ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ދިގުމުއްދަތަކަށް ތެޔޮ ރައްކާކުރެވޭނެ ނިޒާމެއް ގާއިމްކުރުން: އިގްތިސާދީ ރައްކާތެރިކަމަށް އެޅޭ މުހިންމު ފިޔަވަޅެއް

އެސްޓީއޯ އިން ރާއްޖޭގެ އެތެރޭގައި ތެޔޮ ސަޕްލައި ކުރާ ފިއުލް ސަޕްލައި މޯލްޑިވްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަކީ އުފެއްދުންތެރިކަމާއި ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައި ހަކަތައަށް ނުވަތަ ތެލަށް އިންތިހާއަށް ބަރޯސާވެފައިވާ ގައުމެކެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި، ބައިނަލްއަގުވާމީ ސިޔާސީ މަސްރަހަށް އަންނަ ލޮޅުންތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެއެވެ. މިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ރާއްޖޭގެ ތިން ސަރަހައްދެއްގައި އެއް އަހަރު ދުވަހަށް ވާވަރަށް ތެޔޮ ރައްކާކުރެވޭނެ ”ނޭޝަނަލް ފިއުލް ރިޒާވް“ އެއް ގާއިމްކުރުމަށް ސަރުކާރުން މިވަނީ ނިންމާފައެވެ.

މެދުއިރުމަތީގެ ހާލަތާއި ގުޅިގެން ރައީސް ޑރ މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލީ ވަޒީރު މޫސާ ޒަމީރު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު ހީނަރުކަމެއް އަންނަނީ ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުންނެވެ.

ރާއްޖެއަކީ ތެޔޮ އުފައްދާ ގައުމަކަށް ނުވުމާއެކު، ބޭރުގެ ބާޒާރުން ތެޔޮ ގަތުމަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ހޭދަކުރަންޖެހެއެވެ. އެހެންކަމުން، ގައުމީ ފެންވަރުގެ ތެޔޮ ރިޒާވެއް އޮތުމަކީ ކުއްލި ހާލަތްތަކުގައާއި ހަނގުރާމައިގެ ވަގުތުތަކުގައި ގައުމުގެ ހަކަތައިގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

މި މަޝްރޫއަކީ ފަސް އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ދިގުމުއްދަތުގެ ޕްލޭނެކެވެ. މީގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ އުތުރާއި، މެދާއި، ދެކުނު ހިމެނޭހެން ތިން ސަރަހައްދެއްގައި ތެޔޮ ރައްކާކުރެވޭނެ ވަސީލަތްތައް ގާއިމްކުރުމެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ގުޅިގެންނެވެ. މިއީ ހަމައެކަނި ތެޔޮ ރައްކާކުރުމުގެ ނިޒާމެއް ނޫން ކަމަށާއި، މިއީ ރާއްޖޭގެ މާލީ ރިޒާވަށް އަންނަ ޕްރެޝަރު ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުން ދެކެއެވެ.

އެއް އަހަރު ދުވަހުގެ ތެޔޮ ރިޒާވެއް ގާއިމްކުރެވުމުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކުއްލިއަކަށް އުފުލިގެންދާ ވަގުތުތަކުގައި ރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް ފުރުސަތު ލިބިގެންދާނެއެވެ. މީގެ ސަބަބުން ކަރަންޓުގެ އަގާއި، ދަތުރުފަތުރުގެ އަގުތައް އަތްނުފޯރާ ފަށަށް ދިއުން ހުއްޓުވޭނެއެވެ. އަދި ހަމައެހެންމެ، ކާބޯތަކެއްޗާއި އެހެނިހެން މުދަލުގެ އަގު އުފުލުމުން ރައްޔިތުން ސަލާމަތްކޮށްދީ، ގައުމުގެ އިންފްލޭޝަން ރޭޓް ކޮންޓްރޯލް ކުރުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެއެވެ.

ނޭޝަނަލް ފިއުލް ރިޒާވްއެއް ގާއިމްކުރުމަކީ ރާއްޖޭގެ އިގްތިސާދީ މިނިވަންކަމާއި ސަލާމަތްތެރިކަމަށްޓަކައި އެޅޭ ވަރަށް ހިކުމަތްތެރި ފިޔަވަޅެކެވެ. މި މަޝްރޫއު ކާމިޔާބުކަމާއެކު ނިމުމުން، ބޭރުގެ ނުފޫޒުތަކާއި ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުން ރާއްޖޭގެ އިގްތިސާދު ރައްކާތެރިކުރެވި، ދެމެހެއްޓެނިވި ތަރައްގީއަށް މަގުފަހިވެގެންދާނެއެވެ. މިއީ އަންނަން އޮތް ޖީލުތަކަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: