އެމްޑީޕީގެ ވެރިކަމުގައި ކޮށްދޭން ބުނެފައި ހުރި އެއްވެސް ކަމެއް ދިއްދޫގެ ފަސްގަނޑަށް ވެފައި ނުވާ ކަމަށާއި، ދިއްދޫއަށް ލިބިފައިވާ ތަރައްްގީގެ ވާހަކަ މިހާ ބާރަށް ދެއްކެނީ ޕީއެންސީ ނޫން ބަޔަކު އެ ރަށަށް ތަރައްގީ ނުގެންނާތީ ކަމަށް ޕީއެންސީގެ ނައިބް ރައީސް އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ދިއްދޫގައި ބޭއްވި ޕީއެންސީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު އުފެދުނީއްސުރެ ދިއްދޫގެ ތާރީޚުގައި އެމްޑީޕީއަކީ ދޮގުހަދާ ޕާޓީއެއް ކަމަށެވެ. އަދި ފާއިތުވި 11 އަހަރުގެ ތެރޭގައި އެމްޑީޕީއަށް ދެ ވެރިކަން ދިނުމުން ވެސް ދިއްދޫއަށް ކޮށްދިން އެއްވެސް ކަމެއް ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޝުޖާއު ވިދާޅުވީ 4 އޭޕްރީލް 2026 ގައި ވޯޓުލާއިރު، ރަނގަޅަށް ވިސްނަވާފައި ވޯޓު ދެއްވުމަށެވެ. އަދި ރައްޔިތުން ރަނގަޅަށް ވިސްނައިފިނަމަ ޕީއެންސީގެ ރަމްޒު ކަމަށްވާ ދޫނީގެ ފާހަގަ ނޫން އެހެން ފާހަގައެއް ނުޖައްސަވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދިއްދޫގެ ތާރީޚުގައި ނުއުފެދޭ ވަރަށް މިހާރު ވަޒީފާގެ ފުރުސަތުތައް ގާއިމްވެފައިވާ ކަމަށާއި، މިއީ ވެސް ޕީއެންސީއަށް ވޯޓު ދޭންޖެހޭ ސަބަބެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ. ޝުޖާއު އިތުރަށް ވިދާޅުވީ ގޭބީސީތަކަށް ފާގަތިކަމާއި ރައްޔިތުންގެ މޫނަށް އުފާވެރިކަން ގެނެސްދިނީ މި ސަރުކާރުން ކަމަށެވެ.
އެމްޑީޕީގެ ވެރިކަމުގެ ނާކާމިޔާބީއަށް އަލިއަޅުވާލަމުން ޝުޖާއު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ދިއްދޫގައި ދެ ފުޓްބޯޅަ ދަނޑު އަޅައިދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް، ފަސް އަހަރު ނިމިގެން ދިޔައިރު އެންމެ ދަނޑެއް ވެސް އެޅިފައި ނުވާ ކަމަށެވެ. އަދި އެމްޑީޕީން ހއ. އަތޮޅުގެ ރައްޔިތުންނަށް ދޮގު ހެދުމުގެ ސިލްސިލާ 2010 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

