ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާމިނަލްގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެކްސްޗޭންޖް ކައުންޓަރަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ވަޅިން ބިރުދެއްކުމަށްފަހު ފޭރުނު މައްސަލާގައި 8 މީހެއްގެ މައްޗަށް ދައުލަތުން ދަޢުވާ އުފުލައިފިއެވެ.
މި މައްސަލާގައި ދަޢުވާތައް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ 8 ފެބްރުވަރީ 2026 އަދި 26 ފެބްރުވަރީ 2026 ގައެވެ.
މި ހާދިސާ ހިނގާފައިވަނީ 27 އޮކްޓޯބަރު 2025 ދުވަހުގެ ހަވީރު 4:15 އެހައިކަށްހައިއިރުއެވެ.
ބީއެމްއެލްގެ ދެ މުވައްޒަފަކު ސޫޓްކޭސްއަކަށް އަޅައިގެން ގެންދިޔަ ގިނަ އަދަދެއްގެ ބޭރު ފައިސާއާއި ދިވެހި ފައިސާ ފޭރިގަނެފައިވަނީ އެއަރޕޯޓްގެ އައު ޓާމިނަލްގެ ގޭޓް 1 ގެ ކުރިމަތީގައި ތިއްބައި ވަޅިން ބިރުދެއްކުމަށްފަހުގައެވެ.
ފޭރިގަތް ފައިސާގެ ތެރޭގައި 106,120 ޔޫއެސް ޑޮލަރާއި، 4,900 ޔޫރޯގެ އިތުރުން ޕައުންޑް، ސިންގަޕޯރ ޑޮލަރު، ޖަޕަނީސް ޔެން އަދި އެހެނިހެން ގައުމުތަކުގެ ފައިސާ ހިމެނެއެވެ.
ދަޢުވާ އުފުލާފައިވާ މީހުންނާއި ދަޢުވާތަކުގެ ތަފްޞީލު
މި މައްސަލާގައި އެންމެ އިސްކޮށް އުޅުނު ތ. ވިލުފުށި، އެހީވާގެ، އަޙްމަދު މާޙިދުގެ މައްޗަށް ފޭރުމުގެ ކުށުގެ ދަޢުވާގެ އިތުރުން، ގޭންގުތަކުން ހިންގާ ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ތޫނުއެއްޗެއް ބޭނުންކޮށްގެން ބިރުދެއްކުމާއި، ޢާންމު ތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ދަޢުވާ ވަނީ އުފުލާފައެވެ. ސ. ހިތަދޫ، ވަށަގުލިމާގެ، ޢަލީ އަފްޒަލްގެ މައްޗަށް ފޭރުމުގެ ދަޢުވާގެ އިތުރުން ތޫނުއެއްޗެއް ބޭނުންކޮށްގެން ބިރުދެއްކުމުގައި ބައިވެރިވުމުގެ ދަޢުވާ ވަނީ އުފުލާފައެވެ.
މީގެ އިތުރުން، ފޭރުމުގައި ބައިވެރިވުމުގެ ދަޢުވާ އުފުލާފައިވާ މީހުންނަކީ ގއ. ވިލިނގިލި، ބިނާ، ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރާއި، ކ. ގުރައިދޫ، އަޅިވިލާގެ، ޙުސައިން ޝަހުދުއާއި، ލ. މާވައް، ރޭޝަމް، މާޒިން މޫސާއާއި، މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމްއާއި، ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް އަދި ރ. މަޑުއްވަރި، މީޒާން، އިސްމާޢީލް ސިރްހާން އެވެ.
ދައުލަތުން ކޯޓަށް ހުށަހެޅި މައްސަލާގައި، މި ޢަމަލުގެ ސަބަބުން ބޭންކް އޮފް މޯލްޑިވްސްއަށް ލިބުނު ގެއްލުމުގެ ބަދަލު ދަޢުވާލިބޭ މީހުންގެ އަތުން ނަގައިދިނުމަށްވެސް ވަނީ އެދިފައެވެ. މި މައްސަލައަކީ އެއަރޕޯޓް ފަދަ ސަލާމަތީ ގޮތުން ވަރުގަދަ ތަނެއްގައި ހިންގާފައިވާ ނުރައްކާތެރި ޖަރީމާއެކެވެ.

