ހިމަބިއްސަށް ޝައްކު ކުރެވޭ ކުއްޖަކަށް އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފިއެވެ.
އެ ކުއްޖާ އަށް މިހާރު އެ ހޮސްޕިޓަލުގައި ފަަރުވާ ދެމުންދާއިރު، ދާދި ފަހުން ވަނީ ހިމަބިއްސަށް ޝައްކު ކުރެވުނު އުމުރުން ތިން އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ފަރުވާދީ، ހޮސްޕިޓަލުން ދޫކޮށްލާފައެވެ.
ހިމަބިއްސަށް ޝައްކު ކުރެވިގެން މިހާރު ފަރުވާދެމުން ދަނީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުން، އެ ކުއްޖާގެ ގައިގައި ގިނަ އަދަދަކަށް ކުދި ބިހި ނަގާފައިވެއެވެ. އަދި ހިމަބިއްސަށް ޝައްކު ކުރެވޭތީ ޓެސްޓުތައް ހަދަން ފޮނުވާފައިވާ ކަމަށާއި އެ ކުއްޖާ އައިޖީއެމްއެޗުގައި އެޑުމިޓުކޮށްފައި ވަނީ ރޭ އިރާކޮޅު ކަމަށް ވެސް ޚަބަރު ލިބިފައި ވެއެވެ.
ނަމަވެސް، މިކަމާއި ގުޅޭގޮތުން އައިޖީއެމްއެޗްގެ އިތުރުން ހެލްތު މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
2017 ވަނަ އަހަރު ރާއްޖެއިން ހިމަބިހި އެއްކޮށް ނައްތާލެވިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، (ޑަބްލިއުއެޗްއޯ)އިން ވަނީ ކަނޑައަޅާފައެވެ.
އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. އަހުމަދު ފައިސަލް މިދިޔަ ބުރާސްފަތި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭން ހިމަބިހި މި ފެނުނީ ދޮޅުއަހަރު ދުވަސް ފަހުން ކަމަށެވެ.
ހިމަބިއްސަކީ ވައިރަސް އެއްގެ ސަބަބުން ޖެހޭ ގައިންގަޔަށް އަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މިބަލި ޖައްސަނީ ޕެރަމިކްސޯ ވައިރަސް(Paramyxovirus) ގެ ތެރޭގައި ހިމެނޭ މީސްލް ވައިރަސް(Measles) ގެ ސަބަބުންނެވެ. އާންމު ގޮތެއްގައި މިބުނި ވައިރަސް އަކީ ނޭވާލާ ނިޒާމަށް ބަލި ޖައްސުވާ ވައިރަސް އެކެވެ.
ގިނައިން ޖެހެނީ ކުޑަކުދިންނަށް ކަމަށްވިޔަސް އާންމުކޮށް ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ހިމަބިހި ޖެހިދާނެ އެވެ. އެއްފަހަރު ހިމަބިހި ޖެހުމުން މުޅި އުމުރަށް އެމީހާ ހިމަބިހިން ދިފާޢުކޮށް ދެއެވެ. 1963 ވަނަ އަހަރު ހިމަބިހިން ރައްކާތެރިވުމަށް ވެކްސިން ތަޢާރަފްކުރި ފަހުން ހިމަބިހި ޖެހޭ މިންވަރު ނިސްބަތުން ދަށްވެގެން ގޮސްފައި ވެއެވެ.

