ރާއްޖޭގެ އިގްތިސާދު ކުރިއަރުވަން މެކްރޯ އިކޮނޮމިކް އަދި ފިސްކަލް ޕޮލިސީ އެޑްވައިޒަރއެއް ޖަޕާނުން ފޯރުކޮށްދޭން ނިންމަވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެކަމާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ޖަޕާނަށް ކަނޑައަޅުއްވާފައިވާ ސަފީރު އިބްރާހިމް އުވައިސް ވަނީ އޮކްޓޯބަރ މަހު ރައީސް ސާލިހު ޖަޕާނަށް ކުރެއްވި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއް ކަމަށް ފާހަގަކުރައްވާފައެވެ. ޖަޕާނުން ރާއްޖެއާއި މެދު ފާއިތުވި އަހަރުތަކުގައި ޚާއްސަ ގާތްކަމެއް ބާއްވާފައިވާ ކަމަށާ، ރާއްޖޭގެ ތަރައްޤީއަށް ޖަޕާނުން ވެދެއްވާ އެހީތެރިކަމަށްޓަކާ ޝުކުރު އަދާކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.
“ ރާއްޖޭގެ އިގްތިސާދު ކުރިއަރުވަން ކުރާ މަސައްކަތުގައި ޖަޕާނުގެ އެހީތެރިކަން ލިބޭ. އޭގެ ތެރޭގައި މެކްރޯ އިކޮނޮމިކް އަދި ފިސްކަލް ޕޮލިސީ އެޑްވައިޒަރއެއް އެބަ ފޯރުކޮށްދޭ، އޭނާ އަންނަ މަހު ރާއްޖެ ވަޑައިގަންނަވާނެ. ޖަޕާނަކީ ރާއްޖޭގެ އިންސާނީ ވަސީލަތަށް ވެސް އެހީތެރިވާ ޤައުމެއް. ޖަޕާނުން ޖެނެސިސް ޕްރޮގްރާމް މެދުވެރިކޮށް، ޔޫތް އެކްސްޖޭންޗް ޕްރޮގްރާމެއް ހިންގާދިނުމާއި، ސްކޯލަރޝިޕް ޕްރޮގްރާމްތައް ފޯރުކޮށްދޭ. އެކަމަށްޓަކާ ޝުކުރު ދަންނަވަން“
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް މިއަހަރުގެ އޮކްޓޯބަރު މަހު ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު، ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާއި ދެމެދު ސޮއިކުރެވުނު އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ދިވެހިރާއްޖެއަށް ޖަޕާނުން ހަދިޔާކުރާ ތަކެތީގެ ލިސްޓް މިއަދު ވަނީ ހަވާލުކޮށްފައެވެ.

