ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނެ ތާރީހުތަކާ ގުޅޭގޮތުން ރައްޔިތުންގެ ހާއްސަ މަޖިލީހުގައި މީގެ ކުރިން ކުރެވުނު މުހިންމު ބަހުސްތަކާއި ނިންމުންތަކުގެ ތަފްސީލު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ހާމަކުރައްވައިފިއެވެ.
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ބަހުސަކީ މުޅިން އަލަށް ކުރެވޭ ބަހުސެއް ނޫން ކަމަށާއި، އެއީ މީގެ 18 އަހަރު ކުރިން ފެހި ޤާނޫނުއަސާސީ އެކުލަވައިލި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ބަހުސްކޮށް، ގޮތްތަކެއް ނިންމާފައިވާކަމަށް ނާޒިމް މީގެ ކުރިން ވެސް ވިދާޅުވި އެވެ. ޕީއެންސީގެ ޖަލްސާއެއްގައި ނާޒިމް ދެއްކެވި ވާހަކައާއި މެދު އެމްޑީޕީން ސުވާލު އުފައްދާފައި ވަނިކޮށް، ނާޒިމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބާއި އާންމު އިންތިޚާބު ބާއްވާނެ ތާރީހުތަކާ ގުޅޭގޮތުން ހާއްސަ މަޖިލީހަށް ތިން ހުށަހެޅުމެއް ހުށަހެޅި، ތާއީދު ލިބި، އެ މަޖިލީހުން އެކަމަށް ގޮތްތަކެއް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އެކަމާ ގުޅޭގޮތުން ހާއްސަ މަޖިލީހަށް އިސްލާހުތައް ހުށަހެޅުއްވީ މާލޭ މެންބަރު އިބްރާހީމް އިސްމާއީލާއި، މާޅޮސްމަޑުލު އުތުރުބުރީ މެންބަރު އަލީ ވަހީދާއި، އެ ދާއިރާގެ މެންބަރު ޝާހީން ހަމީދުކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.
ނާޒިމް އާންމު ކުރައްވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ހާއްސަ މަޖިލީހުގެ 257 ވަނަ ޖަލްސާގެ މެމްބަރުން ހުށަހަޅުއްވާ ހުށަހެޅުންގެ ކަރުދާހުގެ ފޮޓޯއެކެވެ. އެ ފޯޓުގައިވާ ގޮތުން މި ހުށަހެޅުން، ހުށަހަޅާފައި ވަނީ 2008 ވަނަ އަހަރުގެ މާޗު މަހުގެ 23 ގަ އެވެ.
ހުށަހެޅުމެއްގެ ގޮތުގައި ބަޔާންކޮށްފައި ވަނީ ދެން އެންމެ އަވަހަށް އޮންނަ ރިޔާސީ އިންތިހާބަކާއި ރައްޔިތުންގެ މަޖިލީހުގެ އާންމު އިންތިހާބު ބާއްވާނީ އެކުއެކީގައި ކަމަށެވެ. އަދި މި ދެ އިންތިހާބު ބާއްވާނީ ގާނޫނުއަސާސީއަށް އަމަލު ކުރަން ފަށާ، ދުވަހުން ފެށިގެން ހަ މަސް ދުވަހާއި އަށް މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައިކަމަށް ވެއެވެ.
ހަމަ މި ތާރީހުގައި އިންތިގާލީ ކަންތައްތަކާއި ބެހޭ ބާބުގެ ގޮތުގައި ހުށަހަޅާފައި ވަނީ، ގާނޫނުއަސާސީއަށް އަމަލު ކުރާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ދެން އޮންނަ ރިޔާސީ އިންތިހާބާއި ދެން އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި ބާއްވަން ވާނެކަމަށެވެ.
މިއީ މާޅޮސްމަޑުލު އުތުރުބުރީ މެމްބަރު އަލީ ވަހީދު ހުށަހަޅައި، ކޮޅުމަޑުލު މެމްބަރު ރިޔާޟް ރަޝީދު ތާއީދު ކުރައްވާފައިވާ ހުށަހެޅުމެކެވެ.
ތިންވަނަ ކަރުދާހެއްގެ ގޮތުގައި ނާޒިމް އާންމު ކުރެއްވީ 30 މާޗުގެ ހުށަހެޅުމެކެވެ. އެ ކަރުދާހުގައި ވަނީ ގާނޫނުއަސާސީއަށް އަމަލު ކުރަން ފަށާ ތާރީހުން ފެށިގެން ހަ މަސް ދުވަހާއި، އަށް މަސް ދުވަސް ތެރޭގައި ދެން އޮންނަ ރިޔާސީ އިންތިހާބާއި ދެން އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކުގައި ބާއްވަން ވާނެ ކަމަށެވެ.
މިއީ މާޅޮސްމަޑުލު އުތުރުބުރީ މެމްބަރު ޝާހީން ހަމީދު ހުށަހަޅައި، ތިލަދުންމަތީ އުތުރުބުރީ މެމްބަރު އަހުމަދު މުއިއްޒު ތާއީދު ކުރެއްވި ހުށަހެޅުމެކެވެ.
ޕީއެންސީ ޖަލްސާގައި ނާޒިމް ވިދާޅުވެފައި ވަނީ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ފަހު، އިންތިހާބުތައް ތަރުތީބުކުރުމާއި ތާރީޚުތައް ކަނޑައެޅުމުގެ ބަހުސް އޭރު ހާއްސަ މަޖިލީހުގައި ކުރިއަށްދިޔަ ކަމަށެވެ. އަދި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ އޭރު މަޖިލީހުގައި ތިއްބެވި މެންބަރުން ދެކޮޅު ހެއްދެވި ކަމެއް ނޫންކަމަށް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވި ގޮތުގައި، 2008 ވަނަ އަހަރު ރިޔާސީ އިންތިހާބު ބޭއްވުމަށް ފަހު، މަޖިލިސް އިންތިހާބު 2009 ވަނަ އަހަރުގެ މެއި މަހާ ހަމައަށް ލަސްވެގެން ދިޔައީ ގުޅުންހުރި ގާނޫނުތައް ހެދުން ލަސްވުމުގެ ސަބަބުންނެވެ. ނަމަވެސް، ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާހަށް އެމްޑީޕީން ދަނީ ފާޑުކިޔަމުންނެވެ. އެ ޕާޓީން ބުނަމުން ދަނީ ހަރަދު ކުޑަކުރުމުގެ ނަމުގައި ސަރުކާރުން ދައްކަނީ ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަމަށާއި، ގާނޫނުއަސާސީ އެކުލަވައިލިއިރު މިފަދަ ބަހުސެއް ހިނގާފައި ނުވާ ކަމަށެވެ.

