ތިބި އިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފެނިވަޑައިގަންނަވާނެ ފުރަތަމަ ވެސް އެމްޑީޕީގެ މަޖިލީސް ޗެމްބަރު ތެރޭގައި އައި އޯޑަރަކީ އެ ދީނީ ސިޔާސަތުތަކުގެ ވާހަކަ އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ފެއްޓި ހިސާބުން ކަށިގަނޑު ފުމައި ބޭރުކުރާށޭ… އެ ވިދާޅުވާ އެއްޗެއް ސާފުވިޔަ ނުދެއްޗޭ… އަޅުގަނޑު އިނީ ހަމަ އަޖައިބުވެފަ…
މީގެއިތުރުން ފަލާހު ވަނީ، އެމްޑީޕީއަކީ ދީނާއި ބީރަށްޓެހި ސިޔާސަތުތައް ގެންގުޅޭ ޕާޓީއެއްކަމަށް ބުނެ ވެސް ފާޑުކިއުން އަމާޒުކޮށްފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން ދެއްވިއިރު އެންމެ ފުރަތަމަ ވެސް އަލިއަޅުއްވާލެއްވިީ ދީނީ ސިޔާސަތުތަކަށް ކަމަށެވެ. ނަމަވެސް 15 ވަރަކަށް ދިގުދެމިގެން ދިޔަ އެ މައުޟޫއުގައި، އެމްޑީޕީން މަސައްކަތް ކުރީ މަޖިލީހުގައި އިތުރަށް އަޑުގަދަކޮށް އެ ވާހަކަތައް ރައްޔިތުންނާއި ހަމައަށް ފޯރުވިޔަ ނުދިނުމަށްކަމަށް ފަލާހު ވިދާޅުވި އެވެ.
އެގޮތުން އެ ވަގުތުގެ ތެރޭގައި، އެމްޑީޕީގެ މެމްބަރުން އިތުރަށް އަޑުގަދަ ބޭނުންކުރާ ބޭނުން ކުރިކަމުގެ ތުހުމަތު ކުރައްވައި ވިދާޅުވީ ދީނީ ސިޔާސަތުތަކުގެ ވާހަކަ ނިމުމާއި އެކު އެމްޑީޕީގެ އަޑު ކޮންމެވެސް ވަރަކަށް ދަށްވިކަމަށެވެ.

