ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެލާނާ އެވޯޑްސްގެ ނަމުގައި ހާއްސަ އެވޯޑެއް ތަޢާރަފްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ހާއްސަ ކޮށްގެން ”ވެލާނާ އެވޯޑްސް 2026“ ގެ ނަމުގައި ހާއްސަ އެވޯޑެއް ތައާރަފުކޮށްފި އެވެ.

މި އެވޯޑާއި ގުޅޭގޮތުން ސަންގުޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި މައުލޫމާތު ދެމުން އެމްއޭސީއެލް ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ފަރާތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ވަރަށް ގިނަ މަސައްކަތް ތަކެއް 2025 ވަނަ އަހަރު ކުރިޔަށް ގެންދެވުނު ކަމަށެވެ.

މިއާއި އެކު 2024 ވަނަ އަހަރާއި 2025 ވަނަ އަހަރު އަޅާކިޔާއިރު ރިކޯޑު އަދަދަކަށް ހިދުމަތްދެވިފައިވާ ކަމަށާއި، ވެލާނާ އިންޓާރނޭޝަނަލް އެއަރޕޯޓުގެ އާ ޓަރމިނަލްގެ ހިދުމަތްތައް ފެށިގެންގޮސް މިހާރު ހުރިހާ އެއަރލައިނެއްގެ ހިދުމަތް ދެވެމުންދާކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، 8 މިލިއަނަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދެވިފައިވާއިރު، 89,000 ޓަނުގެ ކާގޯ ވަނީ ހޭންޑްލް ކުރެވިފައެވެ. މި ކާމިޔާބީއަކީ ގިނަ ބައެއްގެ ބުރަ މަސައްކަތުގެ ނަތީޖާކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާގެ މި ކުރިއެރުމުގެ ފަހަތުގައި ވިޔަފާރީގެ ބައިވެރިންގެ ދައުރު ބޮޑުކަން އެ ކުންފުނިން ފާހަގަކުރިއެވެ.

”ވެލާނާ އެވޯޑްސް“ ބޭއްވުމުގެ މައިގަނޑު މަގްސަދަކީ އެމްއޭސީއެލް ބުނި ގޮތުގައި މި ކާމިޔާބީތައް ހޯދުމުގައި އެހީތެރިވެދިން ވިޔަފާރި ބައިވެރިންގެ އަގުވަޒަންކޮށް، އެފަރާތްތަކަށް ޝުކުރު އަދާކުރުމެވެ. މި އެވޯޑުގެ ސަބަބުން ބައިވެރިންނާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވެ، ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތަކަށް ހާސިލުކުރުމަށް ހެޔޮ އަސަރުތަކެއް ކުރާނެކަމަށް އެމްއޭސީއެލްއިން ވަނީ ބުނެފަ އެވެ.

އެމްއޭސީއެލް ބުނި ގޮތުގައި އެހެން އެވޯޑުތަކާ ހިލާފަށް، ”ވެލާނާ އެވޯޑްސް“ އަކީ އަމިއްލައަށް ނަން ހުށަހަޅައިގެންދޭ އެވޯޑެއް ނޫނެވެ. އަދި މިއީ ސީދާ ތަފާސްހިސާބުތަކުގެ މައްޗަށް ބިނާކޮށް ދެވޭ އެވޯޑެއްކަމަށް ވަނީ ބުނެފަ އެވެ. އެމްއޭސީއެލް ބުނީ އެވޯޑު ދޭނެ ކެޓަގަރީތައް ކަނޑައަޅާފައި ވަނީ ބައިނަލްއަޤްވާމީ ދާއިރާގެ ބެންޗްމާކް ސްޓަޑީތަކަށް ބަލައި، ދުނިޔޭގެ އެހެން ގައުމުތަކުގައި މި ދާއިރާގެ ފާހަގަކޮށްލެވޭ ކުންފުނިތަކުން މިންގަނޑުތައް ކަނޑައަޅާ އުސޫލުން ކަމަށެވެ.

މިއީ މި އެވޯޑު ބާއްވާ ފުރަތަމަ ފަހަރުކަމަށްވާއިރު، ކުރިއަށް އޮތް ތަނުގައި ލިބޭ ހިޔާލުތަކާއެކު މި ހަރަކާތް އިތުރަށް ފުރިހަމަކޮށް އެވޯޑު ކެޓަގަރީތައް އިތުރުކުރަމުން ގެންދެވޭނެކަމަށް އެމްއޭސީއެލް ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: