ރުހުނަސް އަދި ނުރުހުނަސް، ދިވެހި ސަރުކާރަށް ޖެހޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ޤައްޔޫމް އަށް ކަފާލާތު ދޭން ކަމަށް، ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ސިއްދީޤް ވިދާޅުވެއްޖެއެވެ.
ސިއްދީޤް މިހެން ވިދާޅުވީ، ސަންގު ޓީވީގެ ”ޚަބަރަށް ފަހު“ ޕްރޮގުރާމްގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ. ސިއްދީޤް ވިދާލުވީ، ހައި ކޯޓުގެ 2018 ވަނަ އަހަރު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މައްޗަށް ކޮށްފައިއޮތް ހުކުމާއި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫންގެ މައްޗަށް ކުރި ހުކުމާއި އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަސް ކޮށްްފައިވާ ހޔުކުމްތަކުގެ ދަށުން ހައިކޯޓުން ކަފާލާތުގެ ދަށުން އެ ތިން ބޭފުޅުން މިނިވަން ކުރި ކަމަށެވެ. އެހެން ކަމުން އެ ހުކުމްތަކުގެ ގަޒީއްޔާތައް ހައިކޯޓުން ،ބާތިލުނުކުރާހާ ހިނދަކު، ސަރުކާރަށް ޖެހޭނީ ކަފާލާތުގެ ދަށުން ރައީސް ޔާމިން މިނިވަންކުރަން ކަމަށެވެ.
”ސަރުކާރުން ކުރަންޖެހޭނެ ކަމަކީ މި ތިން ގަޒިއްޔާ ބާތިލްކުރަން ޖެހޭނީ، ދިވެހިރާއްޖޭގެ ހައި ކޯޓުގެ 292 ވަނަ ގަޒިއްޔާ އާއި 312 ވަނަ ގަޒިއްޔާ އާއި 445 ވަނަ ގަޒިއްޔާ، މި ތިން ގަޒިއްޔާ އަކީ ކުރީގެ ރައީސް މައުމޫން ކަފާލާތުގެ ދަށުން ދޫކޮށްލި މައްސަލައިގެ ގަޒިއްޔާ އާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން ކަފާލާތުގެ ދަށުން ދޫކޮށްލި މައްސަލައިގެ ގަޒިއްޔާ އާއި އޮނަރަބަލް ޤާސިމް އިބްރާހިމް ދޫކޮށްލި މައްސަލައިގެ ގަޒިއްޔާ.“ ސިއްދީގު ވިދާޅުވިއެވެ.
ސިއްދީޤް ވިދާޅުވީ، ރައީސް ޔާމިންގެ މައްޗަށް ކޮށްފައިވަނީ ސިޔާސީ ހުކުމެއް ކަމަށާއި ނަމަވެސް އެ ހުކުމަށް އިޚްތިރާމްކުރުމުގެ ގޮތުން ކަނަޑައެޅިފައިވާ އުސޫލުގެ މަތިން ކޯޓުގައި އިސްތިއުނާފަށް އަދި ކަފާލަތަށް އެދިފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ފަސް ގާޒީންގެ ބެންޗުން އިއްތިފާގުވެ ހުކުމް ކޮށްފައި ވަނީ ރައީސް ޔާމީން ފަސް އަހަރަށް ޖަލަށް ލުމަށެވެ. އޭގެ އިތުރުން މަނީ ލޯންޑަރ ކުރިކަމަށް ސާބިތުވި އެއް މިލިއަން ޑޮލަރުގެ ފަސް ގުނަ ކަމަށްވާ ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި ދައުލަތަށް ދެއްކުމަށް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ހުކުމްކޮށްފައެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ކުރީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން އެންމެ ބޮޑަށް ތުހުމަތުވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ދެ ޗެކަކުން އެއް މިލިއަން ޑޮލަރު އިސްލާމިކް ބޭންކްގައި އޮންނަ ޔާމީންގެ ސޭވިން އެކައުންޓަށް ޖަމާކުރި މައްސަލާގަ އެވެ. އެ އެއް މިލިއަން ޑޮލަރު އޭގެ ފަހުން ވަނީ އިސްލާމިކް ބޭންކްގައި އޮންނަ ރައީސް ޔާމީންގެ ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓަކަށް ޓްރާންސްފާކޮށްފަ އެވެ..

