ދައުލަތުން ބަލަހައްޓާ ކުދިން އުޅެމުންދާ ހުޅުމާލޭ ފިޔަވަތިން ކުއްޖަކު ފިލައިގެން ގޮސްފައިވާކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ.
ރޭގެ ވަގުތެއްގައި ސޯޝަލް މީޑިއާގައި ވަނީ ކުދިންގެ ތެރޭގައި ހިނގި ދެބަސްވުމެއްގެ ތެރެއިން އެއް ކުއްޖަކު ފިޔަވަތިން ފިލާފައިވާކަމަށް އަޑުތައް ފެތުރިފައެވެ. އެކަމާއި ގުޅޭ ސުވާލުތައް ފުލުހުންގެ މީޑިއާ ގްރޫޕުގައި ކުރުމުން ފުލުހުން ބުނީ ހުޅުމާލޭ ފިޔަވަތީގައި އުޅެމުންދާ ކުދިންގެ ތެރެއިން ތިން ކުއްޖަކު އެ ތާނގެ ފުރާޅު މައްޗަށް އަރައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ފިޔަވަތީގެ މުވައްޒިފުންނާއި ގުޅިގެން މިރޭ 7:25 އެހާކަންހާއިރު އެ ކުދިން ފުރާޅު މަތިން ބާލުވާފައިވާ ކަމަށެވެ.
ފިޔަވަތިން އެއްވެސް ކުއްޖަކު މިރޭ ފިލައިގެން ގޮސްފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީގެ ކުރިން ވެސް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންތަކެއް ކުޑަކުދިންގެ ހިޔާގެ ފާރު މައްޗަށް އަރައިގެން އުޅުނު މައްސަލައެއް ފެންމަތިވި އެވެ. އަދި އެތަނުން ބައެއް ކުދިން ފިލައިގެންދާ މައްސަލަތަކެއް ވެސް ހިނގާފައި ވެއެވެ.
”ފިޔަވަތި“ ގެ ވަށައިގެން އުސް ފާރެއް ރާނާފައި ހުރެއެވެ. ވިއްސަކަށް ފޫޓު އުސްކޮށް ހުރި އެ ފާރުމަތީގައި، ރައްކާތެރިކަމުގެ ގޮތުން ފަސް ވަރަކަށް ފޫޓުގެ ދާ ޖަހާފައި ވެއެވެ.

